މުޅި ދުނިޔެ ސިއްސުވާލާފައިވާ ކޮވިޑް-19 ގިނަ ބަޔަކު ވަނީ އެމީހުންގެ ލޯބިވެރިންނާއި ވަކި ވެގެން ގޮސްފިއެވެ. އަދި ގިނަ ބަޔަކު ތިބީ ފުރަބަންދު (ލޮކްޑައުން) ކޮށްފައިވާތީ އެކި ހިސާބުތަކުގައި ތާށިވެފައެވެ. އެހެން ނަމަވެސް އެކަކު އަނެކަކާއި ބައްދަލު ކުރުމަށް ކުރަމުން އަންނަ މަސައްކަތް ބައެއް މީހުން ހުއްޓައެއް ނުލައެވެ.

މިއީ ކޮވިޑް-19 ފެތުރުމުގެ ކުރިން ކެންސަރު ޖެހިފައިވާ ކެލީ ކޮނާ އާއި އޭނާގެ ފިރިހެނުން އަލްބާޓް ކޮނާގެ ވާހަކައެވެ.

ކެލީއަށް ކެންސަރު ޖެހިފައިވާ ކަން އެނގިފައިވަނީ ޖެނުއަރީ މަހުގެ ތެރޭގައެވެ. އޭގެ ފަހުން އޭނާ އާއި އެކު ކީމޯތެރަޕީ ހައްދަން އަލްބާޓް ހޮސްޕިޓަލަށް ދެއެވެ. އަލްބާޓް އަށް ކެލީ އާއި އެކު ކީމޯ ހައްދަން ދިއުން ހުއްޓުވާފައިވަނީ މުޅި ދުނިޔެއަށް ކުރިމަތި ވެފައިވާ ނުރައްކާތެރި ކޮވިޑް-19 ވައިރަސްއެވެ. އޭގެ ފަހުން ކޮންމެ ފަހަރަކު ކީމޯތެރަޕީ ހައްދަންދާއިރު އަލްބާޓް ހޮސްޕިޓަލުގެ ބޭރުގައި ބޯޑެއް ހިފައިގެން ހުރެއެވެ.

ކެލީ ފޭސްބުކްގައި ހިއްސާ ކޮށްފައިވާ ޕޯސްޓް

ކެލީ ފޭސްބުކުގައި ހިއްސާ ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ކީމޯތެރަޕީ ހައްދަން އަންނަ އޭނާގެ ފިރިމީހާއަށް ކޮވިޑް-19ގެ ސަބަބުން ހޮސްޕިޓަލަށް ނުވަދެވޭ ކަމަށެވެ. އެހެން ނަމަވެސް ކުޑަ ދޮރުން ބަލާއިރު އޭނާގެ ފިރިހެނުން ލޯބީގެ މެސެޖެއް ލިޔެފައިވާ ބޯޑު ހިފައިގެން ހުރުމުން އޭނާ އެކަމާއި އުފާ ކުރާ ކަމަށް އެ ޕޯސްޓުގައި ވަނީ ބުނެފައެވެ.

ކޮވިޑް-19 ފެތުރިފައިވާ ގައުމުތަކުން މިޙާތަނަށް މިލިއަނަކަސްވުރެ ގިނަ މީހުން ރިޕޯޓް ކޮށްފައިވާއިރު، މި ބަލި ޖެހިގެން 80،000 އަށް ވުރެ ގިނަ މީހުންވަނީ މަރުވެފައެވެ.