ގޭތެރެއަށް ނުވަތަ ބަދިގެ ތެރެއަށް އެންމެ ބިހެއް ތަޅައިގެން ދިޔުމަކީވެސް އެތަކެއް އުނދަގޫތަކެއް ކުރިމަތިކުރުވާ ކަމެކެވެ. އޭގެ ވަސް ފިލުވާ، އެތަން ސާފުކުރުމަކީ އުނދަގޫ ކަމެކެވެ. މިއީ އަދި އެންމެ ބިހެއްގެ ސަބަބުންނެވެ. ދެން މިއަށްވުރެ ގިނަ ބިސް، ތަނަކަށް ތެޅިއްޖެނަމަ، އެކަން އަންދާޒާ ކޮށްލެވޭ ހެއްޔެވެ؟

ދާދިފަހުން، ބިސް ތަކެއް ހިފައިގެން ދަތުރުކުރި ބޮޑު ޓްރަކެއްގެ ކޮންޓްރޯލުން ނެއްޓި އެކްސިޑެންޓުވުމުން، މަގެއްގެ މައްޗަށްވަނީ 100،000 ނުވަތަ އެއް ލައްކަ ބިސް ތަޅައިގެން ގޮސްފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިކަން ހިނގާފައިވަނީ ޗައިނާގެ ހަންޒޫ- ޖިންދެޝެން އަށް އޮންނަ ޖީ ސިކްސް ޒީރޯ ނައިން ހައިވޭ މަތީގައެވެ.

މީސް މީޑިޔާގައި ދައުރުވި ވީޑިޔޯތަކާއި ނޫސްތަކުން ކޮށްފައިވާ ރިޕޯޓުތަކުން ބުނާ ގޮތުގައި ބިސްތައް ތަޅައިގެން ދިޔުމުގެ ސަބަބުން ހައިވޭގެ ބޮޑު ސަރަޙައްދަކަށް ބިހުގެ ފެންތައް ފެތުރިފައިވެއެވެ. އެގޮތުން ގާތްގަނޑަކަށް 120 މީޓަރުގެ ސަރަޙައްދަކަށް ބިސްތައް ފެތުރިފައިވެއެވެ. އަދި، މަގު ސާފުކުރުން ދެ ގަޑިއިރު ހޭދަވިކަމަށްވެސް މައުލޫމާތު ލިބެއެވެ.

ޓްރަކް އެކްސިޑެންޓުވެ ބިސްތައް ތަޅައިގެން ދިޔުމުން، މި ބިސްތައް އުފައްދާފައިވާ ކުންފުންޏަށް ބޮޑު ގެއްލުމެއްވެސް ލިބިފައިވެއެވެ. އެގޮތުން 85،000 ޔުއާން ނުވަތަ 207،735.11 ރުފިޔާގެ ގެއްލުން ލިބިފައިވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ލާލާޖީ

    އެއްލައްކަބިހެއްނުތެޅޭ. ތެޅުނީ 93755ބިސް.