ކޮވިޑް-19 ފެތުރެން ފެށުމާއެކު އިންޑިއާ ފުރަބަންދު ކުރުމުން އެކަމުގެ ސަބަބުން އުނދަގޫ ޖެހުނު ކެންސަރާއި ހަނގުރާމަ ކުރަމުންދިޔަ އިންޑިއާގެ އެކްޓަރ ނަފީސާ އަލީއަށް އެހީތެރިވެދިނުމަށް ގޯވެ ސަރުކާރުން އޮފިޝަލުން ފޮނުވައިފިއެވެ.

ނަފީސާ އަކީ ކެންސަރު ބަލިން ސަލާމަތްވެފައިވާ މީހެކެވެ. ނަމަވެސް އަދިވެސް އޭނާ އެ ބައްޔަށް ބޭސް ކުރެއެވެ. ދިއްލީގައި އުޅެމުންދިޔަ ނަފީސާ ގޯއަށް ދިޔައީ ދަރިފުޅު ދެކިލުމަށެވެ.

އޭނާ އެތަނުގައި ހުއްޓާ ކެންސަރު ބައްޔަށް ކަމުންދިޔަ ބޭސް ހުސްވާން ކައިރިވުމުން އެކަން މީޑިއާ މެެދުވެރިކޮށް ހިއްސާ ކުރުމުން ގޯ ސަރުކަރުން އޭނާއަށް ވަނީ ބޭސް ގެނެސް ދީފައެވެ.

އޭނާ ޕްރެސް ޓްރަސްޓް އިންޑިއާއަށް މައުލޫމާތުދެމުން ބުނީ، އިންޑިއާ ފުރަބަންދު ކުރި ފަހުން ގޯގައި ފުރަތަމަ ހަފްތާ ވެގެން ދިޔައީ ވަރަށް ދަތި ދުވަސްތަކަަށް ކަމަށެވެ.

"އެހެން ނަމަވެސް މިހާރު ތަރުކާރީ ފިހާރަތައްވަނީ ހުޅުވާފައި، ގޯގައި އޮތީ ވަރަށް އުނދަގޫ ދުވަސްތަކެއް، ހުރިހާ ތަނެއް ހުރީ ބަންދުކޮށްފައި، އެއްވެސް އެއްޗެއް ނުލިބޭ.". އޭނާ ބުނެފައި ވެއެވެ.

އޭނާ ބުނެފައިވާގޮތުގައި، އެއްޗެއް ގަންނަން ވެސް ބޭރަށް ދެވޭ ވަރެއް ނޫނެވެ. ބޭރަށް ދާ ކޮންމެ މީހެއްގެ ގައިގައި ފުލުހުން ތަޅައެވެ.

"އަހަރެންގެ ބޭސްތައް މިހާރު ދަނީ ހުސްވަމުން، އަހަރެން ޖެހޭ ކެންސަރަށް ބޭސްކާން، ގޯގެ އެއްވެސް ތާކުން ބޭހެއް ނުލިބޭ. "

އޭނާގެ މިގޮތަށް ދިން މައުލޫމާތާއެކު އޭނާއަށް އެހީތެރިވެރުމަށް ގޯގެ ޗީފް މިނިސްޓަރުގެ އޮފީހުން ފޮނުވި އޮފިޝަލުންނާއި އޭނާ ވާހަކަދައްކަން ހުންނަ މަންޒަރުގެ ފޮޓޯ މީސް މީޑިއާގައިވެސް ދަނީ ދައުރުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޜަނާ

    ގޯކިޔާ ރަށެއް އިންޑިއާގަ އޮވޭތަ

    1
    1