ވެލަންޓައިންސް ޑޭ ނުވަތަ ލޯބިވެރިންގެ ދުވަހު އެތައް އަންހެނުންށް ލޯބިވެރިޔާ ފަރާތުން ނުވަތަ ފިރިމީހާގެ ފަރާތުން ހަދިޔާއެއް ލިބޭތޯ އިންތިޒާރު ކުރާނެއެވެ. އެއްބަޔަކު އިންތިޒާރު ކުރާނީ އަގުބޮޑެތި ހަދިޔާތަކަށެވެ. އެއީ ޔަގީން ކަމެކެވެ.

އެގޮތުން މިފަހަރު ލޯބިވެރިންގެ ދުވަހުގައި ބޮލީވުޑްގައި އެންމެ ތަފާތު ހަދިޔާ އަނބިމީހާއަށް ދިން އެކަކަށް ޝާހިދު ކަޕޫރްވާނެއެވެ. ޝާހިދު އޭނާގެ އަނބިމީހާ މީރާއަށް އެ ދުވަހަށް ހާއްސަކޮށް ދިނީ ހާއްސަ ޕިއްޒާއެކެވެ. ހިތުގެ ޝޭޕަަށް ހަދާފައިވާ އެ ޕިއްޒާގެ ފޮޓޯ މީސް މީޑިޔާގައި ވަނީ ހިއްސާކޮށްފައެވެ.

އެއީ އަގުބޮޑު ނޫން ހަދިޔާއެއް ނަމަވެސް މީރާއަށް އެ ހަދިޔާ ކަމުދިޔައެވެ. މީރާ ވަނީ އޭނާގެ އިންސްޓަގްރާމް ސްޓޯރީއަށް އޭގެ ފޮޓޯއެއް ލާފައެވެ.

ޝާހިދް އާއި މީރާގެ ގުޅުން އަދިވެސް ވަރަށް ވަރުގަދައެވެ. ދެ ތަރިން ކައިވެނިކޮށްގެން އަންހެން ކުއްޖަކު ވަނީ ލިބިފައެވެ. މި ދެ މީހުން ކައިވެނިކޮށްފައި ވަނީ 2015 ވަނަ އަހަރުގެ ޖުލައި މަސް ތެރޭގައެވެ.

ޝާހިދު ބުނާގޮތުގައި، މީރާ އޭނާގެ މަސައްކަތަށް ވަރަށް ބޮޑަށް ސަޕޯޓްދެއެވެ. އެގޮތުން މިހާރު ތިއޭޓަރ ތަކުގައި ރެކޯޑް ހަދަމުން އަންނަ ޕަދްމަވާތް ކުޅުމަށް އެންމެ ބޮޑަށް ބާރުއެޅި އެކަކީ މީރާކަމަށް ޝާހިދު ވަނީ ބުނެފައެވެ.