އޭޕްރީލް މަހުގެ 01 ވަނަ ދުވަހަކީ އޭޕްރީލް ފޫލްގެ ނަމުގައި އެތައް ބަޔަކު ދޮގު ހަދަމުންދާ ދުވަހެކެވެ. ނުވަތަ އެއްވެސް ހަޤީޤަތެއް ނެތް ޖޯކް ކިޔައިދެމުންދާ ދުވަހެކެވެ. ނަމަވެސް މިހާރު ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ބިރުވެރިކަމާއި ގުޅިގެން މިއަހަރު އެއްވެސް މީހަކު އޭޕްރީލް ފޫލް ފާހަގަ ކުރަން ދޮގު ނުހަދަން އެތައް ބަޔަކު އަންނަނީ ގޮވާލަމުންނެވެ.

މިގޮވާލުންތަކަށް ގޫގުލް އިން މިހާރު ވަނީ އިޖާބަ ދީފައެވެ. ފާއިތުވި އަހަރުތަކުގައި ކޮންމެ އަހަރެއްގެ އޭޕްރީލް މަހުގެ 01 ވަނަ ދުވަހު ވެސް ގޫގްލް އިން "ބޮޑު ދޮގެއް ހަދައެވެ." އާދަޔާއި ހިލާފު މޮޅު އުފެއްދުންތަކެއްގެ ވީޑިއޯ ވެސް އާއްމު ކުރެއެވެ. ނަމަވެސް ފަހުން ޚަބަރު ސާފުވާއިރު އެއީ ގޫގްލްގެ އޭޕްރީލް ފޫލްއެކެވެ.

"ބިޒްނަސް އިންސައިޑާ" އަށް ގޫގުލް އިން ފޮނުވި އީމެއިލް އެއްގައި ބުނީ މިއަހަރު ގޫގްލް އިން އޭޕްރީލް ފޫލް ޖޯކެއް ނުގެނެސްދޭނެ ކަމަށެވެ.

"އާއްމު ހާލަތްތަކުގައި އޭޕްރީލް ފޫލް ޖޯކަކީ މިހާރު ގޫގްލް އިން ކޮންމެ އަހަރަކު އާދަކާދައިގެ މަތިން ކުރަމުން އަންނަ ކަމެއް. ނަމަވެސް މިއަހަރު ކޮވިޑް-19 އާއި ދެކޮޅަށް މަސައްކަތް ކުރަމުން ގެންދާ ފަރާތްތަކަށް އިހްތިރާމް ކުރުމުގެ ގޮތުން އެއްވެސް އޭޕްރީލް ފޫލް ޖޯކް ގެނެސް ނުދޭގޮތައް ވަނީ ނިންމާފައި." ގޫގްލްގެ މާކެޓިން ހެޑް ލޮރައިން ޓޫހިލް އީމެއިލްގައި ވިދާޅުވިއެވެ.

އޭޕްރީލް ފޫލް މިއަހަރު ފާހަގަ ކުރުމާއި ދެކޮޅަށް ވާހަކަދައްކާ މީހުން ބުނާ ގޮތުގައި ދުނިޔޭގެ އެތައް މިލިއަން ބަޔަކު ވަޒީފާ ގެއްލިދާނެ ކަމުގެ ބިރާއި ކުރިމަތިވެފައިވާ މިދަނޑިވަޅުގައި އެއްވެސް މީހަކު އެއްވެސް ކަމަކާއި މަޖާކޮށް އުފާފާޅުކުރުން އެއީ ރަނގަޅު ކަމެއް ނޫނެވެ.