1950 އާއި 1960 ގެ އަހަރުތަކުގައި ހިންދީ ފިލްމްތަކުން ފެނިގެން ގޮސްފައިވާ ތަރި ނަވާބް ބަނޫ މަރުވެއްޖެއެވެ. ނިމްމީގެ ނަމުން ގިނަ ބަޔަކު ދަންނަ ނަވާބް ބަނޫ މަރުވެފައި ވަނީ ބަލިވެގެން ފަރުވާދެމުން ދަނިކޮށް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ނަވާބް މަރުވިއިރު، އޭނާގެ އުމުރަކީ 88 އަހަރެވެ.

ނަވާބް ފެނިގެން ގޮސްފައިވާ ބައެއް ފިލްމްތަކަށް ބަލާއިރު، އާން، ބަރްސާތް، ޑީޑާރް ހިމެނެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އޭނާ މަރުވީ އިއްޔެ ރޭގެ ވަގުތެއްްގައެވެ. އޭނާ މަރުވެފައި ވަނީ ނޭވާ ލާން އުނދަގޫވެގެން ސަބްއާބަން ޖުހޫ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށެވެ.

"އޭނާ ހޮސްޕިޓަލްގައި އެޑްމިޓް ކުރީ އިއްޔެ މެންދުރުގެ ވަގުތެއްގައި ނޭވާލާން އުނދަގޫވެގެން. އޭނާ މަރުވީ ރޭގެ ވަގުތެއްގައި، އޭނާ ބަލިވި އުޅޭތާވެސް ވަރަށް ދުވަސްވެދާނެ، އަދި ވަރަށް ގިނަ ފަހަރު ހޮސްޕިޓަލްގައިވެސް ވަނީ ފަރުވާދީފައި.

ނަވާބް ވަޅުލާނެ ކަމަށް ބެލެވެނީ މިއަދު މެންދުރުގެ ވަގުތެއްގައި މުމްބާއީގައި ހުންނަ ސަހަރާއެއްގައެވެ.

ނަވާބް ކުޅުނު ބަރްސާތް ފިލްމަށްފަހު ގިނަބައެއްގެ މަގުބޫލުކަން ހޯދިއެވެ. އޭނައަށް ނިމްމީ ނަން ދިނީ ރާޖް ކަޕޫރުއެވެ. ނަވާބް ފުރަތަމަ ފެނިގެން ގޮސްފައި ވަނީވެސް ރާޖް ކަޕޫރްގެ ފިލްމަކުންނެވެ. އެއީ އަންދާޒްއިންނެވެ.

އޭނާ ފިލްމް ކުޅުމާއި ދުރަށް ގޮސްފައި ވަނީ ޑައިރެކްޓަރ އެސް އަލީ ރަޒާ އާއި ކައިވެނި ކުރުމަށެވެ.

ކިޔުންތެރިންގެ ހިޔާލު