ދުނިޔޭގެ ކޮންމެ ޤައުމަކީވެސް ތަފާތު ޤައުމެކެވެ. ކޮންމެ ޤައުމެއްގައި އުޅޭ ރައްޔިތުންނަކީވެސް ތަފާތު ބައެކެވެ. އެކި ސަރަޙައްދުތަކުގެ އެކި ޤައުމުތަކުގެ އާދަކާދަތައްވެސް މި ބީދައިން ތަފާތެވެ. ކޮށް އުޅޭ ކަންކަމާއި އެނޫންވެސް ވައްޓަފާޅިތައްވެސް ތަފާތުވާނެއެވެ.

އެކި ޤައުމުތަކާ ބެހޭގޮތުން މައުލޫމާތު ހޯދާ އެއްކުރުމަކީ، ބަވަނަ ވެފައިވާ ދުނިޔޭގައި ކުރުން މުޙިއްމު ކަމެކެވެ. އެޤައުމުތަކުގެ އާދަކާދަތަކީ ކޮބައިތޯ ބެލުމަކީ ނެތް ކަމެއް ނޫނެވެ. އޭރުން އެޤައުމުތަކުގައި ގޮސް އުޅުމަށް ފަސޭހަވެދެއެވެ. ރަނގަޅު ކަންކަމާއި ނުރަނގަޅު ކަންކަން ދެނެގަނެވެއެވެ.

އެގޮތުން، ދުނިޔޭގެ އެކި ޤައުމުތަކުގެ ހައިރާންކުރަނިވި އާދަކާދަތަކަށް ބަލާލާނަމެވެ.

ޕޮލްޓެރާބެންޑު- ޖަރުމަނުވިލާތް

ޒަމާނުންސުރެ ޖަރުމަނުގައި އޮންނަ ޕޮލްޓެރާބެންޑް އަކީ ކައިވެނީގެ އާދަކާދައިގެ ތެރޭގައި ހިމެނޭ ކަމެކެވެ. މިކަން ކުރާ ގޮތަކީ ކައިވެނި ކުރުމުގެ ކުރިން ދެ އާއިލާގެ މެންބަރުން އެއް ތަނަކަށް ޖަމާވެ، އެތަނުގައި ހުންނަ ބިއްލޫރި ތައްޓާއި އެނޫންވެސް އެފަދަ ތަކެތި ތަޅާ ހަފުސްކުރުމެވެ. ދެން، ތެޅުނު އެއްޗެހި ނަގާ، ތަން ސާފުކުރަން ޖެހޭނީ ކައިވެނި ކުރަން އުޅޭ ދެ މީހުންނެވެ. ޖަރުމަނު ރައްޔިތުން ބުނާ ގޮތުގައި މިއީ ބުރަ މަސައްކަތް އެކުގައި ކުރުން ދައްކުވައިދޭ ކަމެކެވެ.

ޓޮމާޓޯ ކްރޭޒް- ސްޕޭން

ސްޕޭނުގެ ވެލެންސިޔާގަޔާއި ބުޔޯލުގައި ކޮށް އުޅޭ މިކަމަކީވެސް ޒަމާންވީ ކަމެކެވެ. ރަށު ރައްޔިތުން އެއް ތަނަކަށް ނިކުމެ، ޓޮމާޓޯއިން އެކަކު އަނެކަކުގެ ގައިގައި ތަޅާއިރު، މިއީ މަހާސަމާ (ފެސްޓިވަލް) އެއްގެ ގޮތަށް ކުރިއަށް ގެންދާ ކަމެކެވެ. މިކަމުގެ ތެރޭގައި އެތަކެއް ޓޮމާޓޯއެއް އިސްރާފުކުރާތީ، މިކަމަށް ބައެއް ފަރާތްތަކުގެ ފާޑުކިޔުންވެސް ވަނީ އަމާޒުވެފައެވެ. މިކަން ކުރާ ގޮތް، ބޮލީވުޑް ފިލްމު "ޒިންދަގީ ނާ މިލޭގީ ދުބާރާ" އިން ވަރަށް ރަނގަޅަށް ފެނިގެންދާނެއެވެ.

ޖަމަލު ރެސްލިންގ- ތުރުކީ

އެއް ޖަމަލު އަނެއް ޖަމަލާ ތަޅާ، ރެސްލިންގ އަކީ ތުރުކީގެ ހައިރާންކުރަނިވި އާދައެކެވެ. މިކަމުގައި އެއްވެސް އިންސާނަކު ބައިވެރިނުވާއިރު، މިކަމުގައި ބައިވެރިކުރުވަނީ ފިރިހެން ޖަމަލެވެ.

ކްރަމްޕުސްލޯފް- އޮސްޓްރިޔާ، ސްވިޓްޒަލެންޑް އަދި ބާވޭރިޔާ

މި ޤައުމުތަކުގައި އޮންނަ މި ހަރަކާތަކީ، ރާއްޖޭގައި ޢީދުގެ ދުވަސްވަރު ކުރިއަށް ގެންދާ މާލި ޕެރޭޑުތަކާ ދާދި އެއްގޮތް ކަމެކެވެ. ކޮންމެ އަހަރެއްގެވެސް ޑިސެމްބަރު މަހު ޒުވާނުން، އެކި ބިރުވެރި ކޮސްޓިއުމުތައް ލައިގެން މަގުތަކުގައި ޕެރޭޑު ޖަހައެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ މި ނޫނަސް އެތައް ހައިރާންކުރަނިވި އަދި ތަފާތު އާދަކާދަތަކެއް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުންނަ ކަމެވެ. ހަމައެހެންމެ، ރާއްޖޭގެ އެކި ރަށްރަށުގައިވެސް ތަފާތު އާދަކާދަތަކެއް ހުރެއެވެ.