ބޮލީވުޑްގެ މަޝްހޫރު ކޮމެޑިއަން ޕަރޭޝް ރާވަލްގެ ދަރިފުޅު އަދިތިޔާ ރާވާލް އާއި އަރުޖުން ރެޑީގެ ލީޑު ބަތަލާގެ ރޯލުން ފެނިގެންދިޔަ ޝާލިނީ ޕާންޑޭ އެކުގައި ފެނިގެންދާ ފިލްމު "ބާމްފާޑު" ގެ ޓްރެއިލާ ދައްކާލައިފިއެވެ.

މި ފިލްމަކީ އިންޑިއާގެ އަލާބަދު އަވަށުގައި އުޅޭ ދެ ލޯބިވެރިންގެ ދެމެދަށް ބާރުގަދަ ސިޔާސީ މީހަކު ވެރިވެގަނެގެން ހިނގާ ކަންތައްތައް ފެނިގެންދާ ފިލްމެކެވެ. ސިޔާސީ ފަަރާތެއްގެ ގޮތުގައި ފެނިގެންދަނީ ގަލީ ބޯއި އަދި ނެޓްފްލިކްސް ސީރީޒް "ޝީ" ގެ ތަރި ވިޖޭ ވަރްމާއެވެ. އަދިތިޔާގެ ގާތް އެކުވެރިއެއްގެ ރޯލުން ޖަތިން ސަރްނާ ވެސް މި ފިލްމުން ފެންނާނެއެވެ.

މި ފިލްމާ ގުޅިގެން އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި އަދިތިޔާ ވަނީ މިކަހަލަ ފިލްމެއްގައި މަސައްކަތް ކުރާނެ ފުރުސަތު ލިބުނީތީ ވަރަށް އުފާކުރާ ކަމަށާއި އޭނާ ބޭނުން ވަނީ އެ ދާއިރާއިން ކުރިއެރުމަށް ކަމަށް ވަނީ ބުނެފައެވެ. އަދި މި ރޯލުގެ ސްކްރިޕްޓް ކިޔާފައި ވަރަށް ކަމުދިޔަ ކަމަށާއި މިހާރު އެންމެ އިންތިޒާރު ކުރެވެނީ މި ފިލްމު ބަލާ މީހުންގެ ފަރާތުން އޭނާގެ އެކްޓިންއާ ގުޅޭ ގޮތުން ބަހެއް ބުނާ އަޑު އެހުމަށް ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

ރަންޖަން ޗަންދެލް ޑައިރެކްޓްކޮށް ނެރުމަށް ތާވަލު ކުރެވިފައިވާ މި ފިލްމު އަންނަ ހުކުރު ދުވަހު ނެރުމަށް ވަނީ ހަމަޖެހިފައެވެ. މިހާރު ދުނިޔޭގެ އެކި ހިސާބުތަކުގައި ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެން އިންޑިއާގެ ފިލްމު އިންޑަސްޓްރީގެ ހުރިހާ ޕްރޮޑެކްޝަންތަކެއް ވަނީ ހުއްޓާލާފައެވެ. އިންޑިއާގައި މި ބަލި ހަލުވިކަމާއި އެކު ފެތުރެމުންދާތި އެގައުމުވަނީ 21 ދުވަހަށް ފުރަބަންދުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ށ

    ކޮވިޑް19 އިން މީހުން ބޮޑެތި އަދަދުން މަރުވާ ވާހަކަ ޚަބަރު ތަކުގައި ލިޔެފަ ދެން މުނިފޫހި ފިލުވަން މުޝްރިކުން ގެވާހަކަޔާ އެމީހުންގެ އާއިލާ ތި ބުނެދެނީ.
    ނިކަން ﷲ މަތިން ހަނދުމަވާ ޚަބަރުތަށް ގެނެސްދީބާ.
    މިކޮވިޑް19 އިންވެސް ޢިބްރަތް ލިބޭ ކަންކަން ކުރަންވީ.

  2. ހ

    ހަމަކަށަވަރުން، كافر ވެ، اللَّه ގެ މަގުން (މީސްތަކުން) އެއްކިބާކުޅަ މީހުން (حق ގެ މަގުން) ދުރުވެގެންވާ މަގުފުރެދުމަކުން މަގުފުރެދިއްޖެކަން ކަށަވަރެވެ.(167) ހަމަކަށަވަރުން، كافر ވެ އަދި އަނިޔާވެރިވި މީހުންނަށް، اللَّه ފާފައެއް ނުފުއްސަވާނެތެވެ. އަދި، އެއްވެސް މަގަކަށް އެއުރެންނަށް އެކަލާނގެ މަގެއް ނުދައްކަވާނެތެވެ. (168) ނަރަކައިގެ މަގަށް މެނުވީއެވެ. އެއުރެން އެތާނގައި އަބަދަށް ދެމިތިބެނިވި ގޮތުގައެވެ. އެކަންތައް اللَّه އަށް ދާދި ފަސޭހަކަމެއް ކަމުގައިވެއެވެ. (169) އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން حق دين އާއިގެން رسول އާ ތިޔަބައިމީހުންގެ ގާތަށް ވަޑައިގެންފިއެވެ. ފަހެ، ތިޔަބައިމީހުން إيمان ވާށެވެ! އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ. އަދި، ތިޔަބައިމީހުން كافر ވާނަމަ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އުޑުތަކާއި ބިމުގައިވާހައި ތަކެއްޗެއް މިލްކުވެގެންވަނީ اللَّه އަށެވެ. މޮޅަށް ދެނެވޮޑިގެންވާ حكيم ވަންތަ ކަލާނގެ ކަމުގައި اللَّه ވޮޑިގެންވެއެވެ. (170)
    سورة النساء 167 - 170