އިނގިރޭސި ވިލާތުގައި ކޮވިޑް-19 ޖެހިގެން މަރުވި އެންމެ ކުޑަކުއްޖާ ވަޅުލި މަންޒަރު އާއިލާގެ މެމްބަރުން އޮންލައިންކޮށް ބަލަން ޖެހިއްޖެއެވެ.

އުމުރުން 13 އަހަރުގެ ލަންޑަނަށް ނިސްބަތްވާ އިސްމާއިލް މުހައްމަދު އަބްދުލްވައްހާމް ކޮވިޑް-19 ޖެހިގެން ފަރުވާދެމުން ދަނިކޮށް މަރުވީ މިދިޔަ ހޯމަ ދުވަހުގެ ހެނދުނެވެ. މުސްލިމް އާއިލާއަކަށް ނިސްބަތްވާ އެ ކުއްޖާ އިނގިރޭސި ވިލާތުގައި ވަޅުލި އިރު، އެ މަންޒަރު އެ ކުއްޖާގެ މަންމަ އާއި އާއިލާގެ މެމްބަރުން ބެލީ ލައިވްކޮށެވެ.

އިއްޔެ އެ ކުއްޖާ ވަޅުލުމުގެ ކަންތައް ކުރިއަށް ގެންދިޔައީ، އެޓޭނަލް ގާޑެންސް މުސްލިމް ބަރިއަލް ގްރައުންޑުގައެވެ. އެ ކުއްޖާ ވަޅުލުމުގެ ކަންތަކުގައި ބޮޑުބޭބެއިން ބައިވެރިވިއެވެ. އެންމެންވެސް ތިބީ ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅުތަކެއް އަޅައިގެންނެވެ.

އިސްމާއީލްގެ އާއިލާއަކީ މުސްލިމް އާއިލާއެއް ކަމުން، މުސްލިމުންގެ ތެރޭގައި އޮންނަ ގޮތަކީ، ކަށުނަމާދު ކުރުމަށް މިސްކިތަށް ދިއުމަށް ނަމަވެސް ކޮވިޑް-19 އާ ހެދި މިސްކިތްތައްވެސް ވަނީ ބަންދު ކޮށްފައެވެ. އެހެންވެ ކަށުނަމާދު ވެސް ކުރަން ޖެހުނީ ސަހަރާގައެވެ. އަދި އެ ކުއްޖާގެ ކަށުނަމާދު ކުރީ ވެސް ދުރުގައި ތިބެގެންނެވެ.

އިސްމާއިލް ކޮވިޑް-19 ޖެހިގެން މަރުވި އިރު، ޒުވާން އެތައް ބަޔަކު މިހާރު ވެސް ދަނީ މި ވައިރަސް ޖެހިގެން މަރުވަމުންނެވެ.

އިސްމާއީލްގެ މަންމަ ސާދިޔާ އާއި ހަ ކުދިންނަށް، އިސްމާއީލްގެ ޖަނާޒާގެ ކަންކަން ލައިވް ސްޓްރީމްކޮށް ބަލަން ޖެހުނީ އާއިލާގެ އިތުރު ދެ މީހަކު ވެސް ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރުމުން، އެ އެންމެން ވެސް ގޭގައި ތިބުމަށް ނަސޭހަތްތެރިވުމުންނެވެ.

އޭނާގެ ބައްޕަ ވަނީ މީގެ ފަސް އަހަރު ކުރިން ކެންސަރު ބަލީގައި މަރުވެފައެވެ.

އާއިލާއިން ބުނާ ގޮތުގައި އިސްމާއީލްއަކީ ސިއްހަތު ރަނގަޅު ކުއްޖެކެވެ. އަދި އޭނާއަކީ ފިރިހެންވަންތަ، އަދި އެހާމެ ހިތްހެޔޮ ކުއްޖެކެެވެ.

އޭނާއަށް ކޮވިޑް-19 އަށް ޖެހުނު ކަން އެނގުނީ މިދިޔަ ހަފްތާ ހުކުރު ދުވަހުއެވެ. އަދި އޭގެ ތިން ދުވަސް ފަހުން އޭނާ މަރުވީ ފުއްޕާމެ އާއި ހިތް ހުއްޓިގެންނެވެ.

ކޮވިޑް-19 ޖެހިގެން އިނގިރޭސިވިލާތުން މަރުވި މީހުންގެ އަަދަދު 3605 އަށް ވަނީ އަރައިފައެވެ. އަދި މި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 38,168 އަށް އަރައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކިއުންތެރިޔާ

    އާއިލާއަށް ކެތްތެރިކަން ދެއްވައި މުޅި ދުނިޔެ މިނުރައްކާތެރި ވަބާއިން ސަލާމަތް ކުރައްވާށި. އާމީން

    57
    1
    • ކޮއްކޮ

      އާމީން

      19