ޝާހްރުކް ޚާންގެ ފިލްމް "ފޭން" އިން ފެނިގެން ގޮސްފައިވާ އެކްޓަރ ޝިޙާ މަލްހޮޓްރާ މިހާރު ދަނީ ވޮލެންޓިއަރ ނަރުހެއްގެ ގޮތުގައި މުމްބާއީ ހޮސްޕިޓަލްގައި މަސައްކަތް ކުރަމުންނެވެ. އޭނާ ބޭނުންވަނީ ކޮވިޑް-19 އާ ގުޅިގެން ބަލި މީހުންނާއެކު އެ ބަލިން މީހުން ސަލާމަތް ކުރުމުގައި އެހީވާށެވެ.

އޭނާ އަކީ ދިއްލީގެ ވަރްދަމާން މަހަވިރް މެޑިކަލް ކޮލެޖް އެންޑް ސަފްޑަރްޖަންގ ހޮސްޕިޓަލުން ނަރުަސް ކަމުގެ ދާއިރާގައި ޑިގްރީހާސިލްކޮށްފައިވާ ތަރުއެކެވެ

"އަހަރެން ކޮވިޑް-19 ބަލީގެ މީހުންނަށް އެހީތެރިވަން މި ފެށި، އަހަރެންނަށް އެ މީހުންނަށް އެހީތެރިވެވޭނެ ގާބިލްކަން ހުރީމަ" އޭނާ ބުނެފައި ވެއެވެ.

އިންޑިއާގައި މިއަދު ހެނދުނާއި ހަމައަށް ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 979 އަށް އަރާފައެވެ.

"އަބަދުވެސް ގައުމަށް ހިދުމަތް ކުރުމުގައި ހުންނާން، އެއީ ނަރުހެއްގެ ގޮތުގައި، ވިޔަސް، އެންޓަޓައިނާއެއްގެ ގޮތިގައި ވިޔަސް، އަހަރެން ބޭނުންވެއްޖެ ހާލަތެއްގައި". މަލްހޮޓްރާގެ އިންސްޓަގްރާމް ޕޯސްޓެއްގައި ބުނެފައި ވެއެވެ.

އަދި އޭނާ ވަނީ އެ ޕޯސްޓުގައި މެޑިކަލް ދާއިރާއިން ޑިގްރީ ހަސިލްކޮށްފައިވާ ފަރާތްތަކުން އެ ބައްޔާއި ދެކޮޅަށް މަސައްކަތް ކުރުމަށް ނުކުތުމަށް އެދިފައެވެ.

އަދި މީގެ އިތުރުން އޭނާ ވަނީ، އެންމެ ހެޔޮ ދުއާ އަށާއި، އެންމެންވެސް ބޭރަށް ނުނިކުމެ ސަރުކާރަށް އެހީވުމަށް އެދިފައެވެ.

މަލްހޮޓްރާ މިހާރު މަސައްކަތް ކުރަމުން ދަނީ މުމްބާއީގެ ބަލަސަހެބް ތަކެރޭ ޓްރައުމާ ސެންޓަރުގައެވެ.