ރާޖް ކުމާރް ހިރާނީ ޑައިރެކްޓްކޮށް، ވިދޫ ވިނޮޑް ޗޮޕްރާ ޕްރޮޑިއުސް ކުރި ބޮލީވުޑް ފިލްމު "ސަންޖޫ" ގެ ޓީޒާ އާންމު ކޮށްފިއެވެ.

ޓީޒާ އާންމުވިތާ މަދު ވަގުތު ކޮޅެއްގެ ތެރޭގައި މުޅި މީސްމީޑިއާގައި "ސަންޖޫ"ގެ ޓީޒާ ވަނީ ވައިރަލްވެފައެވެ.

"ސަންޖޫ" ގެ ޓީޒާ ރިލީޒްކުރުމަށް ބޭއްވި ހަފްލާގައި ގިނަ ބޮލީވުޑް ތަރިންތަކެއް ބައިވެރިވެފައިވާއިރު، ފިލްމުގެ ޕްރޮޑިއުސަރު ވިދޫ އާއި ޑައިރެކްޓަރު ރާޖް ކުމާރު އަދި ފިލްމުގެ ލީޑް ރޯލުން ފެނިގެންދާ ކުޅަދާނަ އެކްޓަރު ރަންބީރް ކަޕޫރްވަނީ ސްޓޭޖްގެ ކުރިމައްޗަށް އައިސް ޓީޒާ ރިލީޒިންގައި ބައިވެރިވެފައެވެ.

 

"އަހަރެންނަކީ އަބަދުވެސް ސަންޖޭ ދަތުގެ ފޭނެއް. އެހެންވެ މި ފިލްމު ކުޅެމުންދިޔަ އިރު އަހަރެންނަށް ސިފަވީ މީހަކު އޭނަގެ ފޭނެއްގެ އައިކަން ސްކްރީން ކުރިމަތީ ދައްކައިދޭން މަސައްކަތް ކުރަނީއޭ. އަހަރެންނަށް އެންމެ އުނދަގޫވީ ކޮންފިޑެންސް ނެރެން ފިލްމުގެ ރޯލުތަކަށް. ސަންޖޭގެ ހަޔާތުގަ ދިމާވި އެ ކަންތައްތައް ފިލްމުން ދައްކައިދޭން ވަރަށް އުނދަގޫވި" އެ ހަފްލާގައި ވާހަކަ ދައްކަމުން ރަންބީރް ބުނެފައިވެއެވެ.

"ސަންޖޭ އަކީ އަހަރެންގެ އާއިލީ ރަހުމަތްތެރިއެއް. އަހަރެންނާ މެދު ސަންޖޭ ވެސް ދެކޭނީ ކޮއްކޮއެއް ގޮތަށް. އޭރުވެސް އަހަރެންނަކީ ސަންޖޭގެ ފޭނެއްކަން އޭނައަށްވެސް އެނގޭނެ. އެކަމަކު އޭރުގެ ސަންޖޭއެއް ނޫން ފިލްމުން ފެނިގެން މި ދަނީ. އަހަރެންނަށް ނޭނގޭ ވަރަށް ގިނަ ބޮޑެތި ކަންތައްތައް އޭނަގެ ހަޔާތުގަ ދިމާވެފަ އެބަހުރި. ޑްރަގްގެ މައްސަލައެއްގައި އޭނާގެ ހަޔާތް ވޭތުވި ގޮތާއި މަންމަގެ ވަކިވެދިއުމާއި ޓެރަރިޒަމްގެ ދައުވާ ކުރުވުނު ގޮތާއި ބައްޕަ އަދި އޭނާގެ ލޯބިވެރިޔާ އާއި އޮތް ހީނަރު ގުޅުމާއި ހުރިހާ ކަމެއް އެނގިގެން މި ދިޔައީ މި ފިލްމުން. ސްކްރިޕްޓް ފެނުމުން ވަރަށް ބޮޑު ހައިރާންކަމެއް ލިބިގެން ދިޔައީ" ރަންބީރް އިތުރަށް ބުނެފައިވެއެވެ.

ސަންޖޭ ދަތުގެ ހަޔާތާއި ގުޅޭގޮތަށް އުފައްދައިފައިވާ މި ފިލްމުގެ ލީޑް ރޯލުން ފެނިގެންދާ ކުޅަދާނަ އެކްޓަރ ރަންބީރް ކަޕޫރްގެ އިތުރުން އޭނާ އާއި އެކު މި ފިލްމުގައި އަނުޝްކާ ޝަރުމާއާއި ސޯނަމް ކަޕޫރް ފަދަ ފަންނާނުން ވެސް ހަރަކާތްތެރިވާނެއެވެ.

މި ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 29 ވަނަ ދުވަހުގައި ކަމަށާއި ބެލުންތެރިންނަށް މި ފިލްމުގެ ޓްރެއިލާ ފެނިގެންދާނީ މެއި މަހުގެ އަށްވަނަ ދުވަހު ކަމަށް ފިލްމުގެ ޑައިރެކްޓަރު ހިރާނީ ބުނެއެވެ. އެއީ އެ ދުވަހަކީ މި ފިލްމު ނިސްބަތްވާ ފަރާތް ކަމުގައިވާ ސަންޖޭ ފުރަތަމަ ބޮލީވުޑުން ފެނިގެން ދިޔަ ދުވަސް ކަމުގައިވާތީ ކަމަށްވެސް ޚަބަރުތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު