ދުނިޔޭގެ ގިނަ ގައުމުތަކުގައި ހަލުވި ކަމާއި އެކީ ފެތުރެމުން އަންނަ ކޮވިޑް-19 ގެ އެންމެ ނުރައްކާ ބޮޑުވެފައިވަނީ އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިންގެ އިތުރުން ދާއިމަށް އެކި ކަހަލަ ބޭސް ބޭނުން ކުރަމުން އަންނަ މީހުން ކަމަށް ދިރާސާތަކުން ވަނީ މީގެ ކުރިން ދައްކާފައެވެ. އެހެން ނަމަވެސް މި ދެންނެވި މީހުންގެ ތެރެއިން މަދު ބަޔަކު ވަނީ މި ބަލި ޖެހިގެން ރަނގަޅު ވެފައެވެ.

ދައްކަން މިއުޅެނީ ކޮވިޑް-19ގެ ޝިކާރައަކަށް ވެފައިވާ އުމުރުން 6 އަހަރުގެ ނޭވާލާ ނިޒާމުގެ މައްސަލަ އުޅޭ ކުޑަ ކުއްޖަކު ބަލިން ރަނގަޅުވި ވާހަކައެވެ. ޖޯސަފް ބޮސްޓޭން އަކީ އެމެރިކާގެ ޓެނެސީ އަށް އުފަން "ސިސްޓިކް ފައިބްރޮސިސް" ބަލި ހުންނަ ކުއްޖެކެވެ. އޭނާ އަށް ކޮވިޑް-19 ޖެހިފައިވާކަން އެނގިފައިވަނީ ނިދީގައި ކެއްސައި އުނދަގުވާން ފެށި ހިސާބުންނެވެ.

ބޮސްޓަން އަކީ އުމުރުން 14 މަހުގައި އެޑޮޕްޓް ކޮށްފައިވާ ކުއްޖެކެވެ. އޭނާ ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވިއަސް މިހާރު ބަލިން ރަނގަޅުވެ އޭނާ ވަނީ ފޭސްބުކުގައި "ސިސްޓިކް ފައިބްރޮސިސް" ހުއްޓަސް ކޮވިޑް-19 އާއި ހަނގުރާމަ ކޮށް މޮޅު ވެފައިވާ ކަން އަންގައި ވީޑީއޯއެއް އާންމު ކޮށްފައެވެ.

އެ ވީޑިއޯ ގިނަ ބަޔަކު ބަލާފައިވާއިރު، އެތައް ބަޔަކު ވަނީ ތިމާގެ ބަލި ކަމުގެ މައްޗަށް އެހެން ބައްޔެއް އަރައި ތިމާގެ ހަށިގަނޑުގެ މައްޗަށް ކުރި ހޯދަނުދޭން ބޮސްޓަން ދައްކާފައިވަނީ ނަމޫނާއެއް ކަމަށް ބުނެފައެވެ.

ޓެނެސީގައި ކޮވިޑް-19 ޖެހިގެން 3،321 މީހަކު ރިޕޯޓް ކޮށްފައިވާއިރު، މިހާތަނަށް އެ ސްޓޭޓުން 48 މީހަކު ވަނީ މަރުވެފައެވެ.