ނުރައްކާތެރި ކޮވިޑް-19 އަށް ފަރުވާދެމުން ދަނިކޮށް އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯއީ ޑިފީ މަރުވެއްޖެއެވެ.

ކޮވިޑް-19 އަށް ފަރުވާ ހޯދަމުން ދަނިކޮށް ހާލު ދެރަވެގެން ޑިފީ މަރުވެފައިވާކަން އޭނާގެ ތަރުޖަމާނަކު ވަނީ އެމެރިކާގެ ނޫސްތަކަށް ކަށަވަރުކޮށްދީފައެވެ. އޭނާ ބުނެފައިވާ ގޮތުގައި ޑިފީ މަރުވެފައި ވަނީ ކޮވިޑް-19 ގެ ސަބަބުން ނޭވާލާނިޒާމަށް ދިމާވި މައްސަލައެއްގައި ދުވަސްތަކެއް ވަންދެން ފަރުވާ ހޯދަމުން ދިޔަނަމަވެސް ހާލަތަށް ބަދަލެއް ނައިސް ވަނިކޮށެވެ.

ގްރެމީ އެވޯޑްވެސް ހާސިލްކޮށްފައިވާ ޑިފީ މަރުވެފައި ވަނީ އާދީއްތަ ދުވަހުގެ ވަގުތެއްގައި ކަމަށް އޭނާގެ އާއިލާއިން ބުނެފައި ވެއެވެ.

ޑިފީ ކޮވިޑް-19 އަށް ފައްސިވެފައިވާކަމުގެ ޚަބަރު ގިނަ ބަޔަކަށް ލިބުނީ މިދިޔަ ހުކުރު ދުވަހުއެވެ. އެއީ ޑިފީ އޭނާގެ އަމިއްލަ އިންސްޓަގްރާމް އެކައުންޓުގައި އެކަން ހާމަކޮށް ޕޯސްޓެއް ކުރުމުންނެވެ. އެ ޕޯސްޓުގައި އޭނާ ބުނެފައި ވަނީ، ކޮވިޑް-19 އަށް ފައްސިވެގެން އޭނާ ފަރުވާ ހޯދަމުންދާ ކަމަށެވެ. ނަމަވެސް އެވަގުތު އެކަމާއި ބެހޭ އިތުރު މަޢުލޫމާތެއް ޙިއްސާކުރެވެން ނެތްކަމަށް އޭނާ ބުނެފައި ވެއެވެ.

ޑިފީ ކުރި ޕޯސްޓުގައި އޭނާ ވަނީ، މިހާރު ފެތުރެމުންދާ ކޮވިޑް-19 އާއި މެދު ހުރިހާ ފަރާތްތަކުން ވެސް ސަމާލުވުމަށް ނަސޭހަތްތެރިވެފައެވެ. އަދި މި ވައިރަސް އިން ރައްކާތެރިވުމަށް އެޅެން އޮތް ހުރިހާ ފިޔަވަޅެއް އެޅުމަށް އޭނާގެ ފޭނުންނާއި އެނޫން ހުރިހާ ފަރާތްތަކުގެ ކިބައިން ވެސް އެދޭ ކަމަށް ބުނެފައި ވެއެވެ.

ކަންޓްރީ މިއުޒިކްގައި ގިނަބައެއްގެ މަޤުބޫލުކަން ހޯދާފައިވާ ޑިފީ އޭނާގެ މިއުޒިކީ ހަޔާތުގައި 13 އަލްބަމެއް ނެރެފައި ވެއެވެ. އޭގެތެރެއިން ދެ އަލްބަމަކަށް ޕްލެޓިނަމް އަދި އިތުރު އަލްބަމަކަށް ގޯލްޑް ސެޓިފައި ލިބިފައި ވެއެވެ. އޭނާއަށް ގިނަ ބައެއްގެ ސަމާލުކަން ލިބިގެން ގޮސްފައިވަނީ 90 ގެ ކުރީކޮޅުއެވެ. ޑިފީ މަރުވެފައި ވަނީ ހަތް އަހަރަށްފަހު އާ އަލްބަމެއް ނެރުމުގެ މަސައްކަތް އޭނާ ކުރަމުންދާ ކަމުގެ އަޑު ފެތުރިފައި ވަނިކޮށެވެ.

ޑިފީ އުފަންވީ އެމެރިކާގެ އޮކަހާމާ ސްޓޭޓުގެ ޓަލްސާ އަށެވެ. ނަމަވެސް އޭނާ އުޅެ ބޮޑުވީ ވެލްމާގައެވެ. މަރުވި އިރު ޑިފީގެ އުމުރަކީ 61 އަހަރެވެ. ތިން ކައިވެންޏެއް ކޮށްފައިވާ ޑިފީއަށް ދަރިއަކު ލިބިފައެއް ނުވެއެވެ.

ކޮވިޑް-19 ޖެހިގެން ލަވަކިޔުންތެރިޔާ ޑިފީ މަރުވެފައިވާއިރު، އޭނާ ނިސްބަތްވާ އެމެރިކާއަކީ މި ވައިރަސްގެ ނުރައްކާ މިވަގުތު އެންމެ ބޮޑުވެފައިވާ އެއް ޤައުމެވެ. މިހާތަނަށް އެންމެ ގިނަ ބަޔަކަށް މި ވައިރަސް ޖެހުނު ޤައުމެއްގެ ގޮތުގައި ވެސް އެމެރިކާ އޮތް އިރު މިހާތަނަށް އެޤައުމުން ޖުމްލަ 140990 މީހަކު ވައިރަސް އަށް ފައްސިވެފައި ވެއެވެ. އޭގެތެރެއިން 2457 މީހަކު މިހާތަނަށް ވަނީ މަރުވެފައެވެ.