ކޮވިޑް-19 އާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، އިންްޑިއާގެ ރައްޔިތުންނަށް ބޮޑު އެހީއެއް ވެދިނުމަށް ނިންމާފައިވާކަމަށް އިންޑިއާގެ އެންމެ ކާމިޔާބު ބޮލީވުޑްގެ ތަރި ޝާހްރުކް ޚާން ބުނެފިއެވެ.

ޓްވިޓާ މެދުވެރިކޮށް ޝާހްރުކް ބުނީ، އޭނާ އާއި އޭނާގެ ޓީމުން ކޮވިޑް-19 އާ ދެކޮޅަށް ކުރާނެ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ. އަދި އެކަމުގައި ބައެއް ފަރާތްތަކަށް އެހީވުމަށްވެސް ނިންމާފައިވާ ކަމަށް އޭނާ ބުނެފައި ވެއެވެ.

އެގޮތުން ޝާހް ރުކް މަހަރަޝްތްރާ އާއި ވެސްޓް ބެންގަލްގެ ސްޓޭޓް ސަރުކާރާއެކު ސިއްހީ ހިދުމަތްތެރިންނަށް ބޭނުންވާ ޕާސަނަލް ޕްރޮޓެކްޓިކް އިކިއުޕްމެންޓްސް ހޯދުމުގެައި މަސައްކަތް ކުރާނެއެވެ.

އަދި އޭނާ ކޮންމެ ދުވަހަކުވެސް މުމްބާއީގައި އޭނާ ދިރިއުލެމުންދާ ސަރަހައްދުގައި އުޅޭ 5500 އާއިލާއަކަށް ކާނާ ފޯރުކޮށްދެމުން ދާނެއެވެ. އަދި އެ ސަރަހައްދުގައި އޭނާ ބަދިގެ ސެޓެއް ގާއިމްކޮށް، ކޮންމެ ދުވަހަކު 2000 ކެއުންތައް ތައްޔާރުކޮށް، ގެތަކަށާއި، ހޮސްޕިޓަލްތަކަށް ފޯރުކޮށްދިނުމަށް ޝާހްރުކް ވަނީ ނިންމާފައެވެ.

އިންޑިއާގައި ކޮވިޑް-19 ފެތުރުން ހުއްުޓުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު، އެ ގައުމުން މިހާރުވެސް މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 50 އަށްވުރެ މައްޗަށް ގޮސްފައެވެ.

އެ ގައުމުގައި ވައިރަސް ޖެހުނު މީހުންގެ އަދަދު 2300 އަށް ވަނީ އަރާފައެވެ. އަދި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 56 އަށް އަރާފައެވެ.