އިންޑިއާގައި ކާރު މިއުޒިމްއެއްގެ ވެރިއަކު، ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އަށް މީހުން ހޭލުންތެރި ކުރުވުމުގެ ގޮތުން އެ ވައިރަސް ޝޭޕަށް އިން ކާރެއް އުފައްދައިފިއެވެ.

އެއް ސީޓު އިންނަ އެ ކާރަކީ 100ސީސީގެ އިންޖީނެއް އަޅުވާފައިވާ، 40 ކިލޯ މީޓަރަށް ބާރަށް ދުވާ ކާރެކެވެ.

ސުދާ ކާރު މިއުޒިއަމްގެ ފަރާތުން އެ ކާރު އުފެއްދިއިރު، އެތަނުގެ ވެރިޔާ ސުދައްކަރު ބުނީ، އެ ކާރުގެ މޮޑެލް ހެދުމަށް ނަގާފައި ވަނީ 10 ދުވަސް ކަމަށެވެ.

"އެ ކާރުގައި އިންނާނީ 100 ސީސީ އިންޖީނެއް، އަދި ހަތަރުފުރޮޅު އެކާރުގައި އިންނައިރު، އެންމެ ސީޓެއް އިންނާނީ، އެއްވެސް އުނދަގޫކަމެއް ނެތި 40 ކިލޯ މީޓަރަށް ދުއްވާނެ، އަހަރުމެން މީގެ މޮޑެލް ހަދަން ނެގީ 10 ދުވަސް. މިކަމުން ގިނަބަޔަކު މި ބައްޔަށް ހޭލުންތެރި ކުރެވޭނެ ކަމަށް ގަބޫލުކުރެވޭ". އޭނާ ބުނެފައި ވެއެވެ.

މި ކާރު އައްމުންނަށް ދައްކާލަން ނިންމާފައި ވަނީ މާދަމާއެވެ. އެ ކާރު މާދަމާ ހައިދަރްއާބާދުގެ މަގުމައްޗަށް ނެރޭނެއެވެ. އަދި ބައްޔާއި ގުޅޭގޮތުން މީހުން ހޭލުންތެރިކުރުވަމުންދާނެއެވެ.

މިގެ ކުރިން އެ ކުންފުނިން ވަނީ ކޮންޑަމް ޝޭޕްގެ ސައިކަލެއް އުފައްދާފައެވެ. އެ ސައިކަލު އުފައްދާފައި ވަނީ އެއިޑްސް އަށް މީހުން ހޭލުންތެރިކުރުވުމަށެވެ. އަދި ހެލްމެޓް ޝޭޕްގެ ކާރެއްވެސް އޭނާ ވަނީ ބޮލުގެ ރައްކާތެރިކަމަށްޓަކައި އުފައްދާފައެވެ. އަދި މީގެއިތުރުން، ސިގިރެޓް ޝޭޕްގެ ސައިކަލެއްވެސް އޭނާ ވަނީ އުފައްދާފައެެވެ.

އެހެންކަމުން މިއީ އޭނާއަށް އާ ކަމަކަށް ނުވާނެއެވެ.