ނެޓްފްލިކްސްގެ އެންމެ މަގްބޫލް އެއް ޝޯ ކަމަށްވާ "މަނީ ހެއިސްޓް"އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް ބައެއްގެ ސަމާލުކަން ހޯދާފައިވާ މޮޅު ސީރީޒްއެކެވެ.

ސީރީޒްގެ ތަރިންގެ ތަފާތުކަމާއި ތަރިންގެ އެކްޓިންގެ ހުނަރާއި ސީރީޒްގެ ވާހަކައިގެ މޮޅުކަމާއި ސީރީޒްގެ ޓްވިސްޓްތަކުގެ ސަބަބުން އެތައް ބައެއްގެ ލޯތައް މި ސީރީޒް އަށް ވަނީ ހުއްޓިފައެވެ.

މިއީ އިނގިރޭސި ބަހުން ނޫން ބަހަކުން ކުރިއަށް ގެންދާ ސީރީޒްއަކަށް މިފަދަ ބޮޑު ތަރުޚީބެއް ލިބުނު ފުރަތަމަ ފަހަރެވެ.

ސްޕެނިޝް ނަމުން ނަމަ "ލަ ކާސާ ޑި ޕަޕެލް" ނަމަކަށް ކިޔާ މި ސީރީޒް އަކީ އެތައް މިލިއަން ބަޔަކު ބަލަމުންދާ ކާމިޔާބު ފްރެންޗައިޒްއެކެވެ. މި ސީރީޒްގެ ބޮޑު ކާމިޔާބަށް ފަހު، އިތުރު ސީޒަންއެއް ފެނުމަކީ ވަރަށް ގާތްކަމެއް ކަމަށް ބެލެވެއެވެ.

ރަސްމީކޮށް މަނީ ހެއިސްޓްގެ ފަސް ވަނަ ބައެއް އޮންނާނެ ކަން ނެޓްފްލިކްސް އިން އިއުލާން ނުކުރި ނަމަވެސް، ސްޕެއިންގެ އެތައް ނޫހަކުން ވަނީ މި ސީރީޒްގެ އިތުރު ބައިތަކެއް ފެންނާނެ ކަމަށް ރިޕޯޓްކޮށްފައެވެ.

ބެލެވޭ ގޮތުން މަނީ ހެއިސްޓްގެ ފަސް ވަނަ ބައެއް އިއުލާން ނުކޮށްވާ ސަބަބަކީ މި ސީރީޒްގެ ހަތަރު ވަނަ ބައި އަދި ފަސް ވަނަ ބަޔާއި ދެމެދު ގިނަ ވަގުތުތަކެއް ހޭދަވުން ކަމަށް ވުން އެކަށީގެންވެއެވެ.

މި ސީރީޒްގެ ތިނެއް އަދި ހަތަރު ވަނަ ބަޔާއި ދެމެދު އަށް މަސް ދުވަހުގެ މުއްދަތެއް ހޭދަވި ނަމަވެސް، ހަތަރަކާއި ފަސް ވަނަ ބަޔާ ދެމެދު އެއަށް ވުރެ ގިނަ ވަގުތު ހޭދަވުން ވަރަށް ގާތެވެ.

ހަގީގަތުގައި މަނީ ހެއިސްޓްގެ މިހާތަނަށް ދެއްކީ ދެ ސީޒަނެެކެވެ. އެއިން ކޮންމެ ސީޒަނެއްވެސް ވަނީ ދެ ބަޔަކަށް ބަހާލާފައެވެ.

މަނީ ހެއިސްޓްގެ އެކެއް އަދި ދެ ވަނަ ބައި ޝޫޓް ކުރީ 2017 ވަނަ އަހަރެވެ. އަދި ތިނަކާއި ހަތަރު ވަނަ ބައި ޝޫޓް ކުރީ އޮކްޓޯބަރ 2018 އާއި އޮގަސްޓް 2019 އާއި ދެމެދުއެވެ.

އެހެންކަމުން މި މޭރުމުން ބަލާއިރު މަނީ ހެއިސްޓްގެ ފަސް ވަނަ ބައި 2021 ގެ ޑިސެމްބަރުގެ ނިޔަލަށް ނެޓްފްލިކްސް އަށް ނައުމަކީ އެކަށީގެންވާ ކަމެކެވެ.

މި ސީރީޒުން ފެނިގެން ދަނީ، ޕްރޮފެސަރެއްގެ މާސްޓާ ޕްލޭންގެ ދަށުން ކުށްވެރިންތަކެއް ފައިސާ ހޯދައި، އޭގެ ފަހުން ފުލުހުންނާއި ދެމެދު ހިނގާ ކަންކަމެވެ. މި ސީރީޒްގެ ތަރިންނަށް ނަން ދީފައި ވަނީ ދުނިޔޭ އެކި ގައުމުތަކުގެ ސިޓީތަކަށް ކިޔާ ނަމެވެ. މަނީ ހައިސްޓުގައި ގިނަ ބަޔަކު ދަހިކޮށްލާ ކަމަކީ ކޮންމެ ސީރީޒް އެއްވެސް ނިމޭއިރު ދެން ވާނެ ގޮތެއް އާދަޔާ ޙިލާފަށް ބޮޑަށް ބަލަން ބޭނުންވުފައި ތިބުމެވެ.