ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސް (ކޮވިޑް-19) ގެ ނުރައްކާ ބޮޑުވުމުގެ ސަބަބުން އަވައްޓެރި އިންޑިއާވެސް ވަނީ ފުރަބަންދު (ލޮކްޑައުން) ކޮށްފައެވެ. އެއާއެކު 21 ދުވަހުގެ މުއްދަތަކަށް އެޤައުމުގެ ރައްޔިތުން ބޭރަށް ނިކުމެ އުޅުން ހުއްޓުވާފައިވާއިރު، ބޮލީވުޑް ތަރިންގެ ފަރާތުން މި ދަނޑިވަޅުގައި ތަފާތު އެތައް މަންޒަރެއް ދަނީ ފެންނަމުންނެވެ. އެގޮތުން މަޝްހޫރު ތަރި، ޝިލްޕާ ޝެޓީގެވެސް އެފަދަ މަންޒަރެއް ގިނަ ބައެއްގެ ސަމާލުކަމަށް މިވަނީ އައިސްފައެވެ.

ފުރަބަންދުގެ ދުވަސްތަކުގައި ގޭގައި މަޑުކުރަން ޖެހުމާއި ގުޅިގެން ޝިލްޕާ ގޯތިތެރެ ސާފުކުރުމުގެ މަސައްކަތުގައި އަވަދިނެތި އުޅޭ މަންޒަރު ފެންނަ ވީޑިއޯއެއް އޭނާ އަމިއްލަ އިންސްޓަގްރާމް އެކައުންޓުން އާންމު ކުރުމާއެކު ގިނަ ބައެއްގެ ތައުރީފު އޭނާއަށް މިހާރު ދަނީ ލިބެމުންނެވެ. އެ ވީޑިއޯ އާންމު ކުރަމުން ޝިލްޕާ ބުނެފައިވަނީ އެއީ އޭނާއަށް ދުވަހުގެ ކަސްރަތު ކަމަށެވެ.

https://www.instagram.com/p/B-O1yEVBHT0/

ޝިލްޕާ ބުނެފައިވާގޮތުގައި ގޯތިތެރެ ސާފުކޮށް ރީތި ކުރުމުގެ މަސައްކަތް އޭނާ ކުރީ، ގޭގެ މަސައްކަތްކުރާ މީހާ އަށް ނާދެވުމުން ކަމަށެވެ. މަސައްކަތު މީހުން ކުރާ މަސައްކަތާއި އެމީހުންގެ ހިއްވަރު ހާމަވެގެން ދަނީ މިފަދަ ދަނޑިވަޅެއް އައުމުން ކަމަށް ވެސް އޭނާ ބުނެފައި ވެއެވެ. އެހެންކަމުން މި ހާލަތު ރަނގަޅުވުމުން ވެސް އެފަދަ މަސައްކަތްތެރިންގެ މަސައްކަތް ބަލައިގަނެ އެކަމުގެ އަގުވަޒަންކުރަން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށް އެނާ ވަނީ ބުނެފައެވެ.

މިހާރު އާންމުކޮށްފައިވާ ވީޑިއޯއިން ޝިލްޕާ ހީވާގިކަމާއެކު ގޯތިތެރެ ސާފުކުރާ މަންޒަރު ފެންނައިރު، ސާފުކޮށް ނިންމާލުމަށްފަހު ބަގީޗާގައި ހުރި ގަސްތަކަށް ފެންދޭ މަންޒަރުވެސް ފެނެއެވެ. ޝިލްޕާ ބުނެފައިވަނީ މިއީ މިފަދަ ދަނޑިވަޅެއްގައި ކުރުން ރަނގަޅު ކަސްރަތެއް ކަމަށެވެ.

ފުރަބަންދުގެ ދުވަސްތަކުގައި ޝިލްޕާގެ އިތުރުން ބޮލީވުޑްގެ އެހެން ތަރިންގެ ފަރާތުންވެސް މިފަދަ މަންޒަރުތައް ދަނީ ފެންނަމުންނެވެ. އެގޮތުން ދާދިފަހުން މަޝްހޫރު ތަރި، ކެޓްރީނާ ކައިފް ގޭތެރޭގައި ތަށިދޮންނަން ހުރި މަންޒަރު ފެންނަ ވީޑީއޯއަކަށްވެސް ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނެވެ.

ބޮލީވުޑްގެ ތަރިން ދަނީ އިންޑިއާ ފުރަބަންދު ކުރުމާއި ގުޅިގެން ރައްޔިތުން ގޭގައި ތިބުމަށް ހިއްވަރުދީ އެކަމަށް އިރުޝާދު ދެމުންނެވެ. ހަމަ އެހެންމެ މި ދަނޑިވަޅުގައި ހާލުގައި ޖެހިފައިވާ މީހުންނާއި ކޮވިޑް-19 ގެ ފަންޑުތަކަށްވެސް އެއިން ބައެއް ތަރިންގެ ދީލަތި އެހީތަށް އަންނަނީ ދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޕާޓޭ ގެ ޑެޑީ

    ޓިކްޓޮކްގަ އުޅޭ ގިނަމީހުންނަކީ ކަންދެއްކެން ކަންކޮއްފަ ވީޑިޔޯ ކުރާބައެއް.. މިކަން ކުރާބަޔަކައް ހަޖަމެއް ނުވާނެ

    28
    1
  2. ކިޔުންތެރިއެއްގެ

    މިހާ ހައްސާސް ދަޑިވަޅުގައި ހިންދޫ ކަސްބީންގެ ދިރިއުޅުމުގެ ހަބަރު ގެނެސް ދިނުމުގެ ބަދަލުގައި ކިޔުން ތެރީންގެ އީމާންތެރިކަން އިތުރު ވާނެ ފަދަ ލިޔުންތައް ގެނެސްދެއްވާ

    64
    2