މުޅި ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ބަލި، ކޮވިޑް-19 ގެ ސަބަބުން މީހަކު މަރަށް ތެޅެމުން އަންނަ ވީޑިއޯއެއް ދައުރުވަމުން އަންނަ އިރު އޭގެ ހަގީގަތް ގިނަ ބަޔަކަށް ނޭނގި ދަނީ ގިނަ ވާހަކަތަކެއް މީސް މީޑީއާގައި ދެކެވެމުންނެވެ.

އާންމުވެފައިވާ ވީޑީއޯއިން ފެންނަ ގޮތުގައި ދުބާއީގެ މަގުމަތީގައި ޒުވާން އުމުރުގެ ފިރިހެނަކު ބިންމަތީ މަރަށް ތެޅެމުންދެއެވެ. ބައެއް މީހުން ވީޑިއޯ އާންމު ކޮށް، ޖަހާފައިވަނީ ނުރައްކާތެރި ކޮވިޑް-19 ގެ ސަބަބުން ޒުވާން ފިރިހެނަކު މަރުވަނީ ކަމަށެވެ.

އެހެން ނަމަވެސް އެކަން ކަށަވަރުކޮށްދެމުން ދުބާއީގެ މީޑީއާ އޮފީސް އިން ބުނެފައިވަނީ ދައުރުވަމުން އަންނަ "ކޮވިޑް-19 ޖެހިގެން މީހަކު މަރުވަނީ" ކަމަށް ބުނާ އެ ވީޑީއޯއަކީ ފޭކް ވީޑިއޯއެއް ކަމަށެވެ. އޭނާ ބުނެފައިވަނީ އެ ވީޑިއޯއަކީ ވަރަށް ކުރީގެ ވީޑީއޯ އެއް ކަމަށެވެ.

"އެ ވީޑިއޯ އިން އެފެންނަ މީހާއަށް އެގޮތަށް އެވަނީ ކޮވިޑް-19 ޖެހިގެނެއް ނޫން. އެއީ ސިކުނޑިއަށް ކޮންމެވެސް ކަހަލަ ކަމެއް ވެގެން އެތަނުގައި އޮންނަ މީހެއް. ދައުރުވަމުން އަންނަނީ ފޭކް ވީޑީއޯ އެއް" މީޑިއާ އޮފިޝަލް ބުންޏެވެ.

މި ވީޑިއޯ މީސްމީޑިއާގައި ދައުރުވާން ފެށުމުން ގިނަ މީހުންގެ ހިތްތަކުގައި ވަނީ ބިރުވެރިކަން އުފެދިފައެވެ. އެހެން ކަމުން އެގައުމުގެ ކޮމިއުނިޓީ ޑިވެލޮޕްމަންޓް އޮތޯރިޓީން މިހާރު އަންނަނީ އެފަދަ ވީޑިއޯ އެއް ދައުރުކޮށް މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް މަސައްކަތް ކުރަމުން އަންނަ މީހުން ހޯދުމުގެ މަސައްކަތް ފަށާފައެވެ. އަދި އެފަދަ ފަރާތްތަކަށް ހައްގު އަދަބު ދޭނެ ކަމަށްވެސް ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު