އިނގިރޭސިވިލާތުގެ ވެރިރަތް ލަންޑަންގެ ހޮސްޕިޓަލަކުން މާސްކު ވަގަށް ނެގި މީހަކު 3 މަހަށް ޖަލަށް ލާން ހުކުމް ކޮށްފިއެވެ.

އެގައުމުގެ ފުލުހުން ބުނެފައިވަނީ ކިންގްސް ކޮލެޖް ހޮސްޕިޓަލުން މާސްކު ވަގަށް ނަގައިގެން ހައްޔަރު ކޮށްފައިވަނީ 34 އަހަރުގެ ލެރުން ހުސައިން ނަމަކަށް ކިޔާ ފިރިހެނެއް ކަމަށެވެ. އޭނާ ވައްކަށް ކުރިކަން ހާމަ ކޮށްފައިވަނީ އެ ހޮސްޕިޓަލުގެ ސެކިއުރިޓީއަށް އެވަގުތު ހުރި މީހެކެވެ.

އޭނާ ވަގަށް ނަގާފައިވަނީ އެ ހޮސްޕިޓަލުން 3 މާސްކު ކަމަށާއި، އެކަމަށް އޭނާ އެއްބަސް ވުމުން 3 މަހަށް ޖަލަށް ލާން ހުކުމް ކޮށްފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ކޮވިޑް-19 އާއި ގުޅިގެން އެކި ގައުމުތަކުގައި ހަރުކަށި ފިޔަވަޅު އަޅާފައިވާއިރު، އެ ފިޔަވަޅުތަކަށް ބޯލެނބުމެއް ނެތި އުޅެމުންދާ މީހުންނަށް ފުލުހުން އަންނަނީ ފިޔަވަޅު އަޅަމުންނެވެ. އެހެން ނަމަވެސް މިއީ މިފަދަ ގޮތަކަށް ވައްކަމެއް ކޮށްގެން ޖަލަށް ލާފައިވާ ފުރަތަމަ މީހާއެވެ.

މީގެ ކުރިން އެމެރިކާގެ ސްޓޭޓެއް ކަމަށްވާ ނިއުޖާޒީގެ ހޮލީ ނޭމް މެޑިކަލް ސެންޓަރުގައި ތިބި ބައެއް ޑޯކްޓަރުން އެމީހުންގެ ރައްކާތެރިކަމަށް އެދި މުޒާހަރާ ކުރުމުން ވަނީ ހައްޔަރު ކޮށްފައެވެ. އެހެން ނަމަވެސް ބޮޑު ފިޔަވަޅެއް ނާޅާ އެމީޙުން ވަނީ ދޫކޮށްފައެވެ. އަދި ކާފިއު ވަގުތު ބޭރުގައި އުޅޭ މީހުންނަށް ފުލުހުން ވަނީ އަނިޔާވެސް ކޮށްފައެވެ.

ކޮވިޑް-19 ފެތުރިފައިވާ ގައުމުތަކުން މިހާތަނަށް މިލިއަނަކަށްވުރެ ގިނަ މީހުން ފައްސިވެފައިވާއިރު، 80،000 އަށްވުރެ ގިނަ މީހުން ވަނީ މި ބަލި ޖެހިގެން މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު