ދުނިޔޭގައި ހަލުވިކަމާއެކު މިހާރު ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާވައިރަސް (ކޮވިޑް-19) އާއި ކުރިމަތިލާން ޖެހޭނީ ފިރިހެންވަންތަ ކަމާއި އެކު ކަމަށް ބްރެޒިލްގެ ރައީސް، ޖައިރު ބޮލްސެނާރޯ ބުނެފިއެވެ.

ބޮލްސެނާރޯ މިގޮތަށް ބުނެފައިވަނީ، މިއަދު އޭނާ ދިރިއުޅޭ ގެ ކައިރީގައި އޭނާގެ ސަޕޯޓަރުންނާއި ބައްދަލުކޮށް ދެއްކި ވާހަކައިގެ ތެރެއިންނެވެ.

މިއަދު ބޮލްސެނާރޯ ބުނެފައިވަނީ، ވައިރަސް މިހާރު ބްރެޒިލްގައި ފެތުރެމުންދާ ކަން ޤަބޫލުކުރާ ކަމަށެވެ. އެހެންކަމުން ދެން ޖެހޭނީ ވައިރަސް އާއި ކުރިމަތިލާން ކަމަށާއި އެކަން ކުރެވޭނީ ފިރިހެންވަންތަކަމާއި އެކު ކަމަށް ބޮލްސެނާރޯ ބުންޏެވެ. އޭނާ ބުނެފައި ވަނީ މި ވައިރަސް އާއި ކުރިމަތިލެވޭނީ އެގޮތަށް ކަމަށާއި، ކުޑަކުއްޖެއްހެން އުޅެގެން އެކަން ކާމިޔާބު ނުވާނެ ކަމަށެވެ.

"ވައިރަސް މިހާރު މިވަނީ އައިސްފައި. ދެން ޖެހޭނީ ވައިރަސް އާއި ކުރިމަތިލާން. އެކަން ކުރެވޭނީ ފިރިހެންވަންތަކަމާއެކު. ކުޑަ ފިރިހެން ކުއްޖަކަށް ވެގެންނެއް ނޫން." ބޮލްސެނާރޯ ބުނެފައި ވެއެވެ.

ބޮލްސެނާރޯ މިއަދު މިގޮތަށް ބުނެފައިވާއިރު އޭނާ ދެކޭގޮތުގައި މުޅި ދުނިޔެއަށް މިވަގުތު ނުރައްކާ ކުރިމަތިކޮށްފައިވާ ކޮރޯނާވައިރަސް އަކީ، އާދައިގެ ރޯނގާއެކެވެ. އެއީ ސީރިއަސް ވައިރަސް އެއް ނޫން ކަމަށް ބުނެ، ވައިރަސް ފެތުރިޔަނުދިނުމަށް އެހެން ޤައުމުތަކުން އަޅާފައިވާ ފިޔަވަޅުތަކަށްވެސް އޭނާ ވަނީ ފާޑުކިޔާފައެވެ.

ބޮލްސެނާރޯ ބުނާގޮތުގައި ބްރެޒިލްގެ ރައްޔިތުންނަށް މި ވައިރަސްގެ ނުރައްކަލެއް ނެތެވެ. އެއީ އެމީހުންނަށް މިފަދަ ވައިރަސްތަކުން ސަލާމަތްވުމުގެ ޚާއްސަ ޤާބިލުކަމެއް ލިބިފައި ވާތީ ކަމަށް އޭނާ ބުނެއެވެ. އެހެންކަމުން އެޤައުމުން ވައިރަސް ޖެހޭ މީހުންގެ ހާލަތު ދަށްވެ ބޮޑު ކަންބޮޑުވުމަކަށް ޤައުމުގެ ކަންކަން ނުދާނެ ކަމަށް އޭނާ ބުނެފައި ވެއެވެ.

ބޮލްސެނާރޯގެ މި ވާހަތަކާއި ގުޅިގެން ބްރެޒިލްގެ ރައްޔިތުންނާއި ދުނިޔޭގެ އެކި ޤައުމުތަކުން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ކޮވިޑް-19 ނުރައްކާ އިންތިހާއަށް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި ވެސް ބޮލްސެނާރޯ އެކަމަށް މާބޮޑު އަހަންމިއްޔަތުކަމެއް ނުދީ، "ސީރިއަސް" ނުވާތީ އެކަން އެޤައުމުގެ ރައްޔިތުންނަށް ވަނީ ބޮޑު ހާސް ކަމަކަށް ވެގެން ގޮސްފައެވެ.

