އަންހެނުން އެމީހުންނަށް ލިބެން ޖެހޭ ނަމަވެސް ނުލިބޭ ފައިސާ ހޯދުމުގައި ފަސްޖެހިގެން ނުވާނެ ކަމަށާއި ހިތްވަރާއިއެކު ލިބެން ޖެހޭ ލާރިއެއް ހޯދުމަށް މަސައްކަތް ކުރަންވާނެ ކަމަށް، ބޮލީވުޑްގެ "ހައިސްޓް ޕެއިޑް އެކްޓާރސް" ގެ ލިސްޓުގެ ކުރީގައި ހިމެނޭ ކުޅަދާނަ އެކްޓަރު ދިޕިކާ ޕަދުކޯން ބުނެފިއެވެ.

ދިޕިކާ މިހެން ބުނެފައިވަނީ، "ޓައިމް 100 ގާލާ 2018" އިވެންޓުގައި ވާހަކަ ދައްކަމުންނެވެ.

"އަހަރެމެން މީ އަންހެނުންނޭ ކިޔާފައި މަދުން މުސާރަ ލިބޭ ގޮތަށް މުޖުތަމައުއަށް ވިސްނިފައި މި އޮންނަނީ. ނޫނީ ފަހުން އަނެއްބައި ދޭނަމޭ ބުނެ ވައުދު ކުރުވާފައި ދަށް ކޮށްލާފައި އެ ބަހައްޓަނީ. ހަމަ އަންހެނުންނޭ ބުނެ އެހެން އެ ހަދަނީ. އެކަމަކު އެހެން ވިޔަ ދީގެން ނުވާނެ. އަމިއްލަ ދިފާއުގައި ތެދުވެ، ޙައްޤު ހޯދަން ވަކާލާތު ކުރަންވާނެ." ދީޕިކާ ބުނެފައިވެއެވެ.

Related image

 

ދިޕިކާ އިތުރަށް ބުނެފައިވަނީ، މީގެ ހަތަރު އަހަރު ކުރިން އެއްދުވަހަކު އޭނާ ހޭލިއިރު ބަނޑުގަ ރިއްސަން ފެށި ކަމަށާއި އޭރު އެ ކުރެވުނު އިހްސާސްތަކާ ހެދި ގިވް އަޕްކުރަން އެތައް ފަހަރަކު ވިސްނުނު ކަމުގައެވެ. އަދި ޑޮކްޓަރަށް ދެއްކުމުން އެއީ "ކްލިނިކަލް ޑިޕްރެޝަން" ކަން އެނގުނު ހިސާބުން ހިތްވަރު އެލިގެން ދިޔަ ކަމަށެވެ. ނަމަވެސް މިއަދު އެންމެންނަށް އޭނާ މިފަދަ ގޮތަކަށް ފެންނަން މިހުރީ ގާތްތިމާގެ މީހުންނާއި ރައްޓެހިން ދިން ހިތްވަރުން ކަމަށާއި އެއްވެސް ކަމެއްގައި ހިތްވަރު ދޫ ނުކޮށް އަމިއްލަ ދިފާއުގައި މަސައްކަތް ކުރަންވާނެ ކަމަށް އޭނާ ބުންޏެވެ.

މަޝްހޫރް "ޓައިމްސް" މެގަޒިންއިން ކަނޑައެޅި "100 ނުފޫޒްގަދަ މީހުން" ގެ ލިސްޓުގައި ހިމެނުނު ހަމައެކަނި އިންޑިއަން އެކްޓަރަކީ ދިޕިކާއެވެ. އަދި "ދަ ލައިވް ލަވް ލާފް ފައުންޑޭޝަން" ގެ ނަމުގައި، ސިޓިގްމާގެ މައްސަލަތައް މަދުކުރުމަށް އޭނާ ދަނީ ފައުންޑޭޝަނެއްވެސް ހިންގަމުންކަންވެސް ފާހަގަކޮށްލެވެއެވެ.