ކޮވިޑް19 އާ ގުޅިގެން ދުނިޔޭގެ ގިނަ ގައުމުތަކެއް ވަނީ ފުރަބަންދުކޮށްފައެވެ. އޭގެ ތެރޭގައި އަވަށްޓެރި އިންޑިއާވެސް ހިމެނެއެވެ. މުޅި ގައުމު ބަންދުކޮށްފައިވާއިރު ޒަރޫރީ ބޭނުންތަކަށް ފިޔަވައި ބޭރަށް ނުކުމެ އުޅުންވެސް އެގައުމުގައި ވަނީ މަނާކޮށްފައެވެ. އެގޮތުން ބޭރަށް މީހުން ނުކުމެ އުޅޭތޯ ބެލުމަށް ފުލުހުން އަބަދުވެސް މަގުމަތި ބަލަހައްޓަމުން ދެއެވެ. އަދި ދުއްވާ އުޅަނދުތައް ބަލައި ފާސްކުރުމަށާއި ނަސޭހަތް ދިނުމަށް ޗެކް ޕޮއިންޓުތައްވެސް ހަދައިގެން ފުލުހުން ތިބެއެވެ.

ފޮޓޯއިން ފެންނަ ހެލްމެޓަކީ އިންޑިއާގެ ޗެންނާއީގައި ހުންނަ އާޓް ކިންގޑަމްގެ އާޓިސްޓެއްކަމަށްވާ، ބީ ގޯތަމް އުފެއްދި ހެލްމެޓެކެވެ. އޭނާ އެ ހެލްމެޓު އުފެއްދީ ނުރައްކާތެރި ބަލިމަޑުކަމެއް ފެތުރެމުންދާއިރުވެސް އެކަމާ ގުޅިގެން އާންމުން ހޭލުންތެރި ނުވާތީއާއި އެކަމާ ގުޅިގެން ސަލާމަތީ ފިޔަވަޅު އެޅުމަށް އާންމުން ބޭނުން ނުވާތީ ކަމަށް ވެއެވެ.

"ގިނަ މީހުންގެ ގައިގައި އާންމު ސާފުތާހިރުކަމެއް ނެތް. އަމިއްލަ ސާފުތާހިރުކަމަށްވެސް ވިސްނައެއް ނުލާ. ސަރުކާރުން އޮތީ ބޭރަށް ނުނިކުތުމަށް އަންގާފަ. އެހެން ނަމަވެސް ބޭރު ތެރޭ އުޅޭ މީހުން މަދެއް ނުވޭ. އަދި ބޭރަށް ނުކުމެ އުޅޭ އިރު މާސްކުވެސް ނާޅާ. ރައްކާތެރިކަމާ ގުޅޭ އެއްވެސް ކަމެއް މީހުން ފޮލޯއެއް ނުކުރޭ،" ގޯތަމް ބުނެފައިވެއެވެ.

އޭނާ ބުނެފައިވާ ގޮތުގައި އެ ބަލި ސީރިއަސް ބައްޔެއްގެ ގޮތުގައި މީހުން ބަލައި ނުގަންނަނީ ވައިރަސް ކުޑަ ވެފައި ލޮލަށް ނުފެންނާތީ އެވެ. އެހެންކަމުން ވައިރަސް މީހުންނަށް ދެއްކުމަށްޓަކައި އޭނާ ހެލްމެޓެއް ހެދީ އެވެ. އޭނާ ބުނީ ހެލްމެޓް ސައިޒުގެ ބޮޑު ވައިރަހެއް ފެނުމުން މީހުން ބިރު ގަންނާނެ ކަމަށެވެ.

ހެލްމެޓު އޭނާ ހަދާފައިވަނީ މައިކްރޯސްކޯޕެއްގެ އެހީގައި ނޮވެލް ކޮރޯނާ ވައިރަސް ފެންނާނެ ގޮތަށް ހަމަ އެކުލަތައް ބޭނުންކޮށްގެންނެވެ. އެގޮތުން ހެލްމެޓުގެ ވަށައިގެން ކަށިތަކެއް ހަރުކޮށް، ކޮންމެ ކައްޓެއްގެ ކޮޅުގައި ބޮތްކެއް ހަރުކޮށްފައި ވެއެވެ.

ގޯތަމްގެ މި އުފެއްދުން ބޭނުންކޮށްގެން އާންމުން ހޭލުންތެރިކުރުވުމަށް ޗެންނާއީގެ މަގުމައްޗަށް ނުކުމެފައިވަނީ އިންޑިއާގެ ފުލުހެއް ކަމަށްވާ އިންސްޕެކްޓަރ ރާޖޭޝް ބާބޫ އެވެ. ޗެކްޕޮއިންޓުތަކުގައި އުޅަނދުތައް މަޑުކުރުވުމަށްފަހު ވައިރަހާ ގުޅިގެން ގޭތެރޭގައި ތިބުމަށް އޭނާ އަންނަނީ ނަސޭހަތްތެރިވަމުންނެވެ. އަދި އޭނާ އަކީ ވައިރަސް ކަމަށް ބުނެ، ބޭރަށް ނުކުމެއްޖެ ނަމަ "އަހަރެން އެތެރެއަށް ވަންނާނަން" މިހެން ބުނަމުންދާ ކަމަށް ޚަބަރުތައް ބުނެއެވެ.

ޚަބަރުތައް ބުނާ ގޮތުގައި އެ ހެލެމެޓްގެ އެހީގައި މީހުން ހޭލުންތެރި ކުރުވަން ފެށުމުން ގިނަ ބައެއްގެ ތައުރީފު ރާޖޭޝް އަށް ދަނީ އޮހެމުންނެވެ. އަދި ގިނަ ބަޔަކު ވަނީ ގެއިން ނުނިކުތުމަށް އެއްބަސްވެފައިކަމަށްވެސް ވެއެވެ.

ޖޯން ހޮޕްކިންސް ޔުނިވާސިޓީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އިންޑިއާއިން މިހާތަނަށް 1024 މީހަކަށް ވަނީ ކޮވިޑް19 ޖެހިފައެވެ. އަދި އެބަލީގައި މިހާތަނަށް 27 މީހަކު ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބަބުރު?

    އޭ ކޮރޯނާ! ދޭ ދޭ ދޭ އޭ ކޮރޯނާ ކަލެއާހެދި ސިކުނޑި މޮޔަވެއްޖޭ ހަލާކުވެއްޖޭ ކީއްކުރަންހޭ ކަލޭ އުފެދުނީ!؟؟ މީހުން މަރަމުން ތި ދުވަނީ ކަލޭ ތި އައިތާކަށް ދާންއުޅޭށޭ !!! ދޭ ކޮރޯނާ ދޭ ވޫހާންގެ މާރުކޭޓަށް ވަދެ ފިލާ ދޭ!! ބަލަ ކަލޭގެ ކަންފަތް ކޮބާހޭ!!!! ކަންފަތަށް އަޑުއިވޭހޭ!؟ ދާންއުޅޭށޭ!! ވަރުގަދަވެއްޖެ ކަމެކޭތީ! ??????ދޭ ދޭ ދޭ

    5
    3
    • 'ކިޔާރާ

      މަޖަލެއް ނޫން.މީ ސީރިއަސް މައްސަލައެއް.