ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، އަހަރެމެން ހިތަށް ނާރާފަދަ އެތައް ވަޒީފާއެއް، އެތައް ބަޔަކު ދަނީ އަދާ ކުރަމުންނެވެ. އެގޮތުން، އޭގެތެރެއިން ބައެއް ވަޒީފާތަކަކީ ނުވަތަ އިންޓާންޝިޕް ޕްރޮގުރާމުތަކަކީ އާއްމުކޮށް ބުނާކަމުގައިވާނަމަ ވަރަށް "ސަޅި" ކަންކަމެވެ. އެފަދަ ކަންކަން ރާއްޖޭގައިވެސް ހުންނަ ނަމައޭ ހިތަށް އަރާފަދަ ކަންކަމެވެ.

ދުނިޔޭގެ އެންމެ ވަރުގަދަ ސައިކަލު އުފައްދާ އެއް ކުންފުނިކަމުގައިވާ "ހާލީ ޑޭވިޑްސަން" އިން މިވަނީ ތަފާތު އިންޓާންޝިޕް ފުރުޞަތުތަކެއް ހުޅުވާލާފައެވެ. އިންޓާން ވަޒީފާގެ މަސްއޫލިއްޔަތަކީ ކޮބައި ހެއްޔެވެ؟ އެއީ ހަމައެކަނި ސައިކަލު ދުއްވުމެވެ.

12 ހަފްތާގެ މުއްދަތަކަށް ކުރިއަށް ގެންދާ މި އިންޓާންޝިޕްގެ ނަމަކީ "ފައިންޑް ޔުއަރ ފްރީޑަމް" އެވެ. ނުވަތަ ތިމާގެ އަމިއްލަ މިނިވަންކަން ހޯދާށެވެ.

ކޮންމެ މުވައްޒަފަކަށް ހާލީ ސައިކަލެއް ދޭއިރު، ސައިކަލު ދުއްވުމަށްފަހު، އެތަކެއްޗާ ބެހޭގޮތުން ހާލީ ކުންފުންޏަށް އަންގަން ޖެހޭ މައުލޫމާތު އަންގަން ޖެހޭކަމަށް "އެސޯސޭޓެޑް ޕްރެސް" އިން ބުނެފައިވެއެވެ. އަދި، ސައިކަލުގެ ފޮޓޯ ނަގާ ވީޑިޔޯ ކޮޅު ކޮޅުވެސް ރިކޯޑުކުރަންޖެހޭކަމަށް ބުނެފައިވެއެވެ.

ހާލީ ކުންފުނިން ބުނެފައިވާ ގޮތުގައި މި މަޤާމަށް ނުވަތަ މި އިންޓާންޝިޕް ޕްރޮގުރާމަށް ކުރިމަތިލެވޭނީ އުމުރުން 18 އަހަރު ފުރި، މީސް މީޑިޔާގެ ދާއިރާއިން ކުރިއަށް ދާން ބޭނުންވާ ފަރާތްތަކަށެވެ.

ކޮންމެހެން ވަކި ޤައުމެއްގެ ވަކި ނަސްލެއްގެ މީހަކަށް ވާކަށް ނުޖެހެއެވެ.