މަރުގެ ރަހަ އަރުތެރޭގައި ލުމަށް ފަހު މަރުން ސަލާމަތް ވާނީ ގައިމުވެސް ނަސީބު ގަދަ މީހުންނެވެ. ތަފާތު ނުރައްކާތެރި ހާދިސާތަކާއި ދިމާވެފައި ފުރާނަ ސަލާމަތްވާ ވަރަށް ގިނަ މީހުން އުޅެއެވެ. ނަމަވެސް އެމެރިކާގެ ރައްޔިތެއް ކަމަށްވާ ޑައިލަން މެކްވިލިއަމްގެ ވާހަކަ ތަފާތެވެ.

އުމުރުން 20 އަހަރުގެ ޒުވާނާ ވަނީ މިދިޔަ އަންގާރަ ދުވަހު މަރުނުވެ ކިރިޔާ ސަލާމަތްވެފައެވެ. އޭނާ ސަލާމަތްވީ ކައުއީގައި ބޮޑީބޯޑިން ކުރަން އުޅެނިކޮށް ބޮޑު މިޔަރެއް ދިން ހަމަލާ އަކުންނެވެ. ވިލިއަމް ބުނާ ގޮތުގައި އެމިޔަރުގެ ބޮޑުމިނުގައި އަށެއްކަ ފޫޓް ހުންނާނެއެވެ.

މިޔަރުގެ ފުރަތަމަ ހަމަލާ އެރީ ވިލިއަމްގެ ފަޔަށެވެ. އެއަށް ފަހު އޭނާގެ ހަށިގަނޑުގެ ނުވަ ތަނެއް މިޔަރު ވަނީ ޒަހަމް ކޮށްލާފައެވެ. މިޔަރުގެ ހަމަލާއެއް ވިލިއަމްގެ ބޮލަށް ވެސް އެރިއެވެ. ނަމަވެސް ފުރާނަ ސަލާމަތް ކުރުމަށްޓަކައި ވިލިއަމް ކުރަމުން ދިޔަ މަސައްކަތުގެ ތެރެއިން މިޔަރުގެ ނޭފަތް މަތީގައި ޖެހުމާއި އެކު މިޔަރުގެ ކިބައިން ވަނީ ސަލާމަތްވެފައެވެ. މިއީ މިޔަރުގެ ހަމަލާ އިން ސަލާމަތް ވުމަށް ބޭނުންކުރެވޭ އުކުޅެކެވެ.

ވިލިއަމް ވަގުތުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފެށުނެވެ. އޭނާ އަދިވެސް އޮތީ ހޮސްޕިޓަލްގައެވެ. ނަމަވެސް ފުރާނަ އަށް ނުރައްކާވާވަރުގެ ނުރައްކަލެއް ނެތް ކަމަށް ޑޮކްޓަރުން ބުނެއެވެ.

ވިލިއަމް އަށް މީގެ ހައެއްކަ މަަސް ކުރިން ވެސް މަރުގެ އެތިފަހަރެއް ދިމާވިއެވެ. އެފަހަރު އޭނާ އަށް ހަމަލާ ދިނީ ވިހަގަދަ ހަރުފައެކެވެ. ހައިކިން އަށް ގޮސް އުޅެނިކޮށް ހަރުފަ ވިހަ ލުމުން އޭނާ އަށް ފަރުވާ ދޭން ޖެހުނެވެ. އެފަހަރު ފުރާނަ ސަލާމަތް ކުރެވުނީ ފަރުވާ އަވަސް ވުމުންނެވެ.

އޭގެ ކުރިން އޭނާ ޖަންގައްޔަކަށް ގޮސް އުޅެނިކޮށް ބެއާއެއް ވެސް އޭނާގެ ގައިގައި ދަތް އެޅިއެވެ. ނަމަވެސް ނަސީބު ރަނގަޅު ކަމުން ސަލާމަތްވިއެވެ.

ވިލިއަމް އަށް ދިމާވި ނުރައްކާތެރި ތިން ހާދިސާ އިން ވެސް އޭނާގެ ފުރާނަ ސަލާމަތްވުމުން އާއިލާ މެންބަރުން ތިބީ ވަރަށް އުފަލުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ވަކަހަންގަނޑު

    ނަރަކަ އިން ސަލާމަތް ވޭތޯ އިސްލާމަވެ ހެޔޮގޮތުގަ އުޅޭ... ނޫނީ ސަލާމަތެއްނެތް