އިންޑިއާގެ ކުޅަދާނަ ލަވަކިޔުންތެރިޔާ ޝިރްލޭ ސޭތިއާ އޭނާއަށް ކުރިމަތިލާންޖެހުނު ގޮންޖެހުންތައް ހިއްސާކޮށްފިއެވެ.

އުމުރުން 24 އަހަރު ޝިރްލޭ ބުނި ގޮތުގައި އޭނާ އަކީ ވަރަށް އެކްޓްކުރާ ހިތްވާ މީހެކެވެ. ނަމަވެސް އޮޑިޝަނާ ހަމައިން އޭނާއަށް ނޫނެކޭ ބުނެ ރިޖެކްޓްކޮށްލައެވެ. އެތައް ގޮންޖެހުމަކާ ނާކާމިޔާބަކަށްފަހު ޝިރްލޭ އެންމެ ފަހުން ފެނުނީ ނެޓްފުލިކްސް އިން ގެނެސްދިން "މަސްކާ" އިންއެވެ.

ނީރަޖް އުދުވާނީ ޑައިރެކްޓްކޮށް މިދިޔަ މާރިޗު 27 ގައި ނެރުނު މި ފިލްމުގެ ލީޑު ރޯލުން ޝިރްލޭ އާއި އެކު ބޮލީވުޑްގެ މަޝްހޫރު ތަރި ޖާވެދު ޖަފްރީ އާއި މަނީޝާ ކޮއިރާލާ، ނިކިތީ ދައްތާ، ޕްރިތް ކަމާނީގެ އިތުރުން ކަބީރް ސިންގް ފެނިގެންދެއެވެ.

މި ފިލްމުން ފެނިގެންދަނީ ޒުވާން ފިރިހެން ކުއްޖެއް ބޮލީވުޑް އެކްޓަރަކަށް ވާން ބޭނުންވި ނަމަވެސް އޭނާގެ އާއިލާއިން ބޭކަރީއެއް ހިންގުން އޭނާއާއި ހަވާލު ކުރުވާ މަންޒަރެވެ. އަދި ފިރިހެން ކުއްޖާއަށް ދިމާވާ އަންހެން ކުއްޖެއް އޭނާއަށް ދިރިއުޅުމުގެ ދިމާވާ ދަތިތަކާއި ނާކާމިޔާބީ އަދި ދިރިއުޅުމުގެ ހިއްސާއެއްކަން އިހުސާސުކޮށްދޭ މަންޒަރުވެސް ފެނިގެންދެއެވެ.

އިންޑިއާގެ ނޫހަކަށް ދިން އިންޓވިއުއެއްގައި ޝިރްލޭ ބުނީ އޭނާ މި ފިލްމަށް އޮޑިޝަން ދިނުމުން މި ފިލްމުގެ ޑައިރެކްޓަރު ޝިރްލޭގެ މެނޭޖަރު މެެދުވެރިކޮށް އޭނާ އެކްޓިން އާއި މެދު ކިހާ ސީރިއަސްތޯ ބަލަން ބޭނުންވާ ކަމަށެވެ. އެއީ އޭނާއަކީ ލަވަކިޔުންތެރިކަށް ވީތީ ކަމަށް ވެސް ޝިރްލޭ ވަނީ ބުނެފައެވެ. އޭގެ އިތުރުން އޭނާ ނިއުޔޯކް އެކަޑެމީއިން އެކްޓިން ކޯހެއް ހެދިކަމަށް ވެސް ވަނީ ބުނެފައެވެ.

"ތޫ ޖޯ މިލާ، ޑިސްކޯ ޑިސްކޯ، ނާދާން ޕަރިންދޭ، ބޫމްރޯ" ފަދަ ލަވަތަކަކީ ޝިރްލޭ ކިޔާފައިވާ ލަވަތަކެވެ.