ދުނިޔޭގެ އެންމެ ކުދި ގައުމުތަކުން ފަށައިގެން އެންމެ ބޮޑު އަދި ބާރުގަދަ ގައުމުތަކުންވެސް ކުރާނެ ކަމެއް ނެތި ގޮތް ހުސްވެފައިވާ ކޮވިޑް-19 އަކީ މިހާރު ދުނިޔޭގައި ހަލުވި ކަމާއި އެކީ ފެތުރެމުން އަންނަ ނުރައްކާތެރި ބައްޔެކެވެ. މި ބައްޔަށް މިހާތަނަށް އެއްވެސް ކަހަލަ ވެކްސިނެއް އުފެއްދިފައެއް ނުވެއެވެ. ސިއްހީ މާހިރުން ތިބީ ހަދާނެ ގޮތް ހުސްވެފައެވެ. އާރާއި ބާރާއި އިސްނާނީ ވަސީލަތްތައް ވެސް އެންމެ ގިނަ ގައުމުތައް މިއަދު ވަނީ މި ބައްޔާއި ހަނގުރާމަ ކޮށްކޮށް ވަރުބަލިވެފައެވެ. މިއަދާއި ހަމައަށް މިކަމުން އަރައިގަންނާނެ ގޮތެއް ވަނީ ނުފެނިފައެވެ.

މިއީ ކޮވިޑް-19 ޖެހި، އެބަލިން ރަނގަޅުވެފައިވާ އުމުރުން 29 އަހަރުގެ އޮލުވަސެއުން އަޔޮޑެޖި އޮސޮވޮބީ ނަމަކަށް ކިޔާ ނައިޖީރިއާއަށް ނިސްބަތްވާ އަންހެނަކު ބަލި ޖެހުމުން އޭނާ އަށް ކުރެވުނު އިހުސާސްތަކުގެ ވާހަކައެވެ. އޭނާ ބުނެފައިވަނީ އެއީ އޭނާ ދުވަހަކުވެސް އެހެން މީހަކަށް ޖެހެން ބޭނުން ނުވާ ބައްޔެއް ކަމަށެވެ.

އޭނާ އަށް ކޮވިޑް-19 ޖެހިފައިވަނީ ލަންޑަނަށް ކުރި ދަތުރު ނިންމާލުމަށްފަހު އަނބުރާ ނައިޖީރިއާއަށް އައި ފަހުންނެވެ.

އަލްޖަޒީރާ ނިއުސް އަށް ދީފައިވާ އިންޓަވިއުއެއްގައި އޮސޮވޮބީ ބުނެފައިވަނީ އެބަލިން އޭނާ ރަނގަޅުވުން އެއީ އޭނާ އުފާ ކުރާ ކަމެއް ކަމަށާއި އެފަދަ ނުރައްކާތެރި ބައްޔެއް އެހެން މީހަކަށް ޖެހުން އެއީ އޭނާ އެދޭ ކަމެއް ނޫން ކަމަށާއި ބަލިން ރައްކާތެރިވުމުގެ ގޮތުން އަމިއްލަޔަށް އެޅެން ހުރި ފިޔަވަޅުތައް އެޅުމަށެވެ.

"ކޮވިޑް-19 އިން ސަލާމަތްވުމުން ވަރަށް އުފާވޭ. މި ބަލި ޖެހިގެން މަރުވާ މީހުންގެ އަދަދަށް ބަލައިލުމުން އިނގޭނެ ބަލީގެ ނުރައްކާތެރިކަން. މި ބަލީގެ ސަބަބުން ދުނިޔެއާއި ވަކިވެގެން ނުދިޔަ ކަމަށްޓަކައި ޝުކުރު ވެރިވަން " އޮސޮވޮބީ ކިޔައިދީފައިވެއެވެ.

ކޮވިޑް-19 އަށް ޝައްކު ކުރެވިގެން ޓެސްޓް ހަދައި ފައްސި (ޕޮޒިޓިވް) ވުމުން ފުރަތަމަވެސް ސިކުނޑިއަށް އައީ މި ބަލި ޖެހިގެން ދުނިޔޭގައި ހުރެވޭނެތޯއޭ ނުވަތަ ބަލި ޖެހިގެން މަރުވާ މީހުންގެ ލިސްޓުގެ ތެރެއަށް އިތުރު ނަމެއް ލެވިގެންދާނެ ތޯ އޭ އޭނާ ވަނީ ބުނެފައެވެ.

"ވަރަށް ބިރުން ހުރީ. ބައްޔަށް ފައްސި (ޕޮޒިޓިވް) ވުމުން ފުރަތަމަވެސް ހިތަށް އެރީ މި ބަލި ޖެހިގެން ސަލާމަތްވާނެތޯ. އެހެން ނޫނީ ބަލި ޖެހިގެން މަރުވާ މީހުންގެ ލިސްޓަށް ނަމެއް އިތުރުވާނެތޯ. ވިސްނަމުން ދިޔައީ ނައިޖީރިއާއަށް މި ދަނޑިވަޅު ކޮންޓްރޯލް ކުރެވޭނެތޯ" އޮސޮވޮބީ ކިޔައިދިނެވެ.

އޮސޮވެބީ ޕްރިންސް ޗާލްސް އާއި ބައްދަލު ކުރަނީ

އޮސޮވޮބީ ބުނެފައިވަނީ އޭނާ އަށް ފަރުވާދެމުން ދިޔަ ޑޮކްޓަރުންނަކީ ވަރަށްވެސް ހިތްވަރު ގަދަ ޑޮކްޓަރުންތަކެއް ކަމަށާއި، ގެއަށް ފޮނުވާލި ފަހުންވެސް އެސްއެމްއެސް މެދުވެރިކޮށް ކޮންޓެކްޓް ކޮށް ހޮޑު ލެވޭ ގަޑިގައިވެސް ކުރާނެ ކަންކަން ބުނެފައިވާ ކަމަށެވެ.

އޭނާ ވަނީ އެ ބަލި އިތުރު މީހަކަށް ނުޖެހޭ ގޮތަށް އެމީހުންވެސް ފަރުވާތެރިވުމަށް ގޮވާލާފައެވެ. އެގޮތުން ގިނަގިނައިން ގޭގައި ތިބޭއިރު މޫނުގައި އަތް ނުހާކައި، ސެނިޓައިޒާ ބޭނުން ކޮށްގެން އޮތްދޮވުމުގެ އިތުރުން ގޭގައި އައިސޮލޭޓް ވުމަށް އެދިފައެވެ.

ކޮވިޑް-19 ފެތުރިފައިވާ ގައުމުތަކުން މިހާތަނަށް މިލިއަނަކަށްވުރެ ގިނަ މީހުން ފައްސިވެފައިވާއިރު، މި ބަލި ޖެހިގެން 85,443 މީހަކު ވަނީ މަރުވެފައެވެ.