މަދު ދުވަސްކޮޅެއްގެ ތެރޭގައި އެތައް ބައެއްގެ ސަމާލު ކަން ހޯދާފައިވާ "ޕައިންއެޕަލް ޕެން" ލަވައިގެ އާޓިސްޓް ކޮވިޑް-19 އާއި ގުޅިގެން ތަފާތު ލަވައެއް ނެރެފިއެވެ.

ޖާޕާނުގެ ހެއްވާ މަޖާ ޓީވީ ޝޯ ތަކުން ފެނިގެން އަންނަ ޑައިމޯ ކޮސާކާ އަކީ ދިވެހިންގެ ތެރެއަށް "ޕައިންއެޕަލް ޕެން" ލަވައަށް ފަހު މަގްބޫލުކަމެއް ލިބިފައިވާ މީހެކެވެ. މި ލަވަ އަކީ މުޅި ދުނިއަށް ފެތުރިފައިވާ ކޮވިޑް-19 އިން ރައްކާތެރިވުމަށް އަތް ދޮވުމަށް ހަނދާން ކޮށްދިނުމުގެ ގޮތުން އޭނާ ނެރެފައިވާ ލަވައެކެވެ.

އޭޕްރިލް 4 ވަނަ ދުވަހު ޔޫޓިއުބް އަށް އެ ވީޑިއޯ ލަމުން އޭނާ ބުނެފައިވަނީ އެ ލަވަ އަކީ މީހުން ލައްވާ އަތް ދޮވުމަށާއި ކޮވިޑް-19 އިން ރައްކާތެރިވުމަށް ހަނދާން ކޮށްދިނުމަށް އޭނާ ހަދާފައިވާ ލަވައެއް ކަމަށެވެ.

އެ ލަވައިގައި ޑައިމޯ ވަނީ އަތް ދޮންނާނެ ގޮތްތައް ދައްކައި ގިނަގިނައިން އަތް ދޮންނަން ބުނެފައެވެ.

ޑައިމޯ އެ ލަވަ ޔޫޓިއުބަށް ލާފައިވާތާ 4 ދުވަސްވީއިރު މިހާރު 4 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ އެ ވީޑީއޯ ބަލާފައެވެ.

ޗައިނާގެ ވުހާން ސިޓީން މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ފެތުރެން ފެށި ކޮވިޑް-19 އަށް މިހާތަނަށް ފަރުވާއެއް ނުވަތަ ވެކްސިނެއް އުފެއްދިފައި ނުވާއިރު، މި ބަލިން ހަމަ އެކަނި ރައްކާތެރިވުމަށް ސިއްހަތު ޖަމްއިއްޔާއިން ބުނެފައިވަނީ ރައްކާތެރި ކަމާއި އެކީ ތިބެ އަތް ދޮވުމެވެ.