އުމުރުން ފަސް ވަރަކަށް އަހަރަށް އެޅުމުން ކުދިންގެ ދަތްތައް ވެއްޓި އާ ދަތް ފަޅައެވެ. މިދުވަސްކޮޅު ކޮންމަ މަންމަ އަކާއި ބައްޕަ އަކަށް ވެސް ދިމާވާ މައްސަލަ އަކީ ދަރިފުޅުގެ ހެލޭ ދަތް ވައްޓާލާނެ ރަނގަޅު ގޮތެއް ނުފެނުމުގެ މައްސަލައެވެ.

ވަރަށް ކުރީ ޒަމާންތަކުގައި ބައެއް ދިވެހިން ކުދިންގެ ދަތުގައި ނަނު ފަށެއް އެއްސުމަށް ފަހު އަނެއްކޮޅުގައި ކާށިކޮޅެއް އައްސާފައި ކުކުޅަށް ވެސް ކާންދެއެވެ. ކުކުޅު ކާށިކޮޅު ހިފައިގެން ނައްޓާލުމުން ނަނު ކޮޅަށް ބާރުވެގެން ދަތް ވެއްޓެއެވެ.

ޒަމާން ބަދަލުވެ މިހާރު ބައެއް މައިންބަފައިން ހަދާ "ފަންޑިތަ" އަކީ ދަރިފުޅަށް އާފަޅު ފަދަ ކޮންމެވެސް އެއްޗެއް ކާން ދިނުމެވެ. އޭރުން މާބޮޑު އެނގުމެއް ނުވެ ދަތް ވެއްޓެއެވެ.

ނަމަވެސް ޗައިނާގެ ބައްޕަ އަކު އޭނާގެ ދަރިފުޅުގެ ދަތް ވައްޓާލުމަށް ބޭނުން ކޮށްފައި މިވަނީ މީގެ ކުރިން އެއްވެސް މީހަކު ބޭނުން ނުކުރާ އުކުޅެއް ކަމަށް ބެލެވެއެވެ.

އޭނާ ކުރި ކަމަކީ ދަރިފުޅު ދަތުގައި ނަނު ފަށެއް އެއްސުމަށް ފަހު ދުނިދަނޑިއެއްގައި އިން ދުންޏެއްގައި ނަނުގެ އަނެއްކޮޅު އެއްސީއެވެ. ދަރިފުޅު އަތައް ދުނިދަނޑި ދިނުމަށް ފަހު ދުނި ފޮނުވާލަން ދަރިފުޅާއި ހަވާލު ކުރިއެވެ. ދަރިފުޅު ދުނި ޖެހުމާއި އެކު ދަތް ވެސް ވެއްޓުނެވެ.

މިމަންޒަރު ފެންނަ ވީޑިއޯ މިހާރު ވަނީ މީސް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލް ވެފައެވެ. ބައެއް މީހުން ދަނީ މިއަށް ވުރެ ރައްކާތެރި ގޮތަކަށް ކުއްޖެއްގެ އަނގައިން ދަތެއް ވައްޓާ ނުލެވޭނެތޯ ސުވާލު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު