ކޮވިޑް-19 ގައި 33000 އަށް ވުރެ ގިނަ މީހުން މަރުވެއްޖެއެވެ. ކޮވިޑް-19 ޖެހުނު ނަމަވެސް މަރުނުވެ، ފުރާނަ ސަލާމަތް ވަނީ ނަސީބުވެރިން ކަމުގައި ގިނަ ބަޔަކު ދެކެއެވެ. އެމެރިކާގެ ނިއުޔޯކަށް ނިސްބަތްވާ ފަތެހީ ދަރްހަން ވެސް ގަބޫލު ކުރަނީ އެގޮތަށެވެ. އޭނާ ވަނީ ކޮވިޑް-19 ޖެހިގެން ފަރުވާ ހޯދާފައެވެ. "މަރާއި ދާދި ގާތައް ދިއުމަށް ފަހު، އެނބުރި ދުނިޔެއަށް އާދެވިއްޖެ." ކަމަށް އޭނާ ބުނެއެވެ. ނަމަވެސް އޭނާ އަށް އުފަލެއް ނެތެވެ.

މިހާރު ދަރްހަން އަށް ކުރިމަތިވެފައިވާ އެއްމައްސަލައަކީ މާބޮޑަށް ބިރުގަތުމެވެ. އަދިވެސް އޭނާ ކޮވިޑް-19 އިން ސަލާމަތް ވެފައިވާކަމަށް އަމިއްލަ ނަފްސަށް ގަބޫލު ކުރަން އުނދަގޫ ވަނީއެވެ. ތިން ދަރިންނާއި ބައްދާލާ، އެމީހުންނާއި ކައިރިވެލަން އޭނާ ބިރުގަނެއެވެ.

"އަހަރެން އިހްސާސެއް ނުކުރެވޭ ރައްކާތެރިކަމެއް. އަހަރެންނަށް ހީވަނީ އަދިވެސް އަހަރެންގެ ގައިގަ ބަލި ހުރެދާނެއޭ. އަހަރެންގެ ފަރާތުން އަހަރެންގެ ދަރިންނަށް ބަލި ޖެހިދާނެއޭ. އާދައިގެ ދިރިއުޅުމަކަށް އެނބުރި ނާދެވިގެން މިއުޅެނީ." ދަރްހަން ކިޔައިދިނެވެ.

ނަމަވެސް އެމެރިކާގެ ސެންޓާސް ފޯ ޑިސީސް ކޮންޓްރޯލް އެންޑް ޕްރެވެންޝަން އިން ބުނާ ގޮތުގައި ކޮވިޑް-19 އިން ރަނގަޅުވާ މީހުން ހަދުވަސް ވަންދެން ހުން ނައިސް ހުރެއްޖެނަމަ އިތުރު ބޭހެއް ނަގާކަށް ނުޖެހޭނެއެވެ. އެމީހުންގެ ގައިން އެހެން މީހެއްގެ ގަޔަށް ބަލި ނާރާނެ ކަމަށާއި، ހަދުވަސް ވާއިރު ހުން ނާންނަމަ އެމީހެއްގެ ގައިގަ ކޮވިޑް-19 ނެތީ ކަމަށް އެމެރިކާގެ ސެންޓާސް ފޯ ޑިސީސް ކޮންޓްރޯލް އެންޑް ޕްރެވެންޝަން އިން ބުނެއެވެ.

އުމުރުން 34 އަހަރުގެ ދަރްހަން އަކީ ނިއުޔޯކުން ކޮވިޑް-19 އެންމެ ފުރަތަމަ ޖެހުނު މީހުންގެ ތެރެއިން އެކެކެވެ. އޭނާ މަހެއްހާ ދުވަހު ފަރުވާ ހޯދުމަށް ފަހު ހޮސްޕިޓަލުން ދޫކޮށްލިއިރު ވަޒީފާ ވަނީ ގެއްލިފައެވެ. ކުރިން ޑްރައިވަރެއްގެ ވަޒީފާ އަދާކުރި ދަރްހަން ބުނާ ގޮތުގައި މިހާރު އޭނާގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ވަޒީފާ ގެއްލިފައި ވުމެވެ.

"މަސް ނިމުމުން ބިލްތައް ދައްކާނެ ގޮތެއް އަހަރެންނަކަށް ނޭނގޭ. އަހަރެން އަތުގައި އެއްވެސް ފައިސާއެއް ނެތް. އަހަރެންނަށް މިދަނޑިވަޅުގައި ވަޒީފާއެއް ލިބޭނެ ގޮތެއް ނެތް. މަރުން ސަލާމަތްވި ނަމަވެސް އަހަރެންނަށް އުފަލެއް ނެތީ އެހެންވެ. އަހަރެންގެ ތިން ދަރިންނާއި، އަނބިމީހާ ބަލަހައްޓާނެ ގޮތެއް އަހަރެންގެ ނެތް." ދަރްހަން ކިޔައިދިނެވެ.

އަހަރުތަކެއް ކުރިން ޔަމަނުން އެމެރިކާ އަށް ހިޖުރަކުރި ދަރަހަން މިހާރު ހުރީ ހަދާނެ ގޮތް ހުސްވެފައެވެ. ނަމަވެސް އޭނާގެ އުއްމީދަކީ ވަރަށް އަވަހަށް އޭނާ އަށް ކޮންމެވެސް އަލިމަގެއް ފެނުމެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކަމަނަ

    ފަހަށް ރައްކާކުރަން މި ޖެހެނީ މިކަހަލަ ކަމަކާ ދިމާވެދާނެތީ..

    10