ރަޝިޔާއިން ސޯޝަލް މީޑިޔާ އެޕްލިކޭޝަން ޓެލެގްރާމް ބްލޮކްކުރުމަށް ކުރާ މަސައްކަތުގެ ތެރޭގައި ގޫގުލްވެސް ތާށިވެއްޖެއެވެ. އެގޮތުން ރަޝިޔާއިން ވަނީ ގޫގުލްއިން ޓެލެގްރާމްއަށް އެހީތެރިވަމުން އަންނަކަމަށް ބުނެ ގޫގުލްގެ ބައެއް ހިދުމަތްތަކަށްވެސް ހުރަސްއެޅުމަށް ނިންމައިފައެވެ.

ރަޝިޔާއިން ބުނާގޮތުގައި ގޫގުލްއިން ދަނީ ޓެލެގްރާމް ބްލޮކްކޮށްފައި އޮންނަ އޮތުމަށް އިތުރު ގޮތްގޮތް ހޯދައިދީ ޓެލެގްރާމް ބޭނުންކުރުމުގެ ފުރުސަތު ރަޝިޔާގެ އާންމުންނަށް ހޯދައިދެމުންނެވެ.

ރަޝިޔާގެ މުއާސަލާތީ ކަންކަމާއި ބެހޭ އެގައުމުގެ ރެގިއުލޭޓަރ ރޮސްކޮމްނަޑްޒޯއިން ބުނާގޮތުގައި ގޫގުލް ކުންފުނިން ވަނީ އެ ކުންފުނީގެ އައި.ޕީ އެޑްރެސްތައް ބޭނުންކުރުމަށް ޓެލެގްރާމްއަށް ހުޅުވާލާފައި އޮންނަ އޮތުން ހުއްޓާލުމަށް ރަޝިޔާއިން އެންގި އެންގުމާއި ދެކޮޅުހަދައިފައެވެ. އެހެންވުމާއިއެކު ރަޝިޔާއިން މަނާކޮށްފައިވާ ބައެއް ހިދުމަތްތަކުގެ ތެރެއަށް ގޫގުލްގެ އައި.ޕީ އެޑްރެސް ހިމެނޭ ހިދުމަތްތައްވެސް އިތުރުކޮށްފައިވާކަމަށް ރޮސްކޮމްނަޑްޒޯއިން ވަނީ ބުނެފައެވެ.

އެގޮތުން ރަޝިޔާގެ ބައެއް އާންމުން ވަނީ ގޫގުލްގެ ޖީމެއިލް އަދި އެހެނިހެންވެސް ބައެއް ހިދުމަތްތައް ބޭނުންކުރުމުގައި ދަތިތަކެއް އުޅޭކަމަށް ސޯޝަލް މީޑިޔާގައި ބުނެފައެވެ. ރަޝިޔާއިން ޓެލެގްރާމް ބްލޮކްކޮށްފައި އޮންނަ އޮތުމާއި ދެކޮޅަށް މަސައްކަތްކުރާނޭކަމަށް ޓެލެގްރާމް އުފެއްދި ފަރާތްތަކުން ވަނީ ބުނެފައެވެ. އަދި ޓެލެގްރާމްގެ ހިދުމަތް ރަޝިޔާއިން މަނާކޮށްފައި އޮންނަ އޮތުމާއިއެކުގައިވެސް ކޮންމެވެސް އެއް ގޮތެއް ހޯދައިގެން ރަޝިޔާގެ އާންމުންނަށް ޓެލެގްރާމްގެ ހިދުމަތް ދޭނޭކަމަށް ބުނެފައެވެ.

ޓެލެގްރާމް ބޭނުންކުރާ އެތައް މިލިއަން ބަޔަކު ދުނިޔޭގައި އެކި ސަރަހައްދުތަކުގައި އުޅޭއިރު އެ އެޕްލިކޭޝަންއަކީ ބޭނުންކުރާ ފަރާތްތަކުން ފޮނުވާ މެސެޖުތައް އެންކްރިޕްޓް ކޮށްދޭ އެޕްލިކޭޝަނެކެވެ.

ކިޔުންތެރިންގެ ހިޔާލު