ކުރަތްޕަކީ ގިނަ ބަޔަކު ފޫހިވާ، ބިރުގަންނަ "އުނދަގޫ ބޮޑު" ސޫއްޕެކެވެ. ނަމަވެސް ބައެއް މީހުން އެކި ބޭނުންތަކުގައި ކުރަފި ގެންގުޅޭ ވާހަކަތަކަކީ އާ ވާހަކައަކަށް ނުވާއިރު، ޗައިނާގައި މިވަނީ ދުނިޔޭގެ އެންމެ ބޮޑު ކުރަފި ފާމް ހުޅުވާފައެވެ.

ބޮޑު ކުންފުންޏެއްގެ ބެލެހެއްޓުމުގެ ދަށުން ހިންގަމުންދާ މި ފާމުގައި 6 ބިލިއަނަށްވުރެ ގިނަ ކުރަފި، ބަންދުކޮށްގެން ބޮޑު ސަރަޙައްދެއްގައި ގެންގުޅޭޢިރު، މިތަކެތި ދަނީ ރަނގަޅަށް ބަލަހައްޓައި ބޮޑުކުރަމުންނެވެ. މި މަސައްކަތަށް ޗައިނާގެ ތަޖުރިބާކާރުންތައް ވަނީ ޚާއްސަ ރޮބޮޓެއް އުފައްދައި ކުރަފިތައް ބަހައްޓާފައިވާ ގުދަނުގެ ތެރެއަށް ދޫކޮށްލާފައެވެ.

މި ކުރަފިތައް ގެންގުޅޭ ފެކްޓްރީގެ އިސް ފަރާތަކާއި ޙަވާލާދީ ޗައިނާގެ ނޫހަކުން ބުނީ، ކުރަފިތައް ވަރަށް ރަނގަޅަށް ބަލަހައްޓަމުންދާކަމަށެވެ. އެގޮތުން އެތަކެއްޗަށް ކޮންމެ ދުވަހަކު ކާންދީ، ބޭނުންވާ ފިނިހޫނުމިނުގައި ރައްކާތެރިކަމާއިއެކު ގެންގުޅެމުންދާ ކަމަށް އެފަރާތުން ވަނީ ބުނެފައެވެ.

އޭނާ ބުނެފައިވަނީ، މިގޮތަށް ކުރަފި ގެންގުޅެމުންދަނީ، އެތަކެތީގެ ސަބަބުންވެސް ފައިދާކުރުވަނިވި ބޭނުންތައް ހިފޭތީއެވެ. އެގޮތުން މި ފެކްޓްރީގައި ގެންގުޅޭ ކުރަފިތައް ބޭނުންކުރަނީ، ބައެއް ކަހަލަ ބޭސްތައް އުފެއްދުމަށް ބޭނުންވާ ޕްރޮޓީންސް އެތަކެތީގެ ހަށިގަނޑުން ނެގުމަށް ކަމަށް އޭނާ ވަނީ ބުނެފައެވެ.

މިގޮތަށް ކޮންމެ އަހަރަކު އެތައް މިލިއަން ކުރަފި ބޭނުންކޮށް، އޭގެ ހަށިގަނޑުން ނަގާ ބައިތައް ބޭސް އުފައްދާ ކުންފުނިތަކަށް ފޯރުކޮށްދޭ ކަމަށް ވެއެވެ.

ޗައިނާގެ ތަޖުރިބާކާރުންތަކެއް ކުރިއަށްގެންދާ މި މަސައްކަތަށް ގިނަ ޢަދަދެއްގެ ސައިންސްވެރިންގެ ސަމާލުކަމާއި ތަޢުރީފު ލިބެމުންދާއިރު، މިއީ ޤައުމީ އެވޯޑެއް ލިބެން ޖެހޭވަރު އުފެއްދުންތެރި މަސައްކަތެއް ކަމަށް އެފަރާތްތަކުން ދަނީ ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު