މިދިޔަ ހުކުރު ދުވަހު މުޅި މީސް މީޑިއާގައި ދެކެވެމުން އައި ވާހަކައަކީ "މަނީ ހައިސްޓް" ގެ ހަތަރު ވަނަ ސީޒަންގެ ވާހަކައެވެ. މެންދުރު 12 ގައި އާންމުންއަށް ދޫކޮށްލި މި ސީރީޒް އެދުވަހުން ދުވަހަށް ކުރަން ހުރި މަސައްކަތް ހުއްޓާލާފައި ސިޓިން ރޫމުގައި ގޭގެ އެންމެން އެއްވެ ތިބެ މި ސީރީޒް ބެލި މީހުން މިހާރު އިންތިޒާރު ކުރަނީ ފަސް ވަނަ ސީޒަންއަކަށެވެ.

އޭޕްރިލް ތިން ވަނަ ދުވަހު ނެރުނު މި ސީރީޒްގެ ހަތަރު ވަނަ ބައިގައި ޖުމްލަ އަށް އެޕިސޯޑު ހިމެނެއެވެ. މި ސީރީޒްގެ ފަސް ވަނަ ބައެއް ހަދާނެ ކަމަށް އަދި ރަސްމީ ސިފައެއްގައި ނެޓްފުލިކްސް އިން އިއުލާނެއް ނުކުރެއެވެ. ނަމަވެސް ހަތަރު ވަނަ ސީޒަން ނިމިގެން ދިޔަ ގޮތުން ފަސް ވަނަ ބައެއް ހަދާނެ ކަމުގެ ޔަގީން ކަން ވަނީ ލިބިފައެވެ.

މި ސީރީޒްގެ ހަތަރު ވަނަ ބައި ބަލާ ނިމުނު އިރު ގިނަ ބައެއްގެ ލޮލުން ކަރުނަ ވަނީ ހިލިގެންގޮސްފައެވެ. މުޅި މީސްމީޑިއާގައިވެސް ނައިރޯބީ އާއި މަނީ ހައިސްޓްގެ ސަޕޯޓަރުން ވަނީ ނައިރޯބީ ގެ މަރާއެކު ހިތާމަފާޅުކޮށް ޕޯސްޓްތައް ހިއްސާކޮށްފައެވެ. ނައިރޯބީ މަރުވަނީ އިންސްޕެކްޓަރުގެ އަމަރުކަށް ފުލުހުން ޖަހާ ވަޒަނަކުން ނޫނެވެ. ޓޯކިއޯ އާއި ޓީމް ވަނީ އެ ވަޒަނުން ނައިރޯބީ ސަލާމަތް ކޮށްފައެވެ. ނައިރޯބީ މަރާލަނީ ބޭންކް އޮފް ސްޕެއިންގެ ސެކިއުރެޓީ ގާންދިޔާއެވެ.

މިދިޔަ އަހަރު އޮކްޓޯބަރު ހިސާބުގައި ވަނީ މި ސީރީޒްގެ ފަސް ވަނަ ބައިގެ ޕްރޮޑަކްޝަން ފެށިގެން ކުރިއަށްދާ ކަމުގެ އަޑުތަކެއްވެސް އިވިފައެވެ. ސްޕެއިންގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި މި ސީރިޒްގެ ޑައިރެކްޓަރު ޖިސަސް ކޮލްމެނާ ވަނީ ފަސް ވަނަ ބައެއް ގެނެސް ދޭނެ ކަމުގެ އިޝާރާތެއް ދީފައެވެ.

ޕްރޮފެސާގެ މާސްޓާ ޕްލޭންގެ ދަށުން ކުށްވެރިންތަކެއް ފައިސާ ހޯދައި، އޭގެ ފަހުން ފުލުހުންނާއި ދެމެދު ހިނގާ ކަންކަމުގެ މައްޗައް ބިނާކޮށް ހަދާފައިވާ މި ސީރީޒްގެ ތަރިންނަށް ނަން ދީފައި ވަނީ ދުނިޔޭ އެކި ގައުމުތަކުގެ ސިޓީތަކަށް ކިޔާ ނަމެވެ. މަނީ ހައިސްޓުގައި ގިނަ ބަޔަކު ދަހިކޮށްލާ ކަމަކީ ކޮންމެ ސީރީޒް އެއްވެސް ނިމޭއިރު ދެން ވާނެ ގޮތެއް އާދަޔާ ޙިލާފަށް ބޮޑަށް ބަލަން ބޭނުންވުފައި ތިބުމެވެ.