މިހާރު ހަލުވިކަމާއި އެކު ފެތުރެމުން އަންނަ ކޮވިޑް-19 އާއި ގުޅިިގެން އެމެރިކާގެ މިޝިގަންގެ ނާސިން ހޯމް އެއްގައި ފަރުވާ ދެމުން ދަނިކޮށް މަރުވި ލޮއުއަން ޑޭގަނަ ނަމަކަށް ކިޔާ އަންހެނަކު މަރުވެފައި ވަނީ ބަލީގެ އަސަރު އިންތިހާއަށް ކޮށް ކެތް ނުކުރެވޭ ވަރުވި އިރުވެސް ކައިރީގައި މީހަކު ނެތުމުގެ ސަބަބުން އެމަޒޯންގެ އަލެކްސާގެ ކިބައިން އެހީއަށް އެދެނިކޮށް ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އެލެކްސާ އަކީ ވޮއިސް ކޮމާންޑް ބޭނުން ކުރާ ބްލޫޓޫތު ސްޕީކަރެކެވެ. އެލްކްސާ ކައިރީ ބުނުމުން ފޯނުކޮށްދިނުން، ބޭނުންވާ މައުލޫމާތެއް ފޯރުކޮށްދިނުން ފަދަ ކަންކަން ކުރެއެވެ.

ޑެއިލީ މެއިލް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ލޮއުއަން މަރުވި އިރު އޭނާގެ އުމުރަކީ 66 އަހަރެވެ. އޭނާ އަށް އާއިލާގެ ފަރާތުން އެހީތެރިކަމެއް ނުދީ، މަރުވުމާއި ހަމަޔަށް ބަލަހައްޓަމުން ދިޔައީ އެ ނާސިން ހޯމްގައި ކަމަށް އެ ނޫހުން ވަނީ ރިޕޯޓުކޮށްފައެވެ.

"އެލެކްސާ، އަހަރެންނަށް ވަރަށް އެބަ ތަދުވޭ، އަހަރެންނަށް އެހީތެރިވެދީ" އަކީ ލޮއުއަންގެ އެންމެ ފަހުބަސް ކަމަށް ޑެއިލީ މެއިލް އިން ވަނީ ރިޕޯޓުކޮށްފައެވެ.

މިޝިގަން އިން މިހާތަނަށް ކޮވިޑް-19އިގައި 849 މީހަކު މަރުވެފައި ވާއިރު 18،970 މީހުން ވަނީ ބައްޔަށް ފައްސިވެފައި ކަމަށް ބައިނަލްއަގުވާމީ ނޫސްތައް ބުނެއެވެ.

އެލެކްސާ އަށް އެންމެ ފުރަތަމަ ލޮއުއަން އެދިފައި ވަނީ ފުލުހުންނާއި ހަމަޔަށް ވާސިލް ވުމަށް ކަމަށާއި، އެހެން ނަމަވެސް އަލެކްސާ ފުލުހުންނަށް ގުޅައި ދިނުމުގެ ބަދަލުގައި ދައްކައިފައި ވަނީ އެންމެ ކައިރީގައި ހުރި ފުލުހުންގެ މަރުކަޒަށްދާނެ މަގު ކަމަށް ޑެއިލީ މެއިލް އިން ވަނީ ރިޕޯޓުކޮށްފައެވެ.

ނާސިން ހޯމް އިން ލޮއުއަން މަރުވުމާއި ހަމަޔަށް އޭނާ އަށް ދެމުން އައީ ތަދުކަނޑުވާ ބޭސް ކަމަށް ވެއެވެ. މި މައްސަލަ އާއި ގުޅިގެން ފުލުހުން ދަނީ ނާސިން ހޯމްގެ އިހުމާލެއް މިކަމުގައި އޮތްތޯ ތަހުގީގު ކުރަމުން ކަމަށް އެނޫހުން ވަނީ ރިޕޯޓުކޮށްފައެވެ.

ކޮވިޑް-19 ގެ އަސަރުކޮށް އެންމެ ގިނައިން މަރުވަމުން ދަނީ އުމުރުން ދުވަސްވީ މީހުން ކަމަށް ކަމާބެހޭ އިދާރާތަކުގެ ތަފާސް ހިސާބުތަކުންދައްކައެވެ.