ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޝާހްރުކް ޚާން އާއި އާލިއާ ބަޓް އެކުގައި އިތުރު ފިލްމަކުން ފެނިގެން ހިނގައިދާނެ ކަމުގެ އަޑުތަކެއް އިންޑިއާގެ ނޫސްތަކުން ފަތުރަން ފަށައިފިއެވެ.

ޝާހު އާއި އާލިއާ އެންމެ ފަހުން ފެނިގެންދިޔައީ ގޯރީ ޝިންޑޭ ޑައިރެކްޓްކޮށް ކުޅެފައިވާ "ޑިއާ ޒިންދަގީ" އިންއެވެ. މި ފިލްމުން ފެނިގެންދަނީ ދިރިއުޅުމުގައި އަންނަ އަޑިގަނޑެއްގެ ސަބަބުން ކައިރާ (އާލިއާ) އަށް ތަހައްމަލު ކުރަންޖެހޭ ކަންތައްތަކަށް ސައިކޮލޮޖިސްޓް ޑރ. ޖެހާންޖިރް ޚާން (ޝާހްރުކް) ތަފާތު ގޮތަކަށް އެ އަޑިގަނޑުން އަރައިގަތުމަށް ފަރުވާ ހޯދުމަށް މަސައްކަތް ކުރާ މަންޒަރެވެ.

ޝާހުގެ ފިލްމެއް ނުނިކުންތާ އަހަރެއް ފާއިތުވެގެން ދިޔައިރު، އިންޑިއާގެ ނޫސްތަކުން ވަނީ ޝާހު ދެން އެންމެ އަވަހަށް ފެނިގެންދާނީ "ވާރ، ބޭންގެ ބޭންގް، ސަލާމް ނަމަސްތޭ" ފަދަ ކާމިޔާބު ފިލްމުތަކުގެ ޑައިރެކްޓަރު ސިދާތު އާނަންދުގެ ފިލްމަކުން ކަމަށް ބުނެފައެވެ. އަދި މިި ފިލުމުގައި ޝާހު އާއެކު ފެނިގެންދާނީ އާލިއާ ކަމަށް ވެސް އިންޑިއާގެ ނޫސްތަކުގައިވެއެވެ. ނަމަވެސް މިކަން ރަސްމީކޮށް އިއުލާނުކޮށްފައެއް އަދި ނުވެއެވެ.

އެންމެ ފަހުން ޝާހު ފެނިގެންދިޔައީ 2018 ވަނަ އަހަރު އާންނަންދު އެލް ރާއި ޑައިރެކްޓްކޮށް ނެރުނު ފިލްމު "ޒީރޯ" އިންއެވެ. މި ފިލްމަށް މާ ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައެއް ނުވެއެވެ. ޝާހުގެ އިތުރުން މި ފިލްމުގެ ލީޑު ރޯލުން އަނުޝްކާ ޝަރުމާ އާއި ކެޓްރިނާ ކައިފު ވަނީ ފެނިފައެވެ.

މި ފިލްމުން ފެނިގެންދިޔައީ އިސްކޮޅުން ކުރު މީހަކު ނުކުޅެދޭ ސައިންޓިސްޓަކާއި ދެމީހުންގެ ދެމެދުގައި އޮންނަ ލޯބީގެ ގުޅުމުގެ ވާހަކައެވެ. އަދި އެ ދެމީހުންގެ ލޯބީގެ ގުޅުމުގައި ޖެހޭ މައްސަލަތައް ވެސް މި ފިލްމުން ދައްކުވައިދެއެވެ.