ކަރަށާއި ކަނދުރާއަށް ތަދުތައް އެރުމަކީ ގިނަ ބަޔަކަށް ދޭތެރެ ދޭތެރެއިން ތަހަންމަލު ކުރަންޖެހޭ ބޮޑު ވޭނެކެވެ. މިކަމުގެ ސަބަބުން އެންމެ އެކަށީގެންވާ ގޮތަށް މަސައްކަތްތައް ނުކުރެވޭއިރު، އެނޫންވެސް އެތައް ވޭނެއްވެސް ކުރިމަތިވެއެވެ.

ޞިއްޙީ މާހިރުން ދެކޭ ގޮތުގައި، މިކަން ކުރިމަތިވުމަށް ދިމާވާ އެކި ސަބަބުތަކެއްވެއެވެ. އެގޮތުން އެއް ސަބަބަކީ އިނދެވޭ ގޮތެއް ނުވަތަ އޮވެވޭ ގޮތެއްގެ ސަބަބުންނެވެ. އިނގިރޭސިން ބުނާކަމުގައިވާނަމަ ޕޯސްޗަރ ގެ ސަބަބުންނެވެ. ގިނަ ވަގުތު މޭޒެއް ކައިރީގައި އިނދެގެން މަސައްކަތް ކުރާނަމަ، އަދި ކޮމްޕިއުޓަރުފަދަ ތަކެތީގެ ކައިރީގައި، އެކަށީގެން ނުވާ ގޮތްގޮތަށް (އާގޮނޮމިކް ނޫން ގޮތްގޮތަށް) އިންނަކަމުގައިވާނަމަ މިކަން ދިމާވުމުގެ ފުރުޞަތު ބޮޑެވެ.

ހަމަ އެހެންމެ، ކަރާއި ކަނދުރާ މަސްއޫލުވާ މަސައްކަތްތައް މާ ގިނައިން ކުރުމަކީ، މި ގުނަވަންތަކަށް ތަދު އެރުމުގެ ފުރުޞަތު އޮތް ކަމެކެވެ. އެގޮތުން، ބަރު އެއްޗެހި އުފުލުމާއި މާ ގިނަ ވަގުތު ކުޅިވަރުތަކުގައި ހަރަކާތްތެރިވެ އުޅުމަކީ މިކަމަށް މަގުފަހި ކުރާ ކަންކަމެވެ.

މީގެއިތުރުންވެސް، އެހެން ޞިއްޙީ މައްސަލައެއްގެ ސަބަބުން ނުވަތަ އެނޫންވެސް އެހެން ކަމެއްގެ ސަބަބުން ކަރަށާއި ކަނދުރައަށް ތަދެއް އެރުމަކީ ވެދާނެކަމަށްކަމަށް ކަމުގެ މާހިރުން ފާހަގަކުރެއެވެ.

އެހެންކަމުން މިކަމަށް އޮތް ގެވެށި ފަރުވާއަކީ ކޮބައި ހެއްޔެވެ؟

މިކަމަށް އޮތް އެންމެ އާއްމު އަދި އެންމެ ފަސޭހަ ހަމަ އެހެންމެ، އެންމެ ނަތީޖާ ނެރެވޭ އެއް ގެވެށި ފަރުވާއަކީ އައިސް ޖެއްސުން ނުވަތަ ހޫނު ފެނުން ބޮނޑިތާން ކުރުމެވެ. 20 މިނެޓެއްހާއިރު މިކަންކުރުމުން، އާދައިގެ ތަދެއްނަމަ ފިލައިގެންދާނެއެވެ. ހަމައެހެންމެ، ހޫނު ފެނުން ނުވަތަ ފިނި ފެނުން ފެންވެރުމަކީވެސް މިކަމުގެ ހަމަ އެންމެ ރަނގަޅު ގޮތެކެވެ.

މި ނޫނަސް އެތައް ފަރުވާއެއް މިކަމަށް ހުންނައިރު ޑޮކްޓަރީ ފަރުވާތަކަށް ދާންވާނީ ޑޮކްޓަރުންގެ ލަފާގެ މަތިންނެވެ. (އެޗް ޑީ 2018)