ރޮބޮޓްތަކާއި މަސައްކަތް ހަވާލު ކުރުން އެއީ ބައެއް މީހުން މީގެ ކުރިން ވަރަށް ބޮޑަށް ނުރުހުން ފާޅުކުރަމުން އައި މައްސަލައެކެވެ. އެތައް ބައެއްގެ ވަޒީފާ ގެއްލި، އެތައް ގޮންޖެހުމެއް ކުރިމަތިވާނެ ކަމެއް ކަމަށް ބުނަމުން ދިޔައެވެ. ނަމަވެސް މިއަދު ކޮވިޑް-19 އާއި ގުޅިގެން ދުނިޔެއަށް ކުރިމަތިވެފައި މިވާ ހާލަތައް ބަލާއިރު ރޮބޮޓްގެ މުހިއްމުކަން މިވަނީ ވަރަށް ބޮޑުވެފައެވެ.

ކޮވިޑް-19 އާއި ގުޅިގެން ބައެއް ހޮސްޕިޓަލްތަކުން ވަނީ ރޮބޮޓްގެ ބޭނުން ކޮށްގެން ބަލި މީހުންނަށް ފަރުވާދީ، ބަލި މީހުންގެ ހާލު ބަލާފައެވެ. އެފަދަ އެއް ހޮސްޕިޓަލީ ވޫހާންގެ ހޮންގް ޝަން ސްޕޯޓްސް ސެންޓަރުގައި ހުޅުވި ވަގުތީ ހޮސްޕިޓަލެވެ.

ބެއިޖިންގެ ރޮބޮޓް އުފައްދާ ކުންފުންޏެއް ކަމަށްވާ "ކްލައުޑް މައިންޑްސް" އިން ވަނީ ކޮވިޑް-19 އެންމެ ބާރަށް ފެތުރެމުން ދިޔަ ދުވަސްވަރު ވޫހާން އަށް 14 ރޮބޮޓެއް ފޮނުވާފައެވެ.

މި ރޮބޮޓްތަކުން ވަނީ ކޮވިޑް-19 ޖެހުނު ބަލި މީހުން ތިބި ސަރަހައްދުތައް ޑިސްއިންފެކްޓްކޮށް، ބަލި މީހުން ތިބި ތަންތަން ސާފު ކުރުމުގެ މަސައްކަތާއި، ބަލި މީހުންނަށް ބޭސް ދިނުމުގެ މަސައްކަތާއި އަދި ބަލި މީހުންގެ ހުން ބެލުމުގެ މަސައްކަތް ވެސް ކޮށްފައެވެ.

ހޮންގް ޝަން ސްޕޯޓްސް ސެންޓަރުގައި ކްލައުޑް މައިންޑްގެ ރޮބޮޓްތަކުގެ އިތުރުން ވަރަށް ގިނަ އެހެން ސްމާޓް ޑިވައިސްތަް ވެސް ބޭނުން ކުރިއެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އެހޮސްޕިޓަލް ހިންގަމުން ގެންދިޔައީ "ރޮބޮޓްތައް އިސްވެ ހިންގަމުން ގެންދިޔަ ފީލްޑް ހޮސްޕިޓަލެއްގެ ގޮތުގައެވެ."

ކްލައުޑް މައިންޑްސް އިން ކޮވިޑް-19 ބަލި މީހުންނަށް ފަރުވާ ދިނުމަށް ބޭނުން ކުރި ރޮބޮޓްތަކަކީ 17000 އެމެރިކާ ޑޮލަރާއި 72000 އެމެރިކާ ޑޮލަރާއި ދެމެދުގެ އަގުތަކުގެ ރޮބޮޓްތަކެކެވެ.

މި ރޮބޮޓްތައް ވަނީ ހޮސްޕިޓަލަށް ވަންނަ މީހުންގެ ހުން ބެލުމުގައި ވެސް ހަރަކާތްތެރިވެފައެވެ. ހޮސްޕިޓަލަށް ވަންނަ މީހަކުގެ ހަށިގަނޑުގައި ހުން ހުރިނަމަ ވަގުތުން އެކަން އަންގަމުން ގެންދިޔައެވެ. އެހެންކަމުން ވަރަށް ފަސޭހަ ކަމާއި އެކު ބަލީގެ އަލާމާތްތައް ހުރި މީހުން ދެނެގަތުމުގައި ވެސް ރޮބޮޓްގެ އެހީ ލިބިފައި ވެއެވެ.

ހޮންގް ޝަން ސްޕޯޓްސް ސެންޓަރުގެ އިދާރީ މަސައްކަތްތައް ކުރީ ވެސް "ގިންގާ" ނަމަކަށް ކިޔާ ރޮބެޓެކެވެ. އެ ރޮބެޓުން ވަނީ ކޮވިޑް-19 އާއި ގުޅިގެން މީހުން ހޭލުންތެރި ކުރުވުމުގެ މަސައްކަތް ވެސް ކޮށްފައެވެ.

ކޮވިޑް-19 އާއި ގުޅިގެން ދުނިޔެ އެތައް ފިލާވަޅެއް ފަސްކޮށްފިއެވެ. މިއީ ކުރިއަށް އޮތްތަނުގައި ދިމާވެދާނެ މިފަދަ ހާލަތެއްގައި ރޮބޮޓް ބޭނުން ކުރުން އެހެން ލެވަލް އަކަށް ގެންދަން ލިބުނު ތަޖުރިބާއަކަށް ވެސް ވެގެން ދާނެ ކަން ޔަގީނެވެ.