އިނގިރޭސި ވިލާތުގެ ރީތީގެ ރާނީ ބާޝާ މުކަރްޖީ 14 ދުވަހު ސެލްފް އައިސޮލޭޝަންގައި ހުރުމަށްފަހު ޖޫނިއާ ޑޮކްޓަރެއްގެ ގޮތުގައި ގައުމަށް ހިދުމަތްކުރަން ނިންމައިފިއެވެ.

"ސީއެންއެން" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި މިދިޔަ އަހަރު ރާނީގެ ތާޖު އުފުލާލި ބާޝާ އޭނާގެ އުފަން ގައުމަށް ގޮސްފައި ވަނީ އެމެރިކާގައި ބަލި މީހުންނަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީ އަދި މީގެކުރިން ކުރަމުން ދިޔަ ޑޮކްޓަރުކަމުގެ މަސައްކަތް އަލުން ފެށުމަށެވެ. އެކަމަކު، މިހާރު އިނގިރޭސި ސަރުކާރުން ނިންމާފައިވާ ގޮތުގެ މަތިން ބާޝާ އަށް ޑޮކްޓަރެއްގެ ވަޒީފާއަށް ނުކުމެވެން އޮތީ 14 ދުވަހު ސެލްފް އައިސޮލޭޝަންގައި ހުރުމަށް ފަހު ކަމަށް އެ ނޫހުގައިވެއެވެ.

ބާޝާ މުކަރްޖީ

މީގެކުރިން ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އައި ބާޝާ ދާއިރާއާ ދުރަށް ޖެހުނީ ރީތީގެ ރާނީ ހޮވާ މުބާރާތުގައި ބައިވެރިވުމަށެވެ.

ބާޝާ ވަނީ މި އަހަރުގެ އޮކްޓޯބަރު މަހާ ހަމައަށް ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ނިންމައިފައެވެ.

"އަޅުގަނޑަށް މި އަހަރުގެ ތެރޭގައި އިންޑިއާ، އެފްރިކާ ޕާކިސްތާން އަދި އޭޝިއާގެ ގިނަ ގައުމުތަކަކުން ވަނީ ޗެރިޓީތަކުގެ އެމްބެސަޑަރަކަށް ވުމަށް ދައުވަތު ދީފައި. އެކަމަކު ނިންމާފައި ވާނީ އަމިއްލަ ގައުމަށް ގޮސް ހިދުމަތް ދިނުމަށް،" ސީއެންއެން އަށް ދިން އިންޓަވިއުއެއްގައި ބާޝާ ބުންޏެވެ.

ބާޝާ ބުނީ މިފަހަރު މަސައްކަތް ކުރުމަށް ނިންމީ ފައިސާގެ ބޭނުމުގައި ނޫން ކަމަށެވެ. އަދި މިހާރު ބޭނުންވަނީ ޑޮކްޓަރެއްގެ ހައިސިއްޔަތުން އޭނާ އަށް ވެވެން އޮތް ހުރިހާ އެހީތެރިކަމެއް ގައުމަށާއި، އިންގްލެންޑުގެ ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށް އޭނާ ވަނީ ބުނެފައެވެ.

މީގެ ކުރިން އެކުގައި މަސައްކަތް ކުރަމުން ދިޔަ ފަރާތްތަކުން މިހާރުވެސް ފޯނުން ގުޅައި ޑޮކްޓަރެއްގެ ހައިސިއްޔަތުން އެމީހުން މި ދަނޑިވަޅުގައި އުޅެމުންދާ ގޮތުގެ ވާހަކަތައް ހިއްސާކުރަމުން ދާކަމަށާއި، މިކަމުގެ ބުރަކަން އިހްސާސް ކުރެވުނަށް މިވަގުތު އަމާޒު ކަނޑައަޅާނީ ހިދުމަތް ކުރުމަށް ކަމަށް ބާޝާ ވަނީ ބުނެފައެވެ.

މިކަމާ ގުޅިގެން އިނގިރޭސި ވިލާތުގެ ގިނަ ބައެއްގެ ތައުރީފް އޭނާ އަށް ވަނީ ލިބެން ފަށައިފައެވެ.

ކިޔުންތެރިންގެ ހިޔާލު