ކޮވިޑް-19 ފެތުރެމުންދާތީ ފުރަބަންދު (ލޮކްޑައުން)ކޮށްފައިވަނިކޮށް އެމެރިކާގެ ރިއަލިޓީ ޓީވީ ތަރި، އަދި މޮޑެލް، ކިމް ކާޑޭޝިއަން ބޭރަށް ދިޔަކަން އޭނާ އެއްބަސްވެއްޖެއެވެ.

ކެލިފޯނިއާގެ ގަވަރުނަރު ގަރިން ނިއުސަމް ވަނީ މާރިޗް އިން ފެށިގެން އާއްމުން ގޭގައި ތިބުމަށާއި، ވަރަށް މުހިންމު ވެގެން ނޫނީ ބޭރަށް ނުނިކުތުމަށް އެދިފައެވެ.

ނަމަވެސް ކިމް ވަނީ، މިދިޔަ އަންގާރަ ދުވަހު އޭނާ އާއި ފިރިމީހާ އަދި ދަރިންނާއެކު މަންމަ ކްރިސް ޖެނާގެ ގެއަށް ދިޔަ ކަމަށް ބުނެފައެވެ. އޭނާ ބުނީ، އެގެއަށްގޮސް ކައިލީ ލައްވާ އޭނާގެ މޭކަޕް ކުރުވި ކަމަށެވެ.

ކިމް މޭކަޕް ކުރަން ގޮސްފައި ވަނީ ޖިމީ ފެލަންގެ އެޓް ހޯމް އެޑިޝަން އޮފް ދަ ޓުނައިޓް ޝޯވއަށް އެރުމަށެވެ. އެ ޝޯވ ކުރިއަށް ދާނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ.

ކިމް އެ ޝޯވގައި ވާހަކަދައްކަމުން ވަނީ، އޭނާ ހުރީ މަންމަ ގޭގައި ކަމާއި، އޭނާގެ މޭކަޕް ކޮށްދީފައި ވަނީ ކައިލީކަން ހާމަކޮށްފައެވެ. އަދި އާއިލާއާ ބައްދަލުވީ ވަރަށް ދުވަސްފަހުން ކަމަށް އޭނާ ވަނީ ބުނެފައެވެ.

ކިމްގެ ހަތަރު ކުދިންވެސް ތިބެއެވެ. އޭނާ ވަނީ އޭނާ ހުރީ ދަރިންނަށް ފިލައިގެން ކަމަށްވެސް އެ ޝޯވގެ ތެރެއިން ހާމަކޮށްފައެވެ.

މިދިޔަ ބުދަ ދުވަހު ރިޕޯޓްކޮށްފައިވާގޮތުން ލޮސް އެންޖަލަސްގައި ކޮވިޑް-19 ޖެހުނު މީހުން އަދަދު 500 އަށްވުރެ މައްޗަށް ވަނީ އަރާފައެވެ. އަދި އެއާއެކު އެ ރީޖަންގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 3518 އަށް ވަނީ އަރާފައެވެ.