އިނގިރޭސި ވިލާތުގައި ކޮވިޑް19 ބާރު މިނުގައި ފެތުރެމުންދާއިރު ގައުމު އޮތީ މިހާރު ވަރަށް ބޮޑު ނުރައްކަލެއްގެ ތެރޭގައެވެ. މިއަދުގެ މިހާތަނަށް އެގައުމުގައި ޖުމްލަ 19،522 މީހަކަށް ބަލި ޖެހިފައިވާއިރު ޖުމްލަ 1،415 މީހަކު ވަނީ ބަލީގައި މަރުވެފައެވެ.

އެގައުމުގައި ބަލި ޖެހިގެން މަރުވި މީހުންގެ ތެރެއިން ފާހަގަކޮށްލެވޭ އެކަކީ މަޝްހޫރު ޑީޖޭ، އުމުރުން 30 އަހަރުގެ ލިއަމް ޑައުނިންގ އެވެ. އޭނާ އަކީ ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވް ވި އިރު ލޭގެ ކެންސަރާ ހަނގުރާމަކުރަމުން އައި މީހެކެވެ. އޭރު އެ ކެންސަރު ޖެހިފައި ހުންނަތާ ދެ އަހަރު ވީ އެވެ. ޑޮކްޓަރުން އޮތީ އޭނާ ދިރިހުންނާނެ ކަމުގެ އުއްމީދު ކަނޑާލާފައެވެ.

އޭނާ އަށް ކޮރޯނާ ވައިރަސް ޖެހިފައިވަނީ ރޯގާ ޖެހިގެން ޑޮކްޓަރަށް ދައްކަން ދިއުމުން ހޮސްޕިޓަލް ތެރެއިން ކަމަށް ރިޕޯޓުތައް ބުނެއެވެ. އޭނާ ދުނިޔޭގައި ދިރި ހުންނާނެ ކަމުގެ ޔަގީންކަން މީގެ ކުރިންވެސް ކަނޑާފައި އޮތުމުން އޭނާ ބޭނުންވީ އޭނާއަށް ފަރުވާ ދިނުމުގެ ބަދަލުގައި އެހެން މީހުންނަށް ފަރުވާ ދިނުމުގައި ސިއްހީ ޚިދުމަތްތެރީން ހަރަކާތްތެރިވުމަށެވެ. އެއީ އޭނާއަށް ފަރުވާ ދިނުމުގައި ހޭދަ ކުރާ ވަގުތަކީ އެހެން މީހެއްގެ ފުރާނައަށް ނުރައްކާ ވެދާނެ ވަގުތެއް ކަމަށް އޭނާއަށް ގަބޫލު ކުރެވޭތީ އެވެ.

އެގޮތުގެ މަތިން އޭނާއަށް ފަރުވާ ދިނުން ހުއްޓާލިއެވެ. އަދި މަރުވަންދެން އޭނާ އޮތީ ކަރަންޓީނުގައެވެ. އޭނާ ދުނިޔެ ދޫކޮށް ދިޔައީ މިދިޔަ ހުކުރު ދުވަހު އެވެ.