އިންސާނާގެ ނޭވާލާ ނިޒާމަށް ޖެހޭ ނުރައްކާތެރި ކޮވިޑް-19 ޖެހިގެން ރަނގަޅުވެފައިވާ މީހަކު އެބަލި ޖެހިފައިވާ އެހެން މީހުންނަށް އެހީތެރިވެދޭން ފަށައިފިއެވެ.

ހުސްވި ޑިސެމްބަރު މަހުގެ ފަހުކޮޅު ޗައިނާގެ ވޫހާން ސިޓީއިން ފެނުނު ނޮވެލް ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19ގެ އަސަރު ދުނިޔޭގެ މަދު ޤައުމުތަކެއް ފިޔަވައި ހުރިހާ ޤައުމަކަށްވެސް ވަނީ ކޮށްފައެވެ.

އެމެރިކާގެ ކެލެފޯނިއާއަށް އުފަން އުމުރުން 35 އަހަރުގެ ޖޭސަން ގާސިއާ އަކީ މިދިޔަ މަހު ކޮވިޑް-19 ޖެހިގެން ފަރުވާ ދެވި ބަލިން ރަނގަޅު ވެފައިވާ ފިރިހެނެކެވެ. ކޮވިޑް-19 އަށް މިދިޔަ މަހުގެ 14 ވަނަ ދުވަހު ފައްސި (ޕޮޒިޓިވް) ވުމުން ޑޮކްޓަރުން ވަނީ އޭނާ ގޭގައި އެކަހެރިވުމަށް އެދިފައެވެ.

"ޑޮކްޓަރުން ގޭގައި އެކަހެރިވުމަށް ބުނުމުން ގެއިން ބޭރަށް ނުގޮސް 10 ދުވަސް ވަންދެން ގޭގައި އޮތީ. ރަނގަޅުވީ މާޗް 18 ވަނަ ދުވަހު. އޭގެ ފަހުން 23 ވަނަ ދުވަހު ބޭރަށް ނިކުތުމުގެ ހުއްދަ ލިބިފައިވަނީ" ޖޭސަން ކިޔައިދިނެވެ.

ޖޭސަން އާއި އޭނާގެ އާއިލާ

ބޭރަށް ދިއުމުގެ ހުއްދަ ލިބުމުންވެސް އެނާ ބޭރަށް ގޮސްފައިވަނީ އިތުރު 5 ދުވަހު ގޭގައި މަޑު ކުރުމަށްފަހު ކަމަށް ވަނީ ބުނެފައެވެ. އަދި އެގޮތަށް ނިންމާފައި ވަނީ ބަލިން ރަނގަޅުވެފައިވާ ކަން ޔަގީން ކުރުމުގެ ގޮތުން ކަމަށް އޭނާ ވަނީ ބުނެފައެވެ.

ބަލިން ރަނގަޅުވި ކަން ކަށަވަރުވުމުން ޖޭސަން ވަނީ މީސްމީޑިއާގައި އޭނާ ނުރައްކާތެރި ކޮވިޑް-19 އާއި ދެކޮޅަށް ހަނގުރާމަކޮށް މޮޅުވެފައިވާކަން އިއުލާނު ކޮށްފައެވެ. އޭނާ އެ ޕޯސްޓް ކޮށްފައިވަނީ އެ ސްޓޭޓްގެ ހޮސްޕިޓަލެއް ކަމަށްވާ އެސްޓީ ޖޯސަޕްސް ހޮސްޕިޓާލްގެ މެޑިކަލް ޕްރޮފެޝަނަލުން ބަލި ޖެހި ރަނގަޅުވެފައިވާ މީހަކު ހޯދަމުން ދަނިކޮށެވެ.

އެ ހޮސްޕިޓަލުން ވަނީ ޖޭސަން ހިއްސާ ކޮށްފައިވާ ޕޯސްޓާއި ގުޅިގެން އޭނައާއި ގުޅައި އެމީހުން ކުރަމުން އަންނަ މަސައްކަތް ހިއްސާ ކޮށްފައެވެ.

"އަހަރުމެން އައީ ބަލި ޖެހި ރަނގަޅުވެފައިވާ މީހަކު ހޯދުމުގެ މަސައްކަތް ކުރަމުން. އޭނާގެ ލޭގެ ޕްލާސްމާ ނަގައިގެން އެހެން މީހުންނަށް ފަރުވާ ދެވޭތޯ ދިރާސާ ހެދުމުގެ ބޭނުމުގައި" ހޮސްޕިޓަލުން ބުނެފައިވެއެވެ.

އެގޮތުން ހޮސްޕިޓަލުން ވަނީ ޖޭސަން އަށް ލޭގެ ޕްލާސްމާ ހަދިޔާ ކުރެވޭނެތޯ ބަލައި އޭނާއަށް ހަދިޔާ ކުރެވޭނަމަ އެގޮތަށް ކުރިއަށް ގެންދިއުމަށް ނިންމާފައެވެ.

ޖޭސަން ބުނެފައިވަނީ އޭނާ ހޮސްޕިޓަލުން ބޭނުންވާ ޕްލާސްމާ ދޭނެ ކަމަށާއި އެއީ އިތުރު މީހެއްގެ ފުރާނަ ސަލާމަތްވުމަށް އޮތް ފުރުސަތެއްވެއްޖެނަމަ އޭނާގެ އެކަމުގެ އެންމެ ކުރީގައި އުޅޭނެ ކަމަށެވެ. މިގޮތަށް ބަލި ޖެހިފައިވާ މީހަކަށް ބަލިން ރަނގަޅުވެފައިވާ މީހެއްގެ ޕްލާސްމާ ދިނުމުން އޭނާގެ ހަށިގަނޑުގައިވާ ވައިރަސް އާއި ހަނގުރާމަ ކުރުމުގެ ފުރުސަތު އިތުރުވާނެ ކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ.

އެގޮތުން މިމަހުގެ 1 ވަނަ ދުވަހު ޖޭސަން ވަނީ ކޮވިޑް-19 ޖެހިފައިވާ ތިން ބަލި މީހުންނަަށް އޭނާގެ ލޭގެ ޕްލާސްމާ ހަދިޔާ ކޮށްފައެވެ. އަދި އެތަނުން އެންމެ ހާލު ދެރަކޮށް އޮތް ބަލި މީހާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް ޑޮކްޓަރުން އިރުޝާދު ދީފައިވާ ކަމަށް ޖޭސަން ވަނީ ބުނެފައެވެ.