މެލޭޝިއާ ޑޮކްޓަރެއްގެ އާއިލާގެ އެންމެން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ނޫސްތައް ބުނާގޮތުން އެޤައުމުގައި ކޮވިޑް-19 އަށް ފައްސިވެފައި ވަނީ، ވައިރަސް އާއި ގުޅިގެން ބަލި މީހުންނަށް ފަރުވާކުރުމުގެ މަސައްކަތުގައި، އެޤައުމުގެ ހޮސްޕިޓަލެއްގައި އިސްކޮށް ހަރަކާތްތެރިވާ ޑޮކްޓަރަކާއި އޭނާގެ އަނބިމީހާ އަދި އެދެމީހުންގެ ފަސް ދަރިންނެވެ.

އާއިލާގެ އެންމެންނަށް މި ވައިރަސް ޖެހިފައި ވަނީ އޭނާގެ ފަރާތުން ކަމަށް ވެއެވެ. ވައިރަސްގެ އަލާމާތްތައް ފެންނަން ފެށުމާއެކު އާއިލާގެ އެންމެ ހެދި ޓެސްޓުތަކުން އެ އެންމެންވެސް ކޮވިޑް-19 އަށް ފައްސިވެފައި ވާއިރު، އެމީހުން މިހާރު ތިބީ ހޮސްޕިޓަލް އައިސޮލޭޝަންގައެވެ.

އާއިލާގެ އެންމެން މި ނުރައްކާތެރި ވައިރަސް އަށް ފައްސިވި ނަމަވެސް އަޅަންޖެހޭ ފިޔަވަޅުތައް އަޅައި އެ އެންމެން ވެސް ދަނީ ބަލިން ސަލާމަތްވުމަށް ކުރަންޖެހޭ ކަންކަން ކުރަމުންނެވެ. އަދި އެކަންކަން ކުރުމުގައި ކަންބޮޑުވުމުގެ ބަދަލުގައި މި ހާލަތު މެދުވެރިވެފައިވާ އެހެން އާއިލާތަކަށް އެފަރާތްތަކުން ދަނީ ހިއްވަރުދީ ނަމުނާ ދައްކަމުންނެވެ.

އެގޮތުން ކޮވިޑް-19 ޖެހުނު މި އާއިލާގެ އުމުރުން 17 އަހަރުގެ އަންހެން ކުއްޖަކު މީސްމީޑީއާ މަންސަ، "ޓިކްޓޮކް"ގައި ގިނަ ބައެއްގެ ތައުރީފު ހޯދަމުން ދާއިރު، އޭނާ ދަނީ ޓިކްޓޮކް ވީޑިއޯތަކުން އޭނާ އާއި އާއިލާގެ ހާލު އެންމެންނާއި ވެސް ޙިއްސާ ކުރަމުންނެވެ. އޭނާ ބުނެފައި ވަނީ ބައްޔަށް ފައްސިވިނަމަވެސް އޭނާ އާއި އާއިލާގެ އެންމެންގެ ހާލު ރަނގަޅު ކަމަށެވެ.

"ބައްޔެއް ޖެހިގެން ބަލި އެނދުގައި އޮންނަން ޖެހުނަސް އެބައްޔަކާއި މެދު ވިސްނައި ހާސްވާނެ ކަމެއް ނެތް. މިފަދަ ހާލަތެއްގައި ތިބެން ވާނީ ހިތްހަމަ ޖެހިގެން. ނަމާދުކޮށް ޤުރުއާން ކިޔެވުމުން ބަލި ފަސޭހަވެގެންދާނެ ކަމާއި މެދު ޝައްކެއްނެތް،" އެކުއްޖާ އާންމުކުރި ވީޑިއޯގައި ބުނެފައި ވެއެވެ.

އޭނާ އާންމުކޮށްފައިވާ ވީޑިއޯގައި އިތުރަށް ބުނެފައި ވަނީ، ކޮވިޑްގެ ނުރައްކަލަށް މުޅި އާއިލާ ހުށަހެޅުނު ގޮތަށް، އެކަމުން އަރައިގަނެ ބަލިން ރަނގަޅުވާނީވެސް އެންމެން އެކުގައި ކަމަށެވެ. މި ވީޑިއޯއަށް މިހާރު އެތައް ބައެއްގެ ނަޒަރު ހުއްޓިފައިވާއިރު، އޭނާގެ ކެތްތެރިކަމާއި ހިތްވަރަށް ގިނަ ބަޔަކު ދަނީ ތައުރީފު ކުރަމުންނެވެ.

މެލޭޝިއާ ޑޮކްޓަރެއްގެ އާއިލާ އެކީގައި ކޮވިޑް-19 އަށް ފައްސިވި މި ހާދިސާ އަށް ގިނަ ބައެއްގެ ނަޒަރު ހުއްޓިފައި ވާއިރު، އެޤައުމަކީ ކޮވިޑް-19 ގެ ނުރައްކާ ބޮޑު ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ. މިހާތަނަށް އެޤައުމުން ޖުމްލަ 2320 މީހަކު މި ވައިރަސް އަށް ފައްސިވެފައި ވާއިރު، އޭގެތެރެއިން 27 މީހަކު ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    އަމިއްލަ ނަފްސައްވުރެ އިންސާނިއްޔަތު އިސްކުރާ ޑޮކްޓަރުންނާ ނަރުހުން އެވަނީ ލާމަސީލު ގުރުބާނިީއެއް ﷲ އެބޭފުޅުންނަށް ހެޔޮދަރުމަ ދެއްވާށި މިކުރޯނާ ވައިރަސް އިން އިންސާނުން ރައްކާ ތެރި ކޮށްދެއްވާ ސަލާމަތް ކޮށްދެއްވަާ އަދި ބަލީގައި މަރުވާ މީހުންނަށް ޢަފޫ ކުރަށްވާ ފާފަ ފުއްސަވާ ރަހްމަތް ލައްވާންދޭވެ

    43
    1