އަހަރެމެން އެންމެންނަކީ ވެސް ބިޒީ ޝެޑިއުލެއްގައި މަސައްކަތް ކުރާ ބައެކެވެ. ހެނދުނު ހޭލާ ގޮތަށް މަސައްކަތާއިގެން އުޅެން ފަށާއިރު ދުވަސްދާ ގޮތެއް ވެސް ގިނަ ފަހަރު އަހަރެމެންނަކަށް ނޭނގެއެވެ. ބައެއް މީހުން މަސައްކަތް ނިންމާލުމަށްފަހު ރައްޓެހިންނާ އެކުގައި ވަގުތު ހޭދަކޮށްލުމަށް ކޮފީ ޝޮޕްތަކަށް ގޮސް އެތައް އިރެއް ހޭދަ ކުރަމުން އަންނަ އިރު މިއަދު މިވަނީ ނުރައްކާތެރި ކޮވިޑް-19 ގެ ސަބަބުން ދިވެހިންގެ ދިރިއުޅުމަށް ބޮޑު ބަދަލެއް އައިސްފައެވެ.

ނިދިން ހޭލާ ގޮތަށް މަގެއްގެ މައްޗަށް ނުނިކުމެ ރައްޓެއްސަކާއި އެކުގައި ކޮފީއެއް ބޯލަން ނުދެވޭތީ އެކަމުގެ ހިތާމަ ކުރާ މީހުން ވަކި މަދެއް ނޫނެވެ.

ނަމަވެސް މިއަދު މިއޮތީ އެ ހާލަތުގައެވެ.

މިފަދަ ގޮތެއްގައި ދިރިއުޅެމުން އަންނަ މީހުންނަށް އިތުރު ގޮތެއް ނެތެވެ. ސަލާމަތް ބޭނުން ނަމަ ތިބެން ޖެހެނީ ގޭގައެވެ. އެގޮތުން ގޭގައި ތިބެގެން ވެސް ފޫހި ނުވާނެ ކަހަލަ ކަންކަން ކުރެވޭނެކަން ޔަގީނެއެވެ. ހަމަ އެކަނި ކުރަން ޖެހޭނެ ކަމަކީ ކުޑަކޮށް ވިސްނާލުމެވެ.

އެގޮތުން ގޭގައި ތިބެގެން ވާހަކަ ކިޔަން ބޭނުންވާ މީހުންނަށް ވާހަކަ އެއް ކިޔާލުމުގެ އިތުރުން ބޭނުންވާ ފިލްމެއް ވެސް ބެލޭނެއެވެ. މިއީ ވާހަކަ ނުކިޔާ މީހުން އެންމެ ގިނައިން ކުރާ އެއް ކަމެވެ. މީގެއިތުރުން ބޭނުން އެއްޗެއް ކައްކައިގެން ކައިގެން ބޭނުން ވައްތަރެއްގެ ޖޫހެއް ހަދައިގެން ގޭގައި ތިބުމާއި ދުރުގައި ތިބޭ ރައްޓެހިންނަށް ވީޑިއޯ ކޯލް ކުރުމަކީވެސް ކުރެވޭނެ ކަމެކެވެ.

މިކަންތައް ހުރި ނަމަވެސް ދިވެހިންގެ ތެރޭގައި މިހާރު އެންމެ އާންމު ވެފައިވާ ކަމަކީ ފޭސްބުކްގައި ސްޓެޓަސް އެއް ޖަހައި އޭގައި މީހުން ޓެގް ކުރުމާއި ޓްވިޓާ މެދުވެރިކޮށް ލަވަ ބާޒީ ކުޅުމެވެ. މިއީ ވެސް ގޭގައި މަޑު ކޮށްގެން ތިބޭއިރު މުނިފޫހި ފިލުވަން ކުރެވިދާނެ ކަންކަމެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ގަމު މީހާ

    ލިޔުން ތެރިޔާ އަށް ބުނެލަނ އޮތީ މިފަދަ ދަނޑިވަޅެއްގައި ހެއްދެވި ފަރާތް މަތިން ހަނދާންކޮށް އެކަމަށް ކުރާނެ ކަންތައްތަކެއް ހިމަނާލުމަށް ވިސްނުން ނެތީ މިއީ ހަމަ އަހަރެމެންގެ މިއަދުގެ ގިނަ މުސްލިމުންގެ ހާލަތު ތޯއެވެ.