ނުރައްކާތެރި ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ބިރުވެރިކަން ހީވެސްނުކުރާ ހަލުވިމިނެއްގައި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފޯރަމުން ދާއިރު، މި ވައިރަސްގެ ނުރައްކާ ބޮޑުވެފައިވާ ޤައުމުތަކުގެ ތެރޭގައި އަވައްޓެރި އިންޑިއާ ވެސް ހިމެނެއެވެ. އެޤައުމުގައި މި ވައިރަސް އަށް ފައްސި (ޕޮޒިޓިވް) ވާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާއިރު، ބަލީގައި މަރުވާ މީހުންގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ.

މިއީ އިންޑިއާގައި ވައިރަސް ފެތުރެމުންދާ ސަރަޙައްދުތަކުގެ ތެރެއިން ގުޖުރާތުގައި މި ވައިރަސް ޖެހިގެން މަރުވި އަންހެނެއްގެ ވާހަކައެވެ. ކޮވިޑް-19 ގެ ޝިކާރައަކަށްވެ، އުމުރުން 61 އަހަރުގެ އެ އަންހެން މީހާ އިއްޔެ މަރުވެފައިވާއިރު، އިއްޔެ އެ ސްޓޭޓުން މަރުވި މީހުންގެ އަދަދު ވަނީ 11 އަށް އަރާފައެވެ. މިއީ މަހާރަޝްތްރާ ފިޔަވައި އިންޑިއާގައި 24 ގަޑިއިރުތެރޭ ސްޓޭޓަކުން އެންމެ ގިނަ ބަޔަކު ކޮވިޑް-19 ގެ ސަބަބުން މަރުވި ފަހަރެވެ.

އިންޑިއާގެ ނޫސްތަކުގައި ބުނެފައިވާ ގޮތުގައި މި އަންހެން މީހާ ވަނީ މިދިޔަ މާރިޗު މަހުގެ 24 ވަނަ ދުވަހު، ކޮވިޑް-19 އަށް ޝައްކުކުރެވޭ ބައެއް ޢަމާލާތްތައް ފެނިގެން ސޫރަތްގެ ހޮސްޕިޓަލަކަށް ދައްކާފައެވެ. އެއާއެކު ޓެސްޓު ކުރުމަށާއި ފަރުވާގެ ކަންކަން ކުރިޔަށް ގެންދިއުމަށް ހޮސްޕިޓަލުގައި އެޑްމިޓްވާން ޑޮކްޓަރުން އޭނާއަށް އަންގާފައި ވެއެވެ. ނަމަވެސް އޭނާ ވަނީ ހޮސްޕިޓަލުގައި އެޑްމިޓްވާން ދެކޮޅުހެދުމަށްފަހު ފަރުވާއެއް ނުހޯދައި ގޮސްފައެވެ.

އޮފިޝަލުންނާއި ހަވާލާދީ ނޫސްތަކުގައި ބުނެފައިވަނީ، އެ އަންހެން މީހާ އެނބުރި ހޮސްޕިޓަލަށް އައީ އޭގެ ހަފްތާއެއް ފަހުން، އަލާމާތްތައް އިތުރުވެ ބަލި ހާލަތު ގޯސްވެފައި ވަނިކޮށެވެ. އެދުވަހު އޭނާގެ ހާލު ދެރަކަމުން ވަގުތުން އެޑްމިޓްކޮށްގެން ޓެސްޓު ކުރިއިރު، އޭނާއަށް ކޮވިޑް-19 ޖެހިފައިވާކަން ވަނީ ޔަޤީންކުރެވިފައެވެ. ނަމަވެސް ބަލީގެ ކުރީކޮޅުގައި ފަރުވާ ނުލިބުމުގެ ސަބަބުން އޭނާގެ މުޅި ހަށިގަނޑަށް ވައިރަސްގެ އަސަރުކޮށް ހާލަތު އޭރު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.

