ދުނިޔޭގައި މިހާރު ހަލުވިކަމާއި އެކުގައި ފެތުރެމުން އަންނަ ކޮވިޑް-19 އަށް ޓެސްޓު ނުކުރާނެ ކަމަށް ވިދާޅުވެ "ބޮޑާ ހޭކުމަށްފަހު" އެމެރިކާގެ ރައީސް ޑޮނަލްޑު ޓްރަމްޕު އެ ބައްޔަށް ފުރަތަމަ ޓެސްޓު ކުރިތާ މާގިނަ ދުވަހެއް ނުވަނީސް އަނެއްކާވެސް މި ވައިރަސް ޖެހިވައިވޭތޯ ބެލުމަށް ޓެސްޓެއް ހަދައިފިއެވެ.

ޓްރަމްޕް ކޮވިޑް-19 ގެ ދެވަނަ ޓެސްޓެއް ހަދާފައިވާކަން ވައިޓް ހައުސް އިން ނޫސްތަކަށް ކަށަވަރުކޮށްދީފައި ވާއިރު، ވައިޓް ހައުސް އިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދެވަނަ ފަހަރަށް ހެދި ޓެސްޓުންވެސް ޓްރަމްޕް ކޮވިޑް-19 އަށް ނެގެޓިވް ކަމަށެވެ.

އެންމެ ފުރަތަމަ ޓްރަމްޕް ކޮވިޑް-19 އަށް ޓެސްޓު ކޮށްފައިވަނީ، ބްރެޒިލްގެ ރައީސް، ޓްރަމްޕްގެ އަރިހަށް ޒިޔާރަތްކުރުމަށްފަހު އެނބުރި ޤައުމަށް ދިޔަ ފަހުން އޭނާ ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވުމާއި ގުޅިގެންނެވެ. މީގެއިތުރުން އެމެރިކާގައި މި ވައިރަސް އަށް ފައްސިވި އޮފިޝަލަކާއި އޭނާ ސަލާމްކޮށްފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެފައިވެއެވެ.

ޓްރަމްޕު ވަނީ މީގެކުރިން ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ދެކޮޅު ހަދާފައެވެ. އޭރު އޭނާ ބުނެފައި ވަނީ ޓެސްޓް ކުރަން އޭނާ ބޭނުން ނުވެސްވާ ކަމަށާއި، އެކި މީހުން އޭނާ ގާތު ވައިރަސް އަށް ޓެސްޓް ކުރުމުގެ ބޭނުމެއް ނެތްކަމަށް ވެސް ބުނެފައިވާ ކަމަށެވެ. އެހެންކަމުން އޭނާ ކޮވިޑް-19 އަށް ޓެސްޓު ކުރުމަކީ މުޙިންމު ކަމެއް ކަމަށް ނުދެކޭ ކަމަށް ޓްރަމްޕް ކުރިން ބުނެފައި ވެއެވެ.

ކޮވިޑް-19 އަށް ޓްރަމްޕް ދެވަނަ ފަހަރަށް ޓެސްޓު ކޮށްފައިވާއިރު، އެމެރިކާ އަކީ ދުނިޔެއިން މި ވައިރަސް ފެނިފައިވާ 204 ޤައުމުގެ ތެރެއިން މިހާތަނަށް އެންމެ ގިނަ ބަޔަކަށް ވައިރަސް ޖެހިފައިވާ ޤައުމެވެ. މިހާތަނަށް އެޤައުމުން ޖުމްލަ 240593 މީހަކު މި ވައިރަސް އަށް ފައްސިވެފައިވާއިރު، އޭގެތެރެއިން ޖުމްލަ 5810 މީހަކު ވަނީ މަރުވެފައެވެ. އެޤައުމުން މި ބަލިން ރަނގަޅުވެފައި ވަނީ ޖުމްލަ 10400 މީހުންނެވެ. އެމެރިކާގައި ކޮވިޑް-19 ފެތުރޭ މިންވަރު ފަހަކަށް އައިސް ދަނީ އާދަޔާއި ޚިލާފަށް އިތުރުވަމުންނެވެ. އެގޮތުން އިއްޔެ އެކަނިވެސް އެޤައުމުން 25500 އަށްވުރެ ގިނަ މީހުން މި ވައިރަސް އަށް ފައްސިވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ގުއިބެ

    ބޮޑާ ހާކަން މިއީ ކުޑަ ކުޑަ ބޭބީ އެއްތަ؟؟ މީ ތަން ތަނުގެ ވެރިންނައް ލާން ހެޔޮވާ ވަރު މީހުންނެއް ނޫން!!

  2. ފަސްކުޅަނދު

    މިއަކީ އެކަކަށް މަލާމާތް ކޮށްފަ އަނެކާއަށް މޮޅުތަކެއް އޮތް އިރެއް ނޫން. ކަލޭމެން ދިވެހީންވީމަ ހީވަނީދޯ ކަލޭމެންތީ ބަޑިނުވަންނަ ކޯއްޓޭގައި ތިބި ބަޔެކޭ؟ ބޭހެއް ނެރުނަސް ނެރޭނީ އެޓުރަންޕު އަދިވެސް. ކަލޭމެންނަށް ޖެހޭނީ އޭނާގެ ފައިބުޑަށް ވެއްޓޭން. އިޒުރޭލަށް ވެސް އާދޭސް ކުރަން. އިރެއްގަ ކަލޭމެންނަށް މޭފުއްޕާފަ އުޅެވުނަސް މިއަދަކު ޔޫރަޕު ކީއްކުރަން އިންޑިއާގެ އެހީއާ ނުލައެއްވެސް އުޅެވޭކަށްނެތް. ހަމަ ބިމަށް ތިރިވޭ ދެންވެސް.

    1
    13
    • ޔޫސޭ

      ކަލޭ އޮވެ ޓްރަމްޕު ފޫބުޑަށް ވެއްޓިގެން. ނޫނީ އިންޑިޔާއަށް އަޅުކަން ކުރަން. އެ ދެޤައުމުގެ ކާފަރު ދެވެރިންނަށް ހިދާޔަތް ދައްކަވާށި. އަދި އެމީހުންގެ ނުބައިކަމުން އަޅަމެން އެންމެން ސަލާމަތް ކުރައްވާށި. އަޅަމެންނަށް ރިޒްޤް ދެއްވާ ފަރާތަކީ ހަމަ އެކަނި ﷲ

      4
      1
      • ކުރޭ

        ޔޫސޭ ކަލޭގެ ފެންވަރެއް ނެތެއްނު؟ ތިޔަ ވަރު މީހުން ރައްދުދީ ކޮމެންޓް ކުރާނެ ކަމެއް ނެތް. ފަސްކުޅަނދު އެބުނީ ހަމަ ފިސާރި ހަގީގަތެއް.