މިއަދު މުޅި ދުނިޔޭގައި ފެތުރެމުންދާ ނުރައްކާތެރި ބަލި، ކޮވިޑް-19އަށް މިހާތަނަށް ފަރުވާއެއް ހޯދިފައިނުވާއިރު، މި ބަލިން ސަލާމަތްވުމަށް މިހާރު ކުރެވެން ހުރި ހަމައެކަނި ކަންކަމަކީ ކެއްސާ ކިނބިހި އަޅާ ނަމަ ރަނގަޅަށް އަނގަމަތި ބަންދުކުރުމާއި ސައިބޯނި ލައިގެން އަތް ދޮވެ ސެނިޓައިޒާ ފަދަ ތަކެތި ބޭނުން ކުރުމެވެ. ވަކިން ޚާއްސަކޮށް ބަލި ފެތުރިޔަ ނުދިނުމަށްޓަކައި އެންމެ މުހިއްމު ކަމަކީ މީހުންނާ ބައްދަލުކޮށް ނުހެދުމެވެ.

މިފަދަ ވައިރަސްއެއް ދުނިޔެއިން ފެނިދާނެ ކަމަކަށް މީގެ ކުރިން ބެލެވިފައިވެސް ނެތުމުން، މި ވައިރަހާ ދެކޮޅަށް މަސައްކަތް ކުރުމަށް ގިނަ ގޮންޖެހުންތަކެއް ދަނީ ދިމާވަމުންނެވެ.

މިހާރު އެންމެ ހަލުވިކަމާއެކު މި ބަލި ފެތުރެމުން ދާ އެއް ގައުމަކީ އިނގިރޭސި ވިލާތެވެ. ޒަރޫރީ ބޭނުންތަކަށް ފިޔަވައި ބޭރަށް ދިއުން މިހާރު ވަނީ މަނާކޮށްފައެވެ. އެހެން ކަމުން މީހުން މިހާރު ދިރިއުޅެމުން އަންނަނީ ސެލްފް އައިސޮލޭޝަންގައެވެ. ނުވަތަ ގޭ ތެރޭގައެވެ.

އެގައުމުގެ އިންވެންޓަރެއް ކަމަށްވާ އުމުރުން 40 އަހަރުގެ ކޮލިން ފަރޒް ނަމަކަށް ކިޔާ މީހަކު ވަނީ މީގެ ފަސް އަހަރު ކުރިން، 2015 ވަނަ އަހަރު ސެލްފް އައިސޮލޭޝަނަށް ޚާއްސަ ބިންގަރާހެއް ހަދައި، އެކަމަށް ތައްޔާރުވެފައެވެ. އޭނާ ބިންގަރާސް ހަދާފައިވަނީ ނުރައްކާތެރި ހާލަތެެއް ދިމާވެއްޖެ ނަމަ ސެލްފް އައިސޮލޭޝަންގައި އެތާ ތެރޭގައި އޮތުމަށެވެ.

އޭނާ ހަދާފައިވާ ބިންގަރާހުގެ ދިގު މިނުގައި 24 ފޫޓު، ފުޅާ މިނުގައި 16 ފޫޓު އަދި އުސް މިނުގައި 8 ފޫޓު ހުރެއެވެ. އެތަނަށް ކަރަންޓު ލިބެނީ ޖަނެރޭޓަރަކުންނެވެ. އެނދަކާއި ބަދިގެއެއް އެތަނުގައި ހުރެއެވެ. ބަދިގޭގައި ކައިބޮއި ހެދުމަށް ބޭނުންވާ ހިކި ސާމާނުވެސް އޭނާ ވަނީ ވައްދާފައެވެ.

މިހުރިހާ ދުވަހު އޭނާ އެތަން ބޭނުން ކުރަމުން އައީ އޭނާގެ އެކި ތަކެތި ރައްކާ ކުރުމުގެ ގޮތުންނެވެ. ނަމަވެސް ކޮރޯނާ ވައިރަސްއާ ގުޅިގެން އޭނާ އެތަން ބޭނުން ކުރަނީ މިހާރު ސެލްފް އައިސޮލޭޝަންގައި އޮތުމަށެވެ. އޭނާ ބުނެފައިވަނީ އެފަދަ ތަނެއް ހެދިފައި ހުރުމަކީ އޭނާއަށް މިހާރު ލިބޭ ހިތްހަމަޖެހުމެއް ކަމަށެވެ. އަދި އެވަރުގެ ތަނެއް ހެދޭނެ ފަދަ ތަނަވަސްކަން ހުރި މީހުން އެފަދަ ތަންތަން އެޅުމަށްވެސް އޭނާ ވަނީ ގޮވާލާފައެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބަބޫ

    މަގޭ އޭނަގެ ހުރިހާ ވީޑިއޯ އެއް ބަލަން. ތިތަނުގެ ހުރިހާ މަސައްކަތެއްވެސް ބެލިން. ޔޫޓިއުބް އިން. އޭނަ ދިރިއުޅެނީ އެތަނުގައެއް ނޫން އަދި އެތަނަކީ ފާހާނާ ކުރެވެން ނުހުންނަ ތަނެއް.

    4
    4
  2. ހީރޯ

    ސާބަސް... ކަލޭތީހަމަ އާދަމުގެ ދަރިޔެއް

    12