"އެދުވަހު އޭނާ ހޮސްޕިޓަލަށް އައީ ވަރަށް ބޮޑަށް ހާލު ދެރަވެ އެނޫންގޮތެއް ނެތިގެން. އެކަމަކު ބަލީގައި ހަފްތާއެއް ވަންދެން ފަރުވާއެއް ނުހޯދައި ހުރެފައި އައުމުން އޭނާ ހުރީ ވަރަށް ސީރިއަސް ހާލަތެއްގައި. އެހެންކަމުން ފަރުވާދޭން ފެށިއިރުވެސް އޭނާ ސަލާމަތްކުރެވޭނެ ކަމުގެ މާބޮޑު އުންމީދެއް އޭރަކު ނެތް،" އެ އަންހެން މީހާ ބެލި ޑޮކްޓަރުން ބުނެފައި ވެއެވެ.

މި އަންހެން މީހާ މަރުވެފައި ވަނީ ފަރުވާދޭތާ ދެ ދުވަސްވެސް ނުވަނީސް އިއްޔެގެ ވަގުތެއްގައެވެ. އޭނާއަށް ކޮވިޑް-19 ޖެހުމާއި ގުޅިގެން އާއިލާގެ ބައެއް އެހެން މީހުންވެސް ޓެސްޓު ކޮށްފައި ވާއިރު، އޭނާގެ ފިރިމީހާވެސް ވަނީ މި ބައްޔަށް ފައްސިވެފައެވެ. މީގެ އިތުރުންވެސް ގިނަ ބަޔަކާއި އެމީހުން ބައްދަލުކޮށްފައި ވުމުން، އެ ސަރަޙައްދުގައި މިހާރު މި ވައިރަސް ވަރަށް ބޮޑަށް ފެތުރިފައި ވެދާނެ ކަމަށް ވަނީ ބެލެވިފައެވެ.

މި ހާދިސާ އާއި ގުޅިގެން ގުޖުރާތުގެ އިދާރާތަކުން ވަނީ، ކޮވިޑް-19 ގެ ކުޑަ އަލާމާތެއް ފެންނަ ފަރާތްތަކުން ވެސް ޑޮކްޓަރުންގެ އިރުޝާދުތަކާއި އެއްގޮތަށް ކަންކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި ވައިރަސްގެ ނުރައްކާ ކުޑަކުރުމަށް، މި ވައިރަސް ފެތުރިޔަ ނުދިނުމަށް އެޅެންހުރި އެނޫންވެސް ފިޔަވަޅުތައް އަޅައި، ކޮންމެހެން ބޭރަށް ނިކުންނަން ޖެހިގެން މެނުވީ ގެއިން ބޭރަށް ނުދިޔުމަށް އެ އިދާރާތަކުން ވަނީ އެދިފައެވެ.

ކޮވިޑް-19 ގެ ނުރައްކަލާއި ގުޅިގެން މިވަގުތު އިންޑިއާގެ އެކި ސަރަޙައްދުތައް ވަނީ ފުރަބަންދުކޮށްފައެވެ. ނަމަވެސް މި އެންގުމާއި އެޤައުމުގެ ގިނަ ބަޔަކު ޚިލާފުވަމުންދާ ކަމުގެ ޚަބަރުތައް ދަނީ ފެތުރެމުންނެވެ. އެގޮތުން ޚާއްސަ ގޮތެއްގައި އެޤައުމުގައި ދިރިއުޅޭ ހައްދުފަހަނައަޅާފައިވާ ހިންދޫ ދީނުގެ މީހުން، އެމީހުންގެ ދީނީ ކަންކަން ކުރިޔަށް ގެންދިއުމަށް، މަގުތަކަށް ޖަމާވެ އެކި ހަރަކާތްތައް ހިންގަމުން ދެއެވެ.

ފާއިތުވެދިޔަ ދުވަސްތަކުގައި އިންޑިއާއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާއިރު، އެޤައުމުން މިހާތަނަށް ޖުމްލަ 5360 މީހަކު ވަނީ މި ވައިރަސް އަށް ފައްސިވެފައެވެ. އޭގެތެރެއިން މިހާތަނަށް ޖުމްލަ 164 މީހަކު ވަނީ މަރުވެފައެވެ. އިންޑިއާ އިން މިހާތަނަށް މި ވައިރަސް ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވެފައި ވަނީ 468 މީހެކެވެ.

އިންޑިއާ ހިމެނޭހެން މިހާތަނަށް ދުނިޔޭގެ 209 ޤައުމަކުން ޖުމްލަ 1.4 މިލިއަނަށްވުރެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވެ، އޭގެތެރެއިން 83000 އަށްވުރެ ގިނަ މީހުން މަރުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު