ކޮވިޑް-19 އަށް ވެކްސިންތަކެއް އުފެއްދުމުގައި ރަޝިއާގެ ކުންފުންޏަކުން ވެސް ކުރިއެރުންތަކެއް ހޯދައިފިއެވެ.

ރަޝިއާގެ އެންމެ ބޮޑު އެއް ރިސާޗް ސެންޓަރު ކަމަށްވާ ވެކްޓޯ ސްޓޭޓް ވައިރޮލޮޖީ އެންޑް ބައޯޓެކްނޮލޮޖީ ސެންޓަރުގެ ވެރިން އިއްޔެ ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިން އާއި އެކު ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވި ބައްދަލުވުމުގައި އެސެންޓަރުން ބުނީ އަންނަ ޖޫން މަހުގެ 29 ވަނަ ދުވަހު ވެކްސިންތަކެއް އިންސާނުން ބޭނުން ކޮށްގެން ޓެސްޓް ކުރަން ފަށާނެ ކަމަށެވެ.

"ވެކްސިން ޓެސްޓް ކުރާނެ ގޮތް މިހާރު ވަނީ ރޭވިފައި. ވެކްސިން ޓެސްޓް ކުރުމަށް 180 ވޮލެންޓިއަރުން ހޯދާނަން. ތިން ވެކްސިނެއްޓެއްގެ ޓެސްޓްތައް އިންސާނުން ބޭނުން ކޮށްގެން ކުރިއަށް ގެންދާނަން." ސެންޓަރުގެ ވެރިޔާ ރަނަތު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ވެކްސިން ޓެސްޓް ކުރުމަށް ބޭނުންވާ ވޮލެންޓިއަރުން ހޯދަން އިއުލާން ކުރުމުން 300 އަށް ވުރެ ގިނަ އެޕްލިކޭޝަން ލިބިފައިވާ ކަމަށެވެ.

ރަޝިއާ އިން އުފައްދާ ވެކްސިންތައް މިހާރު ދަނީ މީދާ ބޭނުން ކޮށްގެން ޓެސްޓް ކުރަމުންނެވެ. މިހާރު ކުރިއަށްދާ ޓެސްޓްތައް އޭޕްރީލް 30 ވަނަ ދުވަހުގެ ނިޔަލަށް ނިމޭނެ ކަމަށް އޮފިޝަލުން އުއްމީދު ކުރެއެވެ.

ކޮވިޑް-19 ގެ ސަބަބުން ދުނިޔެ ހުއްޓުމަކަށް އައިސްފައި ވާއިރު މިބައްޔަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ދުނިޔޭގެ 35 ކުންފުންޏަކުން ކުރަމުން އެބަގެންދެއެވެ. މިހާރު އެމެރިކާގެ ކުންފުންޏަކުން ވަނީ އިންސާނުން ބޭނުން ކޮށްގެން ވެކްސިނެއް ޓެސްޓް ކުރުމުގެ މަސައްކަތް ފަށާފައެވެ. އަދި އެމެރިކާގެ އިތުރު ކުންފުންޏަކުން ދަނީ ވެކްސިނެއް އިންސާނުން ބޭނުން ކޮށްގެން ޓެސްޓް ކުރަން ތައްޔާރު ވެފައެވެ.

ނަމަވެސް އަދިވެސް ވެކްސިނެއް އުފައްދާ، ބޭނުން ކުރަން ފެށެން އަހަރެއްހާ ދުވަސް ނުވަތަ އެއަށްވުރެ ދިގު މުއްދަތެއް ހޭދަވެދާނެ ކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަމްރިޝްޕޫރީ

    އަހަރެއްވާއިރު ހާދަބަޔަކު މަރުވެ އަދި އެތައް ތަދުމަޑުކަމެއް އަންނާނެތާ!

    19