މިހާރު ދުނިޔޭގެ ހަލުވި ކަމާއިއެކި ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެން އިންޑިއާ ލޮކްޑައުން ކުރުމުން އެގައުމުގެ ރައްޔިތުން ވަނީ ބެލްކަނިތަކަށް ނިކުމެ "ޖަންތާ ކާފިއު" ގެ ނަމުގައި ސިއްހީ ހިދުމަތްތްތެރިންގެ މަސައްކަތައް ތައުރީފާއި ޝުކުރު އަދާކޮށްފައެވެ.

މި ކާފިއުގައި ބޮލީވުޑްގެ ގިނަ ތަރިންވެސް ވަނީ ބައިވެރިވެފައެވެ. އެގޮތުން ބޮލީވުޑްގެ މަޝްހޫރު ބަތަލު ރަންވީރު ސިންގް އިންސްޓަގްރާމްގައި ހިއްސާކުރި ފޮޓޯއަކަށް ވަނީ ގިނަ ބައެއްގެ ޝައުގިވެރިކަން ލިބިފައެވެ. އެ ފޮޓޯއިން ރަންވީރު ފެނިގެންދަނީ އަލާއުއްދީން ޚިލްޖީ ސިފައިގައެވެ. ޑްރެޑްލޮކް އިސްތަށިގަނޑަކާއި ލޯކައިރި ވަނީ ކަޅުކުލައިން ފަވާފައެވެ.

ކޮވިޑް-19 އާއި ގުޅިގެން މުޅި އިންޑިއާ ލޮކްޑައުން ކުރުމާއި ގުޅިގެން ބޮލީވުޑްގެ ތަރިން އަންނަނީ ގޭގައި ތިބެގެން ތަފާތު ކަންކަން ކުރަމުންއެވެ. އެގޮތުން ޝިލްޕާ ޝެޓީ ވަނީ ގޭތެރެ ސާފުކޮށްފައެވެ. އޭގެ އިތުރުން ދިޕިކާ ޕަޑުކޯން ވަނީ އަލަމާރިވެސް ސާފުކޮށްފައެވެ.

ރަންވީރަކީ މިހާރު ބޮލީވުޑްގެ އެއް ނަންބަރު އެކްޓަރެވެ. އޭނާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ 2019 ވަނަ އަހަރު ޒޯޔާ އަކްތަރު ޑައިރެކްޓް ކޮށް ނެރުނު "ގަލީ ބޯއި' އިންއެވެ.

ރަންވީރު އިތުރު ދެ ފިލްމެއް މި އަހަރު ނެރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ރޯހިތް ޝެޓީ ޑައިރެކްޓުކޮށް މިއަހަރު ނެރުމަށް ހަމަޖެހިފައިވާ "ސޫރްޔަވަންޝީ" ހިމެނޭއިރު މި ފިލްމުގެ ލީޑު ރޯލުން އަކްޝޭ ކުމާރު، ކެޓްރީނާ ކައިފް، އަޖޭ ދެވްގަން، އަދި ރަންވީރް ސިންގް ފެނިގެންދާނެއެވެ. އަދި ކަބީރު ޚާން ޑައިރެކްޓްކޮށް އޭޕްރިލް 10 ވަނަ ދުވަހު ނެރުމަށް ހަމަޖެހިފައިވާ "83" އިން ރަންވީރު އާއި ދިޕިކާ ފެނިގެންދާނެއެވެ.

ނަމަވެސް މިހާރު ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19 ގެ ސަބަބުން މި ފިލްމުތައް ނެރުން ވަނީ ލަސްކުރެވިފައެވެ.