ކޮވިޑް-19 އާއި ގުޅޭ ހިތާމަވެރި އެތައް ޚަބަރެއް ކޮންމެ ދުވަހަކު މިއަންނަނީ ލިބެމުންނެވެ. މިއީ ވެސް އެފަދަ ހިތާމަވެރި ޚަބަރެކެވެ.

މިހާރު އެންމެ ބާރަށް ކޮވިޑް-19 ފެތުރެމުން އަންނަ އެމެރިކާގައި މިވަނީ މަންމައަކާއި އޭނާގެ ތިން ދަރިން ކޮވިޑް-19 ޖެހިގެން މަރުވެފައެވެ. އެމެރިކާގެ ލޫޒިއާނާއަށް ނިސްބަތްވަ މިއާއިލާގެ ހަތަރު މެންބަރުން ކޮވިޑް-19 ޖެހިގެން މަރުވުމުން ގިނަ ބަޔަކު ގެންދަނީ އެކަމާއި ހިތާމަފާޅުކޮށް އާއިލާއަށް ތައުޒިއާ ފޮނުވަމުންނެވެ.

އުމުރުން 86 އަހަރުގެ އެންޓޮއިނެޓީ ފްރެންކްލިން ކޮވިޑް-19 ޖެހިގެން މަރުވީ މާޗް މަހުގެ 23 ވަނަ ދުވަހު އެވެ. އޭގެ ކުރިން އޭނާގެ އެންމެ ދޮށީ ދަރިފުޅު އުމުރުން 71 އަަހރުގެ ހާމަން ފްރެންކްލިން ވަނީ މާޗް 20 ވަނަ ދުވަހު ކޮވިޑް-19 ޖެހިގެން މަރުވެފައެވެ. ހާމަން އަކީ އަށް ކުދިންގެ ބައްޕައެކެވެ.

އެއާއިލާ އިން ދެން ކޮވިޑް-19 ޖެހިގެން މަރުވީ އުމުރުން 58 އަހަރުގެ އެންތަނީ ފްރެންކްލިން އެވެ. އޭނާ މަރުވީ މާޗް މަހުގެ 26 ވަނަ ދުވަހު އެވެ. އާއިލާގެ ހަތަރު ވަނަ މެންބަރު ޓިމޮތީ ފްރެންކްލިން މަރުވީ މާޗް 30 ވަނަ ދުވަހު އެވެ. އޭނާގެ އުމުރަކީ 61 އަހަރެވެ.

ކޮވިޑް-19 އާއި ގުޅޭ މައުލޫމާތު ހާމަކުރާ ލޫޒިއާގެ ތަރުޖަމާން ބުނީ މަރުވި އެއް އާއިލާއެއްގެ ހަތަރު މެންބަރުން ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައިވާކަން އެމީހުންގެ ޓެސްޓްތަކުން ދައްކާ ކަމަށެވެ. އެއިން އެއްވެސް މީހަކީ ބޮޑު ބައްޔަކަށް ބޭސް ކުރަމުންދާ މީހެއްކަން އެނގެން ނެތް ކަމަށް ތަރުޖަމާން ވިދާޅުވިއެވެ. ނަމަވެސް އެމީހުންގެ މަރާއި ގުޅިގެން ބަލަން ޖެހޭ ކަންކަން އޮފިޝަލުން ގެންދަނީ ބަލަމުންނެވެ.

ބަލި ޖެހުނު މީހުންގެ ނިސްބަތައް ބަލާއިރު ލޫޒިއާނާއިން މަރުވަމުންދާ މީހުންގެ އަދަދު ނިއުޔޯކުން މަރުވާ މީހުންގެ ނިސްބަތައް ވުރެ އިތުރެވެ.

ކިޔުންތެރިންގެ ހިޔާލު