ކޮވިޑް-19 ޖެހިގެން ކޮންމެ ދުވަހަކު އެތައް ބަޔަކު މަރުވަމުން ދާއިރު، އޭގެ ތެރޭގައި ވަރަށް ހިތްވަރު ގަދަ، އެހެން މީހުންނަށް މިސާލު ދައްކާފައިވާ ކިތަންމެ ބަޔަކު ވެސް ހިމެނެއެވެ. އޭގެ ތެރެއިން އެކަކީ އުމުރުން 42 އަހަރުގެ އެމެރިކާ އަންހެނެއް ކަމަށްވާ ސަންޑީ ރުޓާއެވެ.

އުރަމަތީ ކެންސަރު ޖެހިގެން މީގެ ކުރިން އެބައްޔަށް ފަރުވާ ކުރުމުގައި ވެސް އޭނާ ވަނީ ހިތްވަރު ދައްކާފައެވެ. އެހެންނަމަވެސް އެންމެ ފާހަގަ ކޮށްލެވެނީ އޭނާ ފިރިއެއް ނެތި ހަކުދިން ބަލައި ބޮޑުކުރުމެވެ. އެއްވެސް ކަމެއް ދަރިންނަށް އުނި ނުވާނެ ގޮތައް ކަންތައްތައް ކުރުމަށް އޭނާ ވެއިޓަރުކަމާއި، ކުނިކަހާ މީހެއްގެ ވަޒީފާ އާއި ފާހާނާ ސާފުކުރާ މީހެއްގެ ވަޒީފާ ވެސް އަދާކުރިއެވެ.

ސަންޑީ އަށް ކޮވިޑް-19 ޖެހި، ދެން ގަދަނުވާނެ ކަން އެނގުމުން އޭނާގެ ހަދަރިންނާއި އޭނާގެ ކޮއްކޮ އަދި މަންމަ ވަނީ ހޮސްޕިޓަލަށް ގޮސް ސަންޑާ އަށް އެންމެ ފަހުގެ އަލްވަދާއު ކިޔާފައެވެ. ނަމަވެސް އެންމެ ފަހުވަގުތު ވެސް ސަންޑީ އާއި ބައްދަލު ކުރުމުގެ ފުރުސަތެއް އާއިލާއަކަށް ނުލިބެއެވެ. ސަންޑީ އަށް އާއިލާ މެންބަރުން އަލްވަދާއު ކިޔަން ޖެހުނީ އޭނާ ބާއްވާފައި އޮތް ކޮޓަރީގެ ކުޑަދޮރު ކައިރީ ތިބެގެންނެވެ.

"އޭނާގެ ދިފާޢީ ނިޒާމްގެ ބާރު ވަރަށް ދެރަ. އެއީ މީގެ ކުރިން ކެންސަރަށް ވެސް ފަރުވާ ކޮށްފައިވާ މީހެއް. އެހެންކަމުން ކޮވިޑް-19 ޖެހުނުކަން ކަށަވަރުވި ދުވަހުން ފެށިގެން އަހަރެމެން ތިބީ ވަރަށް ބޮޑު ހާސްކަމެއްގައި." ސަންޑީގެ ކޮއްކޮ ކިޔައިދިނެވެ.

ސަންޑީގެ ކޮއްކޮ ބުނީ ސަންޑީ އެންމެ ދެރަވީ އޭނާ ނެތް ދުވަހަކު ދަރިންނަށް ދެރަގޮތެއް ވެދާނެތީއެވެ. ނަމަވެސް ސަންޑީގެ ކޮއްކޮ އާއި އެންމެ ދޮއްޓަށް ތިބި ކުދިން ވަނީ ދެން ތިބި ކުދިން ހާލުގައި ނުޖައްސާ ރަނގަޅަށް ގެންގުޅޭނެ ކަމަށް ސަންޑީ ކައިރީ އެންމެ ފަހު ވަގުތު ވެސް ވައުދުވެފައެވެ.

ސަންޑީ އޭނާގެ ދަރިންނަށްޓަކައި ވެފައިވާ ގުރުބާނީގެ އަޑު އިވުމުން ވަރަށް ގިނަ މީހުން ގެންދަނީ އޭނާގެ ދަރިންނަށް ވެސް އެހީވާން ތައްޔާރަށް ތިބި ކަމަށް ބުނަމުންނެވެ.

ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުން އަންނައިރު މިހާތަނަށް މަރުވި މީހުންގެ ޖުމްލަ މިހާރު ވަނީ 42335 އަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު