މިހާރު ދުނިޔޭގެ އެކި ހިސާބުތަކުގައި ހަލުވި ކަމާ އެކު ފެތުރެމުން އަންނަ ކޮވިޑް-19 އަށް ހޮލީވުޑް އިން އެންމެ ފުރަތަމަ ފައްސިވި ދެ ތަރިން ކަމުގައިވާ ޓޮމް ހޭންކްސް އާއި އަންހެނުން ރީތާ ވިލްސަން ދެ ހަފްތާ އައިކޮލޭޝަން އަށް ފަހު އެނބުރި ލޮސް އޭންޖެލެސްއަށް އަތުވެއްޖެއެވެ.

މި ދެ ތަރިން އައިސޮލޭޓްކޮށްފައިވަނީ އޮސްޓްރޭލިއާގައި ފިލްމެއްގެ ޝޫޓިންއަކަށް ގޮސް ތިއްބާ ކޮވިޑް-19 ގެ އަލާމަތްތަކެއް ފެނިގެންނެވެ. އަދި އެ ދެމީހުން އައިސޮލޭޓްކޮށް ޓެސްޓް ކުރިއިރު ކޮވިޑް-19 އަށް ވަނީ ފައްސިވެފައެވެ. މި ދެމަފިރިންއަކީ އެންމެ ފުރަތަމަ ހޮލީވުޑުން މި ބަލި ޖެހުނު ދެމީހުންއެވެ.

ޓޮމް ކުރި ޓުވީޓެއްގައި ބުނީ އޭނާ އާއި އަންހެނުން ތިބީ އޮސްޓްރޭލިއާގައި ކަމަށާއި ގައިގައި ރިހުމާއި ކުޑަކޮށް ރޯގާގެ އަސަރުހުރުމުން ވަރުބަލިކަން އިހުސާސްވާ ކަމަށެވެ. މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އަށް ޓެސްޓުކުރި އިރު އެ ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށް ވެސް ޓުވީޓުގައިވެއެވެ.

މިވަގުތު ބަލަންޖެހޭ އިތުރު ކަންތައްތަކެއް ހުރުމުގެ ސަބަބުން އެ ދެމީހުން ވެސް ތިބީ އައިސޮލޭޝަންގައި ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ. އެ ޓުވީޓުގައި ޓޮމް ވަނީ ޑަސްޓްބިންއެއްގެ ތެރޭގައި އަންގިއެއް އޮތް ފޮޓޯއެއް ވެސް އާންމުކޮށްފައެވެ.

ފަހުން ކުރި ޓުވީޓެއްގައި ޓޮމް ވަނީ މިހާރު އެދަމފިރިންގެ ހާލުވެސް ރަނގަޅުކަަމަށް ބުނެފައެވެ.

ޓޮމް އާއި ރީތާގެ އިތުރުން އިދުރިސް އެލްބާ، ގޭމް އޮފް ތުރޯންސްގެ ތަރި ކުރިސްޓޮފާ ހިވުޖޫ، ޖޭމްސް ބޮންޑްގެ ތަރި އޮލްގާ ކުރިލެންކޯ އަދި ލެސް މިސެރެބަލް ގެ ތަރި އާރޯން ޓިވެޓްވެސް ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.