ނުރައްކާތެރި ކޮވިޑް-19 ގެ ޝިކާރައަކަށްވެ އެތައް ބަޔަކު މަރުވަމުންދާ ދަނޑިވަޅުގައި ބްރެޒިލްގެ ރައީސް މިފަދަ ވާހަކަތައް ދައްކަމުން ދާއިރު، އެޤައުމުން މި ވައިރަސް ފެންނަ މިންވަރު ދުވަހެއް ދުވަހަކަށް ދަނީ އިތުރު ވަމުންނެވެ.

މިހާތަނަށް ބްރެޒިލް އިން ޖުމްލަ 4256 މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ. އޭގެތެރެއިން 352 މީހަކު ވައިރަސް އަށް ފައްސިވީ މިދިޔަ 24 ގަޑިއިރު ތެރޭގައެވެ. ވައިރަސް ޖެހުނު މީހުންގެ ތެރެއިން މިއަދު އެކަނިވެސް އެޤައުމުން 22 މީހަކު މަރުވެފައިވާއިރު، މިހާތަނަށް ޖުމްލަ 136 މީހަކު މިބަލީގައި އެޤައުމުން ވަނީ މަރުވެފައެވެ. މިހާތަނަށް ބްރެޒިލްގައި މި ބަލިން ސަލާމަތްވީ އެންމެ ހަ މީހުންނެވެ. އަދި 296 މީހަކަށް ފަރުވާދެމުން ދަނީ ސީރިއަސް ހާލުގައެވެ.

ބްރެޒިލް އިން ކޮރޯނާވައިރަސް ފެނިފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުއެވެ. މިހާތަނަށް ބްރެޒިލް ހިމެނޭހެން ދުނިޔޭ 199 ޤައުމަކުން ޖުމްލަ 717600 އަށްވުރެ ގިނަ މީހުން ފައްސިވެ، ބަލީގައި ޖުމްލަ 33800 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. މި ވައިރަސްގެ ނުރައްކަލާއި ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ވަނީ މުޅި ދުނިޔެއަށް ސިއްޙީ ނުރައްކަލުގެ ހާލަތު ވެސް އިއުލާނުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ރަނޑާލި

    މި ބީތާ ވާހަކަދައްކަނީ ފިރިހެންވަންތަ ސިފައެއް ހުރީއެއްނޫނޭ

    51
    2
  2. ޞފދދސ

    މިދެން ސްޓުޕިޑިޓީގެ އެހެން ލެވެލްއެއް. ރާއްޖޭގައިވެސް މަގުމަތީގައި މިއުޅެނީ މީނަބުނާ ގޮތަށް ހަދާ މީހުންނޭ. މާ މޭންއަކަށް ވެގެން އުޅޭ ބައެއް.

    45
  3. އަހަރެން

    މި ގައުމުގެ ރައްޔިތުންގެ މަޖިލިސް ރައީސަކަށްވެސް ހުންނާނެ މިކަހަލަ ބީތާވެފަ ހުރި ބޭކަލެއް

    24
  4. ައައްބެ

    މިއީ ބްރެޒިލް އަންނި

    15
  5. ކާފަބޭ2020

    ﷲ މީނާއަށާ މީނާފަދަމީހުން ތެދުމަގަށްމަގުދައްކަވާ އެއު ރެންނަށް ހިދާޔަތްދެއްވާދެއްވާށި ! އާމީން!

    22
  6. ދިވެހިކޮރަކަލި

    އަންނި ކަހަލަ ދެބަންދިހާރެއްދޯ ގައުމު ހަނާ ވާއިރު އަންހެންވެރިންގެ ސަމާލުކަން ހޯދަން ފިރިހެން ވަންތަ އޭ ކިޔަކިޔާފަ ކޮސްގޮވަނީ ޖަނގިޔާ ޗެލެންޖް ނުފެއްޓިޔަސް ރަގަޅު

  7. Anonymous

    މިކަހަލަ ދެއުޅިއެއްނުވާ މީހަކު ވެރިކަމަށް އެރުވީ ކިހިނެއްބާ؟

    10
    • ހެެނސަން

      އެއީ ރާއްޖޭގައިވެސް އަރުވާގޮތަށް